English Edition
Dhivehi Edition
އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕު ޒެފިއާ އާއި ރިވެރިން ބައްދަލު ކުރި މެޗު / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި ޒެފިއާ ބަލިކޮށް ކްލަބު ރިވެރިން އެޓީމުގެ ފުރަތަމަ 3 ޕޮއިންޓް ކަށަވަރު ކޮށްފިއެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ކުޅުނު މިމެޗު ރިވެރިން ކާމިޔާބު ކުރީ، 1-5 އިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ރިވެރިން އިންނެވެ. މި ލަނޑަކީ ޒެފިއާ ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހިގެން ރިވެރިން އަށް ލިބުނު ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. ރިވެރިން ޓީމުން މިހާފުގެ ބޮޑުބައި ކޮންޓްރޯލް ކޮށް ވަނީ އިތުރު ލަނޑެއް ވެސް ޖަހައިގެންނެވެ. މިހާފުގައި އެޓީމަށް ދެވަނަ ލަނޑު ޖަހާފައި ވަނީ، ހަސަން އައިކްއެވެ. މިހާފު ނިންމާލީ 0-2 ގެ ނަތީޖާއިން ރިވެރިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ރިވެރިން ޓީމު ހަމަލާތަށް ދިޔައީ ދެމުންނެވެ. އެގޮތުން މިހާފު ފެށުނު ތަނާއި ހެން އެޓީމުގެ ދާނިޝް އިބްރާހިމް ވަނީ 46 ވަނަ މިނެޓުގައި ލަނޑު ޖަހާފައެވެ. މެޗުގައި ޒެފިއާ ޓީމަށް އެންމެ ލަނޑެއް ކާމިޔާބު ކުރުވުނު އިރު، އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މުހައްމަދު އާލިފްއެވެ. މެޗުގައި ރިވެރިން ޓީމަށް 4 ވަނަ ލަނޑު ޖަހައި ދީފައި ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހައި ދިން ހަސަން އަލްފާފްއެވެ. އެޓީމުގެ 5 ވަނަ ލަނޑު 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރައުޝާން އަހުމަދެވެ. މިއާއި އެކު ރިވެރިން މެޗުން މޮޅުވީ 5 ލަނޑު 1 ލަނޑުންނެވެ.

މިއަދުގެ މެޗާއި އެކު ރިވެރިން މިވަނީ އެޓީމުގެ ފުރަތަމަ 3 ޕޮއިންޓް ކަށަވަރު ކޮށްފައެވެ. މިމުބާރާތުގައި މާދަމާ ކުޅޭނީ، ގޯދިއްޔާ އެންޖީއޯ އާއި އެފްސީ ބޭރުމަތިއެވެ. މިމެޗު ފަށާނީ ހަވީރު 4:00 ގައެވެ. މިއީ އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތެކެވެ.