ހިތަދޫގައި ހަދާފައިވާ ފްލެޓްތައް ލިބުނު މީހުންކުރި ގިނަ ޝަކުވާ ތަކާއެކު މިދިޔަ އާދީއްތަ ދުވަހު އޭއޯ ނިއުސްގައި ޝާއިޢު ކުރި ލިއުމެއްގައި ވާ ގިނަ ކަންތައްތަކަށް އަލި އަޅުއްވަމުން ރައްޔިތުންގެ އުދާސްތަކާއި ޝަކުވާ ތަކެއް ހުރެދާނެ ކަން ޤަބޫލު ކުރައްވާ ކަމަށް ހައުސިން މިނިސްޓްރީއިން ވިދާޅުވެއްޖެ އެވެ.
އައްޑޫ ފްލެޓް ޕްރޮޖެކްޓުގައިވެސް އެންމެ އިސްކޮށް އުޅުއްވާ ހައުސިންގ މިނިސްޓްރީގެ އާބަން ޑިވެލޮޕްމަންޓް ޔުނިޓްގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޙަސަން އޭއޯ ނިއުސް އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ފްލެޓްތަކާއި ގުޅިގެން ރައްޔިތުންގެ އުދާސްތަކާއި ޝަކުވާތަކެއް ހުރެދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް ގިނަކަންތައްތަކެއް ޙައްލުކޮށްނިމިފައިވާއިރު އެކަން ޤަބޫލު ނުކުރައްވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ މަރާމާތުގެ ޚަރަދަށްވާ ފައިސާ ޙަވާލު ނުކުރެވި އޮތް އޮތުންކަން ފާހަގަ ކުރައްވަމުން ފައިސާގެ މުޢާމަލާތުތައް ހިންގުމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއުތަކެއް އޮންނާތީ ލަސްވެގެން ދިޔަ ކަމުގައި ވިޔަސް އެފައިސާ ހަމަޖެހި މިހާރު ވާނީ ސިޓީ ކައުންސިލްގެ އެކައުންޓަށް ޖަމާކުރެވިފައި ކަމަށް ވިދާޅުވިއެވެ.
“މަރާމާތުކުރަންހުރި ތަކެތީގެ ލިސްޓު ވެރިފަރާތާއި އިންޖިނިއަރުންގެ ޓީމުގެ މީހަކާއެކު ނެގުމަށްފަހު އެއަށް ސަރުކާރުން ކަނޑައަޅާ އަގުތަކެއް ހަމަޖެއްސުމަށްފަހު ފިނޭންސަށް ފޮނުވާ އެތަނުން އެފައިސާ ދޫކުރުމުން މިހާރުވާނީ ކައުންސިލްގެ އެކައުންޓަށް ޖަމާކުރެވިފަ.”
ޙަސަން ވިދާޅުވީ ވީހާވެސް އަވަސް ސްޕީޑުގައި ކަންކަން ނިންމުމަށް ޕްރޮޖެކްޓް ޑިޕާޓްމަންޓުން ރެއާއި ދުވާލު ބުރަ މަސައްކަތް ތަކެއް ކުރަމުން ގެންދާކަމަށެވެ.
“އަޅުގަނޑުމެން އެތަނާއި ޙަވާލުވިއިރު އެއީ ވީރާނާވެ ބޯ ޖަންގައްޔެއްހެން އޮތް ތަނެއް. ކުރިމަތިވި އެތައް ގޮންޖެހުންތަކެއް ގިރާ ކުރުމަށްފަހު ފްލެޓްގެ ޙައްގުވެރިންނަށް އެތަން ޙަވާލު ކުރެވުނ،”.ފްލެޓްގެ ޙާލަތު ބަޔާން ކުރައްވަމުން ހަސަން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ސީދާ ބެއްލެވުމުގެ ދަށުން އޭނާ އިސްވެ ހުންނަވައިގެން އައްޑޫގައި ހޭދަކުރެއްވި 1 މަހާއި 10 ދުވަހުގެ ތެރޭގައި ވަކި ޓްރާންސްފޯމަރެއް ބޭނުންކޮށްގެން ތަނަށް ކަރަންޓް ފޯރުކޮށްދެވުނު ކަމަށާއި ނަރުދަމާގެ ކަންތައް ނިންމާ އަދި ފެންވެސް މިހާރު ގުޅައިދިނުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ.
ތަނުގެ ބިން ލެވެލްކޮށް ވިނަނޮޅާ ސާފުކުރީވެސް ޕްރޮޖެކްޓުން ބޭރުން ސީދާ މިނިސްޓަރުގެ ލަފަފުޅާއިއެކު އެހެން ބަޔަކަށް މަސައްކަތް ދީގެން ކަމަށް ޙަސަން ވިދާޅުވިއެވެ.
