ހެނދުނު ހޭލި ގޮތަށް މިއަދު އޭނާ އިނީ ކޮޓަރީގައެވެ. ޗުއްޓީ ކަމުގައި ވިޔަސް އަމިއްލަ ކުންފުނީގެ މަސައްކަތް ހިނގާ ނުހިނގާގޮތް އޭނަ އަބަދުވެސް ދަނީ ބަލަމުންނެވެ. އެހެންކަމުން އޭނަ ކުރަން ޖެހިފައި ހުރި މުހިއްމު މަސައްކަތް ތައް ހެނދުނު ނިންމާލާނީ އޭ ހިތައި އެމަސައްކަތުގައި އަވަދިނެތި ބްރާޔަން އިނެވެ. މިއަދުގެ ހެނދުނު، އެންމެ ކޮފީއަކުން ނިންމާލިނަމަވެސް މެންދުރުގެ ކެއުން ޚާއްޞަ ވާނެކަން އެނގޭތީ އެކަމަށް ވެސް އޭނާ ހުރީ ތައްޔާރުވެގެންނެވެ.
މެންދުރު ބާރަ ޖެހުމަކާ ގާތް ވަންދެން މަސައްކަތުގައި އުޅުމަށް ފަހު ފެންވަރައި ތާޒާ ވެލައިގެން އޭނާ ބޭރަށް ނިކުތެވެ. ކުޑަކޮށް ވިއްސާރައިގެ ކުލަވަރު ދައްކާފައި އޮތް ނަމަވެސް އެވަގުތު އުޑުމަތި އޮތީ ސާފުކޮށެވެ. ވަށައިގެން ހައްދާފައިވާ ގަސްތައް ހުރީ ފެނުގެ ސަބަބުން ފިނި ބަރުވެފައެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާ އޭނަގެ އިންތިޒާރުގައި ހުރި މެނޭޖަރު ފެނުނެވެ. މެނޭޖަރަށް ސަލާން ކޮށްލަމުން ދާންވީ ދޯއޭ ބްރާޔަން އަހާލިއެވެ. އާނއެކޭ ބުނަމުން ސައިކަލް ގައި މެނޭޖަރު ބޭރަށް ނިކުންނަން އައެވެ.
ދިހަ ވަރަކަށް މިނެޓަށް ސައިކަލް ދުއްވުމަށް ފަހު ދާން ޖެހޭ ގޭގެ ކުރިމައްޗަށް ސައިކަލް މަޑުކޮށްލިއެވެ. އޭރު ތަންކޮޅެއް ދުރުން ބައިސްކަލެއްގައި ހަސަންބެ އަންނަތަން ފެނެއެވެ. އެމީހުން ކައިރިއަށް އައިސް ބައިސްކަލް މަޑުކޮށްލަމުން ހަސަންބެ ބޮލުގައި އޮތް ތާކިހާ ނަގާފައި ޖީބަށް ލިއެވެ. އަދި އެމީހުންނާ ސަލާން ކޮށްލިއެވެ.
“މިސްކިތް ދޮށުން ދޯ ތިއައީ” މެނޭޖަރު ވާހަކަ ދެއްކީ ހަސަން ބެއާއެވެ.
“އާން. ގަޑިއަށް އަންނަން ވެގެން އިތުރަށް މަޑުވެސް ކޮށްނުލާ މިއައީ . އަވަހަށް ހިނގާ އެތެރެއަށް” ދައުވަތު ދެމުން ހަސަންބެ އެތެރެއަށް ވަނެވެ.
އެއީ އާދައިގެ ވަރަކަށް ހަދާފައިވާ ރީތި ގެއެކެވެ. ގޭގެ ބޭރުގައި ތެރޭގައި ތަރުތީބުން އިންދާފައިވާ މާގަސްތަކާއި ކުނި ނަގައި ސާފުކޮށްފައިވާ ގޯތި ތެރެއިން މިގޭގައި ދިރިއުޅޭ މީހުންގެ ސާފުތާހިރުކަމާއި ފާޑުވެރިކަން ދައްކުވައިދެއެވެ. ގޭގެ މައިދޮރުން އެތެރެއަށް ވަން ވަގުތު ކާތަކެތީގެ މީރުވަސް އެމީހުންނަށް މަރުހަބާ ކިޔެވެ. އެވަހާއެކު ބަނޑުހައިކަން ބްރާޔަން އަށް އިހްސާސް ކުރެވިގެން ދިޔައެވެ.
ވަކިން ހަދާފައި ހުރި ކާ ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި ތަރުތީބުން ކާތަކެތި އަތުރާފައި ހުއްޓެވެ. އެ މޭޒުމަތީގައި އިތުރު އެއްޗެއް ބަހައްޓާނެ ޖާގައެއް ނެތް މިންވަރަށް ނަން ހުސްކޮށް ތަކެތި ހުއްޓެވެ. ހަސަންބެ އެމީހުންނަށް އެތަކެތި ކިޔައިދެމުން ދިޔައެވެ. އަދި މޭޒުކައިރީގައި ހުރި ހަސަންބެގެ އަންހެނުން އަޒީޒާ ދައްކާލަމުން މިއީ ވަރަށް މީރުކޮށް ކައްކާ މޮޅު ކައްކާއެއްކަމަށް ބުނެ އަންހެނުންނަށް ތައުރީފު ކުރިއެވެ. ރަކި ހިނިތުންވުމެއްގައި ހުރި އަޒީޒާ އެމީހުންނަށް ސަލާން ކޮށްލަމުން މަސައްކަތުގައި ޝާމިލުވިއެވެ.
އެ ކެއުން ބްރާޔަން އަށް މީރުވިއެވެ. އޮޅުއަލައާއި ރިހާކުރުފެނާއެކު ހުންޏާއި މިރުހާއި ލުބޯ އަދި ފިހުނުމަސް ލައިގެން ހަސަންބެގެ އަންހެނުން މޮޑެދިން ތަށިން ގަޔާވެގެން އިނދެ އޭނަ ކެޔެވެ. އެތަނުގައި ހުރި ކޮންމެ އެއްޗެއްވެސް މީރުވެފައި ރަހަ ރަނގަޅުކަމަށް ބްރާޔަން ގަބޫލުކުރިއެވެ. އަދި ވަކިން ޚާއްޞަކޮށް ފިހެފައި ހުރި ފަރުމަހުގެ ރަހަތައް ހުރިހާ ގޮތަކުން ވެސް ފުރިހަމައެވެ.
ކައިނިމިގެން ކުޑައިރުކޮޅަކު އެގޭގައި ތިބުމަށްފަހު އެމީހުން އެނބުރިދާން ނިކުތެވެ. ވިއްސާރައިގެ ކުލަވަރު ދައްކައި އުޑުމަތި ބަނަވާން ފަށާފައިވާތީ އަވަހަށް ހޮޓަލަށް ދާން އެމީހުން ބޭނުންވިއެވެ.
“މާދަމާރޭ އެބައޮތް މިގޭގައި ބާބެކިއުއެއް. ބްރާޔަން ގޮވައިގެން އަންނަން ވާނެ އިނގޭ” ހަސަން ބެ އަނެއްކާ އިތުރު ދައުވަތެއް ދިނެވެ.
“އަނެއްކާ ކޮން މުނާސަބާއެއްތަ” މެނޭޖަރު ސުވާލުކޮށްލިއެވެ.
“އަހަރެންގެ ކޮއްކޮގެ 20 ވަނަ އުފަން ދުވަސް ފާހަގަކުރަން ކުޑަ ކަމެއް ބާއްވަން ކަމަށް. އެމީހުން ބޭނުންވަނީ ބާބެކިއު ހަދަން އެހެންވެ. ޖެހޭނެއެއްނު ބާބެކިއުގެ މީރު ރަހަވެސް ބްރާޔަން އަށް ދައްކާލަން ދޯ” ހީނލަމުން ހަސަންބެ ދިން ދައުވަތު އެމީހުން ގަބޫލުކުރީ ހިތުން ރުހުމުންނެވެ. ހަމަ އިއްޔެ ދިމާވި ހަސަންބެ އާއި އަދި މިއަދު ދިމާވި ހަސަންބެގެ އާއިލާ އޭނައަށް ހީވަނީ އޭނަގެ އަމިއްލަ ތިމާގެ މީހުން ހެންނެވެ. އެހާވެސް ހިތްހެޔޮވެފައި އެމީހުންގެ ގާތްކަން ބްރާޔަންއަށް އިހުސާސް ކުރެވުނެވެ.
ޖެހިގެން އައިރޭގައި އައުމަށް ހަސަންބެ ދައުވަތު ދީފައިވާތީ ބްރާޔަން ބޭނުންވީ ހަސަންބެގެ ކޮއްކޮގެ އުފަންދުވަސްކަމުން ކޮއްކޮއަށް ރަނގަޅު ހަދިޔާއެއް ހިފައިގެން ދިއުމަށެވެ. އެހެންކަމުން މެނޭޖަރާއެކު ކައިރި ސަރަހައްދުގައި ހުރި ފިހާރަތަކަށް އޭނަ ވަދެލިއެވެ. މެނޭޖަރު ބުނެދިން ގޮތުގައި އެއީ އަންހެން ކުއްޖެއްކަން އެނގުނެވެ. ވުމާއެކު މީރުވަސްދުވާ ރަނގަޅު ސެންޓުފުޅިއަކާއި ދެތިން ޗޮކްލެޓް އޭނަ ގަނެލިއެވެ. އަދި ވަރަށް ރީތިކޮށް ޕާރުސަލް ކުރުމަށްފަހު އެތަކެތި ގޮސް ބެހެއްޓީ އެރޭ ހަސަންބެ ބުނެފައި އޮތް ގަޑިއަށް އެގެއަށް ދާންވާ ވަގުތަށެވެ.
