“ވެލްކަމް ޓު އައްޑޫ ސިޓީ” އޭނާ ހުންނަން ހަމަޖެހިފައިވާ ހޮޓަލުގެ ނަން ޖަހާފައި ހުރި ބޯޑެއް ހިފައިގެން، ޔުނިފޯރމުގައި ހުރި ސްޓާފަކު ހިނިތުންވެލަމުން ބްރާޔަން އަށް މަރުހަބާ ކިޔެވެ. އަދި ސަލާން ކޮށްލަމުން ހާލު އަހުވާލު އޮޅުން ފިލުވާލިއެވެ. ބްރާޔަން ވެސް އޭނައާއި ސަލާން ކޮށްލަމުން އޭނަގެ ލަގެޖް ދައްކާލިއެވެ.
ދެތިން މިނެޓްގެ ދުއްވުމަކަށް ފަހު ހުންނަން ޖެހޭ ހޮޓަލަށް އާދެވުމުން ބްރާޔަން ހައިރާން ވިއެވެ. އެ ހޮޓަލް ހުންނަނީ އެއާޕޯޓުގެ ވަރަށް ކައިރީގައި ކަން ކުރިން ވެސް އޭނައަށް އެނގެއެވެ. ނަމަވެސް މިހާކައިރިވެދާނެ ކަމަކަށް ކުރިން ހިތަކަށް ނާރައެވެ.
ހޮޓަލުގެ ވެހިކަލް ގައި އައިސް ހުދުކުލައިގެ އިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލުމުން ބްރާޔަން އެއިން ފޭބިއެވެ. އެވަގުތު ހޮޓަލުގެ މެނޭޖަރު އޭނައަށް ހިނިތުންވުމާއެކު މަރުހަބާ ކިޔެވެ. އަދި އެހެން ސްޓާފަކު ވެލްކަމް ޑްރިންކެއް ދިއްކޮށްލަމުން އިށީންނަށް ތަން ދެއްކިއެވެ. ބްރާޔަން އަށް ހީކުރެވުނީ ދެނެފަރިތަ ގާތް ބައެއްގެ ގާތަށް އާދެވުނީ ކަމަށެވެ. އެންމެން ގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި އޭނައަށް މެޙްމާންދާރީ އަދާކުރާގޮތް ބްރާޔަންއަށް ވަރަށް ކަމުދިޔައެވެ. އެކަމަށްޓަކައި ޝުކުރު އަދާކުރަމުން ލޮބީގައި ހުރި ގޮނޑިއެއްގައި އޭނާ އިށީނދެ ވަށައިގެން ހޯދާލިއެވެ. އެއްމަސް ދުވަސް އޭނާ ހޭދަކުރަން ޖެހޭނެ ތަނަކީ މިއީ އެވެ!
“އީކުއޭޓަރ ވިލެޖް” ގެ ނަން ޖަހާފައިވާ ހުދުކުލައިގެ މި އިމާރާތް އޭނައަށް ވަރަށް ކަމުދިޔައެވެ. ކުރިމަތިން ފެންނަން އޮތް ފެހިކުލައިގެ ބަގީޗާއާއި އެތަނުގައި ގަސް އިންދާފައިވާ ގޮތް ހިތްގައިމެވެ. ވަކިން ޚާއްޞަކޮށް ތަނުގެ މުވައްޒަފުންގެ ފަރާތުން ފެނުނު ގާތްކަން ވެގެން ދިޔައީ އޭނާ އެތަނަށް ލޯބި ޖެހުނު އެއް ސަބަބަށެވެ. އެއަށް ވުރެ އިތުރަށް ޚާއްޞަވެގެން ދިޔައީ ވެލްކަމް ޑްރިންކާއެކު ސަދަންހެމިސްޕެއަރ އަށް އާދެވުނު ކަމަށްޓަކައި މަރުހަބާ ކިޔަމުން ދިން ސެޓްފިކެޓްގެ ސަބަބުންނެވެ.
ކުރުނބާ ބޮމުން ދިޔައިރު ތަނުގެ މެނޭޖަރު އޭނައާއި ވާހަކަ ދައްކަން ކުރިމަތީގައި އިނެވެ. ކޮންމެވެސް ވަރަކަށް މޯލްޑިވްސް އަދި އައްޑޫސިޓީއާއި ބެހޭ މައުލޫމާތު އެވަގުތުވެސް މެނޭޖަރުގެ ކިބައިން އޭނަ ހޯދާލިއެވެ. އެއަށްފަހު ދަތުރުގެ ވަރުބަލި ފިލުވާލުމަށާއެކީ އޭނަގެ ކޮޓަރިއަށް ބްރާޔަން ދިޔައެވެ.
ބްރާޔަން އެންމެ އުފާވީ މޫދުކަރިން އޭނައަށް ކޮޓަރިއެއް ލިބުނީތީއެވެ. މޫދުގެ ނޫކުލައިގެ ލޮނުގަނޑު ސާފުކަމާއެކު ދިމާއަށް ފެންނަން އޮތީތީއެވެ. ހަމަ އެއާއެކު ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑު ހުއްޓުމެއްނެތް މިޔުޒިކެއް ފަދައިން އިވެމުންދާތީއެވެ.
ކޮޓަރިއަށް ވަދެ ފެންވަރާލައިގެން އޭނާ އެނދުގައި ޖައްސާލިއެވެ. އެންމެ ލަގްޒަރީ ނޫނަސް އާދައިގެ ގޮތަކަށް ފަރުމާ ކޮށްފައިވާ މިތަން އޭނައަށް ނުހަނު ކަމުދިޔައެވެ. ބްރާޔަން ބޭނުންވީ ވެސް މިފަދަ ތަނެކެވެ. ހަމަހިމޭން މާހައުލެކެވެ. ގުދުރަތީ ވެއްޓެކެވެ. އެސްފިޔަތައް ބަރުވެ ނިދެމުން ދިޔައިރު ވެސް އޭނައަށް އިވެމުން ދިޔައީ ރާޅުތަކުގެ މިޔުކީއަޑެވެ. މަޑުމަޑު ނާނާއެއްފަދައިން އެ އަޑު އޭނަގެ ސިކުނޑިއަށް އިތުރު މަސްތުކަމެއް ވެރިކުރުވިއެވެ.
އެގޮތަށް އޮވެ އޭނައަށް ނިދުނީ ކިހާއިރަކު ކަމެއް ވެސް ނޭނގެއެވެ. ހޭލެވުމާއެކު ކަންނެތް ގޮތަކަށް އޮވެ ލޮލުގެ ހިމަކޮޅުން އޭނަގެ ފޯނުން ގަޑި ބަލާލިއެވެ.
“އަސްތާ! 3 ޖަހަނީ. ހާދަވަރަކަށް މި ނިދާލެވުނީ.” އެނދުން ތެދުވެ ހިންދެމިލަމުން އޭނަ އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުންގޮސް ކޮފީއެއް ތައްޔާރުކޮށްލިއެވެ. އަދި ތަށި ހިފައިގެން އައިސް ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ހުރެ މަޑުމަޑުން ކޮފީ ބޮމުން ވަށައިގެންވާ މާހައުލަށް ބަލަމުން ދިޔައެވެ. އެވަގުތުވެސް ކުރިމަތިން ފެންނަން އޮތް މޫދަށް އެރިލާހިތް އޭނަ ވިއެވެ. ހުދު ދޮންވެލީގައި ހިނގަމުން ރާޅުތަކުގެ ފޮނުން ދެފައި ތެތްމާލާ ހިތްވިއެވެ. އެހެނަސް ތަށީގައި ހުރި އެންމެ ފަހު ކޮފީފޮދު ކަރުތެރެއަށް އަޅާލަމުން އޭނަ އަލުން އެނބުރި ކޮޓަރިއަށް ވަނެވެ.
