English Edition
Dhivehi Edition
ބޭރުމަތި އެފްސީ އަދި ގޯދިއްޔާ ބައްދަލު ކުރި މެޗު / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ މުބާރާތުގައި، ފުރަތަމަ ބުރުން ގްރޫޕު އޭ ގެ އެއްވަނަ, އެފްސީ ބޭރުމަތި ހޯދައިފިއެވެ.

އެފްސީ ބޭރުމަތި އެއްވަނަ ހޯދާފައިވަނީ، މަރަދޫ ގޯދިއްޔަ އާއި އެކު ބައްދަލު ކުރި މެޗު 0-5 އިން ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރުމަށް ފަހުއެވެ. މިމެޗުގެ ފުރަތަމަ ލަނޑު އެފްސީ ބޭރުމަތިޓީމަށް ކާމިޔާބު ކޮށްދިނީ، މެޗުގެ ދެވަނަ މިނެޓުގައި މުހައްމަދު ސަބާހުއެވެ. ބޭރުމަތި ޓީމުގެ ހަމަލާތައް އިތުރު ކުރަމުން ދިޔަ ނަމަވެސް މިހާފުގައި އެޓީމަށް ލިބުނު ގިނަ ފުރުސަތު ނިންމާނުލެވެއެވެ. ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ، މޫސާ ވަހީދެވެ. މިހާފު ނިމިގެން ދިޔައީ 0-2 ގެ ނަތީޖާއަކުން ބޭރުމަތި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ބޭރުމަތި ޓީމުންނެވެ. މިމެޗުގެ ދެވަނަ ހާފުގައި ބޭރުމަތި ޓީމުން 2 ލަނޑު ވަނީ ޖަހާފައެވެ. އެގޮތުން އެޓީމުގެ 3 ވަނަ ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ، އިބްރާހީމް ޝާހިދުއެވެ. ބޭރުމަތީގެ ލީޑު އިތުރަށް ބޮޑުވެގެން ދިޔައީ، އެޓީމުގެ އަހުމަދު ހަބީބު ޕެނަލްޓީ އޭރިއާ ބޭރުން ޖެހި ބޯޅަ 82 ވަނަ މިނެޓުގައި ގޯލަށް ވަދެގެންނެވެ. މެޗުގެ 5 ވަނަ ލަނޑަކީ، ގޯދިއްޔާގެ ހަސަން ލައުހު އެޓީމު ގޯލް ކުރިމަތިން ބޭރުމަތި ޓީމު ހުރަސް ކުރި ބޯޅަ ބޭރު ކުރަން ފައިން ޖެހުމުން ބައިކޮޅަށް ވަދެގެން ޖެހި ލަނޑެކެވެ.

މިމެޗާއި އެކު ބޭރުމަތި ޓީމު މުބާރާތުގެ ފުރަތަމަ ބުރު ނިންމާލީ، 6 ޕޮއިންޓާއި އެކު ގްރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. މިގުރޫޕުގައި ބޭރުމަތި ހުރިހާ މެޗަކުން މިހާތަނަށް މޮޅުވި އިރު، ގޯދިއްޔަ، ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. މިގުރޫޕުގެ ދެވަނަ ހޯދި ޓީމު، މުލިމަތި ޔުނައިޓެޑް ބޭރުމަތި އަތުން ވަނީ ބަލިވެ، ގޯދިއްޔާ އަތުން މޮޅުވެފައެވެ.

އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކުރާ މިމުބާރާތުގައި މިއަދު ކުޅޭނީ، ފޭދޫ ސްޕޯޓްސް އާއި ޒެފިއާއެވެ. މިއީ ގްރޫޕް ބީގެ އެންމެ ފަހު މެޗެވެ. ފޭދޫ ސްޕޯޓްސް ކުޅުނު ފުރަތަމަ މެޗުން މޮޅުވި އިރު، ޒެފިއާ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. މިމެޗު ހަވީރު 4:00 ޖަހާ އިރު ފަށާނެއެވެ.