އެދުވަހުގެ ގިނަ ވަގުތު އޭނަ ހޭދަކުރީ އަތިރިމަތީގައި ފޮތް ކިޔުމުގައެވެ. މޫދުގެ ލޮނުގަނޑު ފެންނަ ހިސާބުގައި ރާޅުތަކުގެ މަޑުމަޑު މިޔުޒިކުގެ އަޑުއިވޭ ހިސާބުގައި، ރުއްތަކުގެ ފިނި ހިޔަލުގައި އެގޮތަށް އޮވެވުނު އިރެއްވެސް އޭނައަކަށް ނޭނގުނެވެ. އިރު އޮއްސުމުން އޭނަ އެތަނުން ތެދުވެގެން ދިޔައީ ހަސަންބެ ދީފައިވާ ދައުވަތަށް އެގެއަށް ދިއުމަށް ތައްޔާރުވާށެވެ.
“ކޮބާ ބާތްޑޭ ކުއްޖާ؟” މެނޭޖަރާއެކު ހަސަންބެ ބުނި ގަޑިއަށް އެގެއަށް ދިޔަ އިރު އެމީހުންގެ އިންތިޒާރުގައި ހަސަންބެ ހުރިތަން ފެނުމުން ބްރާޔަން އުފާވިއެވެ.
“އެބަ އުޅޭ ރައްޓެހިންނާއެކު. ހިނގާ އެތެރެއަށް” އެމީހުން ގޮވައިގެން މިފަހަރު ހަސަންބެ ދިޔައީ ގޭގެ އެއްފަރާތެއްގައި ކުޑަ ގޮތަކަށް ތައްޔާރުކޮށްފައިވާ ހަފްލާ ކުރިއަށްދާ ތަނަށެވެ.
ހަސަންބެ އެމީހުންގެ ބަހުން ކޮންމެވެސް އެއްޗެއް ކިޔާފައި މީހަކަށް ގޮވާލިހެން ހީވިއެވެ. އެވަގުތު ރީތި ހަވީރީ ހެދުމެއްގައި ހުރި އަންހެން ކުއްޖަކު ހިނގާލާފައި އެމީހުންނާ ދިމާއަށް އަންނަތަން ފެނުނެވެ.
“ދިޔެ؟؟” ހައިރާންކަން އެކުލެވޭ ނަޒަރަކުން ހަސަންބެ އަދި މެނޭޖަރުގެ މޫނަށް ބްރާޔަން ބަލާލިއެވެ. ނުގޮތަކަށް ހީނލައިގެން ބްރާޔަން އަށް ބަލަހައްޓައިގެން މެނޭޖަރުވެސް ހުއްޓެވެ.
“ބްރާޔަން އަށް ވެސް ސަޕްރައިޒެއް ދޯ” ހީނލަމުން މެނޭޖަރު ބުންޏެވެ.
އަންހެން ކުއްޖާ އައިސް އެމީހުންނާ ސަލާން ކޮށްލިއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ބްރާޔަން އަންހެން ކުއްޖާގެ ފިނި އަތުގައި ހިފައި ސަލާންކޮށްލަމުން އުފަންދުވަހުގެ ތަހުނިޔާ ކިޔާލިއެވެ. އަދި ގެނައި ހަދިޔާ އެކުއްޖާއަށް ދިނެވެ. ޝުކުރު އަދާކޮށްލުމަށް ފަހު އަލުން ދިމާވީތީ އުފާކުރާ ކަމަށް އަންހެންކުއްޖާ ބުންޏެވެ. އަދި ދިން ހަދިޔާއަށްޓަކައި އިތުރަށް ޝުކުރު އަދާކުރިއެވެ.
“އެނގޭދޯ އަހަރެން އަންނަކަން” އަންހެން ކުއްޖާގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން ބްރާޔަން ބުނެލިއެވެ.
“އާން. ބޭބެ ބުނި. އަހަންނަށް އެނގޭ އިއްޔެ ކާން އައިކަން ވެސް ” ހީނލަމުން އޭނަ ބުނެދިނެވެ.
“ދެން ކީއްވެ އިއްޔެ މިގޭގައި ނެތީ” ބްރާޔަން ޝަކުވާކޮށްލިއެވެ.
