English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް 24 މާރިޗު 2022ގައި އެ މިނިސްޓްރީން ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ބީލަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” އާއި މިނިސްޓްރީ އޮފް ފިނޭންސްގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު” އާއި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ ” ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ” އާ އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 9 މާރިޗު 2023 އިން 3އެޕްރީލް 2023 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 (ރަމަޟާން މަހު: 09:30 އިން 13:00) އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އެ މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓުން 9 މާރިޗު 2023 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/1,100,000ރ (އެއްމިލިއަން އެއްލައްކަ ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ބިޑުތައް ހުޅުވުން އޮންނާނީ 5 އެޕްރީލް 2023 ވާ ބުދަ ދުވަހުގެ 11:00:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި، ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް އެ މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.