ހޫނުފެނުން ފެންވަރާލައިގެން ތާޒާވެލައިގެން ބްރާޔަން ބޭރަށް ނިކުތެވެ. ވަށައިގެން ހެދިފައިވާ ގަސްތަކުގެ ތެރެއިން ހިނގަމުން ގޮސް ލޮބީއަށް ވަން އިރު އެތަނުން މެނޭޖަރާ ބައްދަލުވިއެވެ. ސަލާންކޮށްލަމުން މެނޭޖަރާއެކު އޭނާ އަނެއްކާވެސް ކޮފީއަކަށް ޖައްސާލިއެވެ. އޭނާ ބޭނުންވީ މިތަނާ ބެހޭ ގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވާށެވެ. ޗުއްޓީގައި ކުރުމަށް އޭނާ ބޭނުންވާ ކަންތައްތަކާއި އަދި އެތަނުގައި ކުރެވޭނެ ކަންތަކަކީ ކޮބައިކަން އެނގިގަންނާށެވެ. އެ ހުރިހާ ސުވާލުތަކަކަށް މެނޭޖަރު ދިން ޖަވާބު ވަރަށް ސާފުވެފައި އިތުރަށް އޭނާ ޝައުގުވެރިވިއެވެ. އަދި މެނޭޖަރާއެކީ ސައިކަލުގެ ފަހަތުގައި އިނދެގެން އެ ސަރަހައްދު ބަލާލަން ހޮޓަލުން ބޭރަށް ނިކުތެވެ.
އެއީ އައްޑޫސިޓީގެ ގަން ކަމަށާއި ގަމަކީ މުއްސަނދި ތާރީޚެއް އޮތް ތަނެއްކަން އޭނައަށް އެނގުނެވެ. އެއީ އެއް ދުވަސްވަރެއްގައި އިނގިރޭސިންގެ މިލިޓްރީ މަރުކަޒެއް ކަމަށާއި ރާއްޖޭގެ އެންމެ ފުރަތަމަ ޒަމާނީ ވަސީލަތް ތަކާއެކު ތަރައްގީވި ތަނަކީ މިތަންކަން އޭނައަށް އެނގުނެވެ. މިހާރު ބޭނުންކުރާ އެއާޕޯޓަކީ މީގެ އެތައް އަހަރެއް ކުރިއްސުރެ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ތަނެއް ކަމާއި ގަމުގައި ހިންގި ޒަމާނީ ފެންވަރުގެ އިންޖީނުގެއާއި ފެކްޓަރީ ތަކުގެ އިތުރުން މުޅި ރާއްޖެއަށް ޚިދުމަތް ދެވޭފަދަ ބޮޑު ހޮސްޕިޓަލުގެ ވާހަކަ މެހޭޖަރު ކިޔައިދިނެވެ. އަދި އިނގިރޭސި ޝާހީ އާއިލާއިން އެތަނަށް ޒިޔާރަތް ކުރިކަމަށާއި އިނގިރޭސިން އެތަނުގައި އުޅުނުކަން ރަމްޒުކޮށްދޭ ތަންތަން ބަލާލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެއް ދުވަހަކަށް ބަލާފައި އެނގިގެން ދިޔަ ގިނަ މައުލޫމާތުތަކަށް ޓަކައި މެނޭޖަރަށް އޭނަ ޝުކުރު އަދާކުރިއެވެ.
“މިރޭ މިތަނުގައި އެބައޮތް ސަގާފީ ހަރަކާތެއް. ބަލާލަން އަންނަން ވާނެއެއްނު” ދައުވަތު ދޭ ރާގަކަށް މެނޭޖަރު އެހެން ބުނުމުން ބްރާޔަން އަދި އިތުރަށް ޝައުގުވެރިވިއެވެ.
“ޔަގީނެއް ނު” ހިނިތުން ވެލަމުން ބްރާޔަން ބުނެލިއެވެ.