“އަހަރެން އުޅެނީ މިގެއަކު ނޫނޭ. މިއީ މަންމައާއި އެއްބަނޑު އެއްބަފާ ބޭބެއެއް. މަންމަ އާއި އަހަރެން އުޅެނީ އެހެން ގެއެއްގައި. އިއްޔެ ކުޑަކޮށް ބިޒީވީމަ ނާދެވުނީ. ބޭބެ ކާރީގައި ދައުވަތުދޭން ވެސް ބުނީ މަށޭ” ލާނެތް ގޮތަކަށް ހީނލަމުން އަންހެން ކުއްޖާ އެހެން ބުނެފައި އެބަ އަންނަމޭ ބުނެ ބާރަށް ހިނގައި ގަތެވެ.
މިރޭގެ މިވަގުތު މިތަނަށް އާދެވުނީތީ ގޮތް ނޭނގޭ އުފާވެރި އިހްސާސްތަކެއް ހަމަ ގައިމުވެސް އޭނައަށް ކުރުވައިފިއެވެ. އޭނަ މިތަނަށް އައީ މި އަންހެން ކުއްޖާ ފެންނާނެ ކަމަކަށް ނޫނެވެ. އަދި ހަދިޔާ ގަތީވެސް މިތަނުން އޭނައާއި ދިމާވި ޚާއްޞަ ކުއްޖަކަށް ދިނުމަށް ކަމަށްވެސް ނޭނގިއެވެ. މެނޭޖަރުވެސް ކުރިން ބުނެލިނަމަ ކިހާ ރަނގަޅު ހެއްޔެވެ.
ތަންކޮޅެއް ދުރުގައި ރަޙުމަތްތެރިންނާ އެކު ސަކަރާތް ޖަހަމުން މަޖާކުރަމުން ދިޔަ އަންހެން ކުއްޖާއަށް ބަލަން އޭނަ ދުރުގައި ހުރި ގޮނޑިއެއްގައި އިނެވެ. ހަސަންބެއާއި މެނޭޖަރު އޮލަވާހަކައެއްގައި ތިއްބެވެ. މިރޭ އަދި އިތުރަށް ބްރާޔަނަށް އެކުއްޖާ ރީތިވިއެވެ. އޭނަ އަޅައިގެން ހުރި ހެދުން ހަށިގަނޑާ ނުހަނު ގުޅެއެވެ. ހެދުން އެޅުމުގައި ފާޑުވެރިގޮތްގަނޑު އެބަހުއްޓެވެ. އެކުއްޖާއަށް ބަލަން ހުރި އިރު އޭނަގެ ކޮންމެ އަދާއެއް ބްރާޔަންގެ ނާރުތަކުގައި ކޮއްޓަމުން ދިޔައެވެ.
“ފޫއްސެއް ނުވޭތަ؟ އިރުކޮޅަކުން އަންހެން ކުއްޖާ އައިސް އޭނަ ކައިރިއަށް ހުއްޓުނެވެ.
“އާން ނުވޭ ފޫއްސެއް. މިތަނުގައި ތިބި ރީތި ކުދިންނަށް ބަލަން މިއިނީ” ބްރާޔަން އެކުއްޖާއާއި ދިމާކޮށްލިއެވެ.
“އެންމެންނަށްތަ ނޫނީ މަށަށް އެކަނިތަ؟ ” އަންހެން ކުއްޖާ ހެމުން އަހާލިއެވެ. އޭނަ ހީނލާއިރު ކޮލުގައި އެޅިގެންދާ އަޑިކޮޅު ބްރާޔަން އަށް ވަރަށް ރީތިވިއެވެ.
“މިތަނުގައި ތިބި ހުރިހާ ރީތި ކުދިންނަށް މި ބަލަނީ” ބްރާޔަން ވެސް އޭނަގެ ހުނުމުގައި ބައިވެރިވިއެވެ.
އެރޭ އެތަނުން އޭނަ ދިޔައީ އަންހެން ކުއްޖާއަށް މެންދުރުގެ ކެއުމަށް ދައުވަތު ދީފައެވެ. އެކުއްޖާއާއި އެކު ވަގުތު ހޭދަކުރުމަށް ބްރާޔަން ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ބްރާޔަން ބޭނުންވީ އިތުރަށް އޭނަ ދެނެގަންނާށެވެ. ކީއްކުރާ ކުއްޖެއް ކަމާއި އޭނަގެ އާއިލާއެވެ.
“އަންނާނަން ދޯ” މެންދުރުގެ ކެއުމަށް ދިން ދައުވަތު ގަބޫލުކުރިކަމުގެ ޔަގީންކަން ހޯދުމުގެ ނިޔަތުގައި ބްރާޔަން އަހާލިއެވެ.
“ޔަގީނެއްނު. ކާން ވެއްޖެއްޔާ ދާނަން” ހެމުން އެކުއްޖާ ބުނެލިއެވެ.
(ނުނިމޭ)