މިހާރު ރާއްޖޭގައި އޮތް ވެރިކަމަކީ މިހާތަނަށް ވުޖޫދުވި އެންމެ ނާޤާބިލް ވެރިކަން ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ މިއަދު ސިލްސިލާކޮށް ކުރެއްވި ޓްވީޓްތަކެއްގަ އެވެ.
މިއީ މިހާތަނަށް ވުޖޫދުވި އެންމެ ނާޤާބިލް ވެރިކަން. ކުޑަ ޤައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަޤާމްތައް އިތުރުކޮށްފި. ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކުރުމަކީ މައްސަލައެއް ކަމަކަށް ނުދެކޭ. ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް 2/5
— Mohamed Jameel Ahmed (@MJameelAhmed) December 31, 2019
އެގޮތުން ޖަމީލް ވިދާޅުވީ މި އަހަރު ނިމުނުއިރު ރާއްޖޭގެ އިޤްތިޞާދުގައި ދިރުމެއް ނެތް ކަމަށާއި، ވިޔަފާރިތައް މަރުވެ މީހުން ރޯން ފަށައިފި ކަމަށެވެ. އަދި ބޮޑެތި ވަޢުދުތައް ވީއިރު އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ނުހޯދޭ ކަމަށާއި، ޓެކުހަށް އެކަނި ބަރޯސާވެ ނިމިއްޖެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
“މާނައެއް ނެތް ކުދިކުދި ކަންތައްތަކެއް ގުނުން ފިޔަވައި އުފެއްދުންތެރި ވިސްނުމެއް ނެތް”، ޑރ. ޖަމީލް ވިދާޅުވި އެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ މި ސަރުކާރުން ވަނީ ކުޑަ ޤައުމަކަށް ކުޅަދާނަ ނުވާ ވަރަށް ސިޔާސީ މަޤާމްތައް އިތުރުކޮށްފައި ކަމަށާއި، ބަޖެޓަށްވުރެ އެތައް ގުނައެއް އިތުރަށް ޚަރަދުކުރުމަކީ މައްސަލައެއް ކަމަކަށްވެސް ސަރުކާރުން ނުދެކޭއިރު، ސަރުކާރުގައި ހިންގުމުގެ އެއްވެސް ތަޖުރިބާއެއްވެސް ނެތް ކަމަށެވެ.
“ސިޓީއަކަށް ޖަވާބު ނުލިބި ރައްޔިތު މީހާ ދާއިމީ އިންތިޒާރެއްގައި ހުންނަންޖެހިފައި. އެތައް ކޮމިޝަންތަކެއް، ކޮމިޓިތަކެއް އުފެއްދިޔަސް ޚިދުމަތް ފެއިލްވެފައި. ޙައްޤުތައް ކަށަވަރުކޮށްދޭންވީ ވަޢްދުވީ ބިލާހަކަށް. ޚިޔާލް ފާޅުކޮށްފިނަމަ އަދިވެސް ވަޒީފާ ގެއްލޭ”، ޖަމީލް ވިދާޅުވެފައި ވެއެވެ.
އަދި ޖަމީލް ވިދާޅުވީ މިނިވަން ކޮމިޝަންތަކުގެ ވެރިން ކުރިންވެސް ހަރަކާތްތެރިވި ގޮތަށް މިހާރުވެސް މަސައްކަތް ކުރަނީ ސިޔާސީ އެކްޓިވިސްޓުންގެ ގޮތުގައި ކަމަށާއި، ޖުޑިޝަރީގައި ބަދަލުވީ ހަމައެކަނި މޫނުތައް ކަމަށާއި އަދި ދައުލަތުގެ ވެރިޔަކީ ކާކުކަން ނޭނގޭ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށެވެ. ވަކި ފަރާތެއްގެ ނަން އެ ޓްވީޓްގައި ޖަމީލް ހާމަކުރައްވާފައި ނުވި ނަމަވެސް، ދާދިފަހުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސާ މަރިޔަމް ވަހީދާ ސަރުކާރުގެ އިވެންޓެއް ހުށައަޅުއްވައި ދެއްވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
ކުރީ ސަރުކާރުގައި، ބްރޯޑްކޮމް މެމްބަރުން އޭރުގެ ސަރުކާރުން ބާއްވާ ހަފްލާތަކުގައާއި ސަރުކާރަަށް ތާއީދު ހޯދުމުގެ ގޮތުން ބޭއްވި ކެމްޕޭނު ތަކުގައި ބައިވެރިވާތީވެ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ އިން ފާޑުކީއިރު، މިހާރު އެމްޑީޕީގެ ވެރިކަމުގައި އެފަދަ ކަންތައްތައް ތަކުރާރުވަމުންދާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ ބަދަލް ދިނުމުގެ ނަމުގައި ކޮރަޕްޝަންގެ ދޮރު ހުޅުވާލާފައިވާ ކަމަށާއި، ދަޢުލަތުގެ މުދަލުން ޕާޓީއަށް ކެމްޕެއިން ކޮށްދިނީ އެންމެ އިސްފަރާތުން ކަމަށެވެ.
“ޓްރާންސްޕޭރެންސީއެއް ނެތި މަޝްރޫޢްތައް ދިނުން ވަނީ ސިޔާސަތަކަށް ހަދާފައި. ސަރުކާރު ތެރޭގައި ގޭންގް ހަދައިގެން ކޮރަޕްޝަން ހިންގާ ގްރޫޕެއް އެބައޮތް”، ޖަމީލް ވިދާޅުވި އެވެ.
ޖަމީލް މިމޭރުމުން ޓްވީޓްތައް ކުރައްވާފައިވާއިރު، މި ފެށޭ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމުން ތަންތަން ކުއްޔަށް ދީގެން ލިބޭ އާމްދަނީންވެސް ޓެކްސް ދައްކަން ޖެހޭނެއެވެ. އެހެންކަމުން މިހާރުއްސުރެ ބައެއް ފަރާތްތަކުން ދަނީ ކުލި ބޮޑު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އަދި ކުރީގެ ސަރުކާރު ތަކަށްވުރެ މި ސަރުކާރުގައި ސިޔާސީ މަޤާމްތައް ގިނައިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ދާއިރާތައް އިތުރުކޮށް 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.