އިރު އޮއްސި މާ ގިނަ އިރެއް ނުވެ ތަނަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. ތަފާތު ގޮތަކަށް ހެދުން އަޅައިގެން ތިބި ޒުވާން ފިރިހެން ކުދިން ތަކެއް މިޔުޒިކް ކުޅޭ ސާމާނާއެކު ވަދެގެން އައިތަން ފެނުނެވެ. ހަމަ އެއާއެކު ދިހުންއަރާ ކުލަކުލައިގެ ލިބާސްތަކުން ޖަރީވެގެން ތިބި އަންހެން ކުދިން ވެސް ފަރިފަރިއަށް ހިނގަމުން ދެކޮޅަށް ހިނގާތަން ފެނުނެވެ. މި ހުރިހާ މަންޒަރެއް ބަލަން އެއްފަރާތެއްގައި ހުރި ގޮނޑިއެއްގައި ހިނިތުން ވެލައިގެން ބްރާޔަން އިނެވެ. އެގޮތަށް އިން އިރު އޭނަގެ ހިތަށް އަރަމުން ދިޔައީ ދިވެހިންގެ ސަގާފީ ހެދުމުގެ ފުރިހަމަކަމެވެ. ވަކިން ޚާއްޞަކޮށް އަންހެންކުދިންގެ ފަރިކަމެވެ. ރަންގަހެއް ހެން ހެދިގެން ތިބިއިރު އެހެދުމާ އެކުދިންގެ ހަށިގަނޑާ ގުޅޭ ކަމެވެ. އަދި ހެދުމާއެކު ފުރިހަމަ ކޮށްފައިވާ ގަހަނާއާއި އަތު އުޅާތަކުން އިއްވާލާ މިޔުޒިކެވެ.
ކުޑަ އިރުކޮޅެއް ނުވެ މިޔުޒިކު ފަށައިފިއެވެ. އެއީ ބޮޑު ބެރު ކަމާއި ބޮޑުބެރަކީ ދިވެހިންގެ ސަގާފީ މިޔުޒިކެއްކަން އޭނައަށް މިހާރު އޮތީ އެނގިފައެވެ. ބޮޑުބެރާ ބެހޭ މައުލޫމާތު މިހާރު ގޫގުލް އިން ވެސް އޭނާ ހޯދާލައިފިއެވެ. އެހެންކަމުން އެކުދިންގެ ހަރަކާތްތަކަށް ބަލަން ބްރާޔަން އިނީ ޝައުގުވެރިކަމާއެކީގައެވެ.
“ފްރެޝް ޖޫސް” ތަބަކެއްގައި ހުރި ކަރާފަނި ތައްޓެއް އޭނައާ ދިމާއަށް ދިއްކޮށްގެން ހިނިތުންވެލައިގެން ހުރި އަންހެން ކުއްޖާއާއި ދިމާއަށް ސިހިފައި ބްރާޔަން ބަލާލިއެވެ.
“އޯހް..ތޭންކްސް” ހަމަޖެހިލަމުން އެކުއްޖާގެ އަތުން އޭނާ ޖޫސްތަށި އަތުލިއެވެ. އެވަގުތު ރަތްކުލައިގެ ސަގާފީ ހެދުމެއްގައި ހުރި އަންހެން ކުއްޖާގެ މޫނަށް އޭނަ ބަލާލިއެވެ. ރަކި ގޮތަކަށް ހިނިތުންވެލައިގެން ހުރި އަންހެން ކުއްޖާ އަކީ ވަރަށް ރީތި ކުއްޖެއް ކަމަށް ބްރާޔަން އަށް ގަބޫލު ކުރެވުނެވެ.
“ބިޔުޓިފުލް” ބޭ އިޚްތިޔާރުގައި ބްރާޔަން އަށް ބުނެލެވުނެވެ.
“ތޭންކްސް” ހީނލުމަކާއެކު އެކުއްޖާ ތައުރީފް ބަލައިގަތެވެ. އަދި ތަބައްހިފައިގެން ހިނގައިގަތެވެ. އެވަގުތު އޭނަގެ އަތުގައި އަޅާފައިހުރި އުޅާތަކުން މަޑު މިޔުޒިކެއް އުފެދިގެން އައެވެ.
(ނުނިމޭ)