ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ ގައި ގައިތްރީ(ގަޔޫ)ގެ ބައި ކުޅެމުން އަންނަ ކާންޗީ ސިންގް އެ ޑްރާމާ ހުއްޓާލަން ނިންމާފައިވާކަމަށް ބުނެފިއެވެ.
ސްޓާ ޕްލަސް އިން ދައްކަމުން އަންނަތާ 08 އަހަރުވެފައިވާ މި ޑްރާމާއިން ކާންޗީ ވަކިވާން ނިންމީ އޭނާއަށް ޑްރާމަގައި ދީފައިވާ ރޯލު ކުޑަކަމުން ކަމުގައި އޭނާވަނީ ބުނެފައެވެ. އަދި ޑްރާމާއިން ވަކިވުމަށްޓަކައި ތިންމަސް ކުރިން ނޯޓިސްދީފައިވާކަމަށްވެސް ކާންޗީވަނީ ބުނެފައެވެ.
މިދިޔަ އަހަރު މިޑްރާމާ އާއި ކަންޗީ ގުޅުނީ އޭނާގެ ރޯލު ފުޅާކޮށް ރަގަޅު ރޯލެއް ދޭނެކަމަށް ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން ބުނުމުންނެވެ.އެހެންނަމަވެސް މިހާތަނަށް އޭނާގެ ލީޑް ފުޅާކޮށް އޭނާގެ ހުނަރު ދައްކާލުމުގެ ފުރުސަތެއް ލިބިފައި ނުވާކަމަށް ކާންޗީ ވަނީ ބުނެފައެވެ. “އަހަރެންގެ ރޯލަކީ އެއްވެސް މުސްތަގުބަލެއް ނެތް ރޯލެއް. މުޅި ޑްރާމާ އެބުރެމުންދަނީ ނައިރާ އާއި ކާތިކްގެ ދިރިއުޅުމާއި ދިމާއަށް. އެހެންތަރިނެ ރޯލުތައް މިފެންނަނީ އެއްފަރާތްކޮށްފައިވާތަން. އަހަރެން ޑްރާމާއިން ވަކިވިޔަސް އަދި އަހަންނާއި ދޭތެރޭ މި ގޮތަށް ކަންތައް ދިމާވިޔަސް އަހަރެން އެދެނީ އެ ޓީމަށް ކުރިއެރުމާއި ކާމިޔާބީ” ޑްރާމާގައި ކުޅެމުންދާ ރޯލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ކާންޗީ ބުނެފައިވެއެވެ.މީގެ އިތުރުން ކާންޗީ ބުނެފައިވަނީ ދެން ޑްރާމާއެއް ކުޅޭ އިރު އޭނާގެ މުސްތަގުބަލާއި މެދުވެސް ވިސްނާނެކަމަށާއި އެހެންކަމުން ލީޑް ރޯލު ނޫން އެހެން ރޯލެއް ނުކުޅޭނެ ކަމަށެވެ.
ކާންޗީގެ މި ނިންމުމާއި މެދު އޭނާގެ ލޯބިވެރިޔާ އަދި ކުރިން ޑްރާމާގައި ނަކްޝްގެ ރޯލުން ފެނިގެން ދިޔަ ރޯހަން މެހެރާ ބުނެފައިވަނީ މީ ކާންޗީ ނިންމި ރަގަޅު ނިންމުމެއް ކަމަށެވެ. މި ދެތަރިންގެ އިތުރުން މިޑްރާމާގެ ލީޑް ރޯލުގައި ހަރަކާތްތަތެރިވަމުން ހީނާ ހާން(އަކްޝަރާ) އާއި ކަރަން މެހެރާ(ނިތިކް) ވެސް ވަނީ ޑްރާމާ އިން ވަކިވެފައެވެ