” ތަން ސާފު ކުރިޔަސް ތަނުގެ ލޭންޑްސްކޭޕިން ގެ ކަންތައް ފަށާފައިނުވާތީ ރައްޔިތުން ކުރި ޝަކުވާތަކަށް ރައްދު ދެއްވަމުން ޙަސަން ވިދާޅުވީ ފްލެޓް އޭރިޔާ އަލި ކުރުމަށާއި ތަނުގެ ލޭންޑްސްކޭޕިން މިހާރު ބިޑަށް ލާފައިވާކަމަށެވެ.
ބިޑް އިވެލުއޭޓްކޮށް އެމަސައްކަތް އެއްކޮށް ނިމޭއިރު އެތަނުގައި ވޯކްވޭއަކާއި ޕާކިން ޒޯނާއި ގަސްއިންދާނެ ތަނާއި ރެސްޓިން ސްޕޮޓްފަދަ ގިނަ ކަންތައް ތަކެއް ހިމެނިފައިވާނެއެވެ.
ފްލެޓް ތަކުގެ ވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށްޓަކައި އައްޑޫސިޓީ ކައުންސިލުން އެދުނު އެދުމާއި އެއްގޮތަށް 25000 ރުފިޔާއަށް އޮތް ޑައުންޕޭމަންޓް 19000 ރުފިޔާއަށް ތިރި ކުރި ކަމަށާއި އެޢަދަދު 3 މަހުން ބަހާލައިގެން ދައްކާ ގޮތަށް ހަމަޖެއްސެވިކަން ވެސް ޙަސަން ވަނީ ފާހަގަ ކުރައްވާފައެވެ.
މިއާއެކު މެއިންޓެނަންސް ފީއާއި އިންޝުއަރެންސް ގެ ގޮތުގައި ދައްކަން އޮތް ޢަދަދު 1000 ރުފިޔާއިން 550 ރުފިޔާއަށް ކުޑަކޮށްފައިވާކަން ވެސް ޙަސަން ފާހަގަ ކުރެއްވިއެވެ.
ފްލެޓްތަކުގައި ދިރިއުޅޭ ޢާއިލާތަކަށް އައްޑޫ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީގެ އަޅާލުން ނުލިބި އެޢާއިލާތަކުގެ ޝަކުވާތައް އިންތިހާއަށް ގޮސް މިމައްސަލަ ފެންމަތިވުމާއެކު ފްލެޓް މީހުންނާއެކު ހަދާފައިވާ ވައިބަރ ގްރޫޕުގައި އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސާދިޤު (ސޯބެ) ވަނީ ފްލެޓް މަރާމާތުގެ ފައިސާގެ ތެރެއިން ގިނަ ފަރާތްތަކުގެ ފައިސާ ބުރާސްފަތި ދުވަހު ކައުންސިލް ގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފައިސާ ދޫކުރުމުގެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާ ކަމަށާއި 1 ޖެނުއަރީގެ ކުރިން ފައިސާ ޙަވާލު ކޮށް ދިނުމަށް ކައުންސިލުން މަސައްކަތް ކުރާނެ ވާހަކަވެސް މޭޔަރ ވިދާޅުވެފައިވެއެވެ.
އެފައިސާ ލިބުމުގައި ލަސްތަކެއް އުޅޭ ކަމަށްބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ފްލެޓްތަކުގެ ކަންކަން ކުރިއަށް ދާ ގޮތާމެދު ހިތްހަމަ ނުޖެހިގެންނާއި އެހެނިހެން ސަބަބުތަކާއިހެދި ބައެއް ފްލެޓްތައް ލިބުނުމީހުން އެފްލެޓްތައް ދޫކޮށްފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. މިކަމުގެ ސާފު މަޢުލޫމާތު ހޯދާލުމަށްޓަކައި އޭއޯނިއުސްއިން މޭޔަރ ޢަބްދުﷲ ސާދިޤަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެމަޢުލޫމާތު އަދި ސާފުވާގޮތެއް ނުވެއެވެ.
ހައުސިން މިނިސްޓްރީން ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން އަޑު އައްސަވާ ކަމަށާއި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. އަދި މިހާރު ޙައްލު ނުކުރެވި ހުރި ކަންތައްތައް ޙައްލު ކުރުމަށްޓަކައި މިނިސްޓްރީގެ ވަފްދެއް ވަރަށް އަވަހަށް އައްޑުއަށް ވަޑައިގަންނަވާ ގޮތަށް ތާވަލްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ގެދޮރުވެރިކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ހިތަދޫގައި 264 ފްލެޓު، ހުޅުދޫގައި 48 ފްލެޓު އިމާރާތްކޮށްފައިވެ އެވެ. ފްލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ޑިސެންބަރ މަހުގެ 12 އިން ފެށިގެން ސޮއިކުރުން ކުރިއަށް ގެންގޮސް ސޮއިކުރި ފަރާތްތަކުން ވަނީ މިހާރު ފްލެޓުތަކުގައި ދިރިއުޅެން ފަށާފައެވެ