English Edition
Dhivehi Edition
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް - ފޮޓޯ: ފަޔާޒް މުސާ (ސަން)

މާލެ ފުރުމުގެ ވާހަކަ ދެކެވޭނީ ކުޑަ ކޮޓަރީގަ ފިތިބާރުވެފައި ތިބި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުން ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

 

މިނިސްޓަރ މަލީހު މިހެން ވިދާޅުވީ މާލެއާއި ތިލަފުށްޓާއި ގުޅީފަޅުގެ ޗާޓެއްގެ އިތުރުން މާކެޓް ޑިމާންޑް އާއި މާކެޓް ސަޕްލައިގެ ގްރާފެއް އެޓޭޗްކުރައްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

“މި ޙަޤީޤަތުން ބޭރަށް ދާންވީ ކީއްވެ؟ މާލެ ޒޯނުން ފްލެޓު ހޯދަން 20،000 ރައްޔިތުން އެބައުޅޭ”، އެ ޓްވީޓްގައި މަލީހު ވިދާޅުވެފައި ވެއެވެ.

މަލީހު ވިދާޅުވީ ކޮންމެ ޤައުމެއްގެވެސް ވެރިރަށުން އަމިއްލަ ބޯހިޔަލެއް ހޯދުމަކީ އެންމެންގެވެސް އުއްމީދު ކަމަށާއި، މާލެ ފުރުމުގެ ވާހަކަ ދެކެވޭނީ ކުޑަ ކޮޓަރީގައި ފިތިބާރުވެފައި ތިބި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުނީމާކަމަށެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ މާލެ ސިޓީ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ވިދާޅުވެ އިއްޔެ ކުރެއްވި ޓްވީޓެއްގެ ސަބަބުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

އެ ޓްވީޓްގައި މަލީހު ވިދާޅުވެފައި ވަނީ މާލެ ފުރެން އަދި ކައިރިވެސްނުވާ ކަމަށާއި، މާލެއަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވައްސާއި، ވިލިމާލެ އާއި ގުޅިމާލެ އަދި ތިލަމާލެ ކަމަށެވެ.

“މި ވެގެންދާނީ ބޮޑު ޝަހަރަކަށް. ހައުސިންގގެ ތަފާތު ވެރައިޓީ އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓް، ގްރީން އޭރިއާ، ޕާކިންގ، ޝޮޕިންގ މޯލް، ސިނެމާ އަންނަންވީ. އަދި ފުރިހަމަވާން ކައިރިވެސް ނުވޭ”، މިނިސްޓަރ ވިދާޅުވި އެވެ.

މަލީހު މިމޭރުމުން ޓްވީޓް ކުރެއްވިއިރު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މީގެ ކުރިން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގައި ރާއްޖޭގައި ހަތަރު އިޤްތިޞާދީ ހަބެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ފުރަތަމަ ތަރައްޤީ ކުރެވޭނީ އައްޑޫ ސިޓީ ކަމަށެވެ.

އަދި މި ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީ އަކީ ވަރުގަދަ އިޤްތިޞާދީ ހަބަކަށް ހަދައި، މާލެ އަށް ބަރޯސާވާ ބަރޯސާވުން ނައްތާލުން ކަމުގައިވެސް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.