English Edition
Dhivehi Edition

ޖެހިގެން އައިދުވަސް ވެގެންދިޔައީ އުޑުމަތިބަނަ ވިއްސާރައިގެ ކުލަވަރު ދައްކާލާފައި އޮތްދުވަހަކަށެެވެ. ބޭރުގަައި ހައްދާފައި ހުރި ބޯގަންވިލާ ތަކާއި ބިޔަ ގަސްތަކުގެ އިތުރުން ބިންމަތީގަައި ހައްދާފައި އޮތް ފެހި ވިނަގަަނޑުގައި ހަރުލާފައި ހުރި ފެންތިކިތަކުން އަންގައިދެނީ ރޭ ފަތިހު ވާރޭވެސް ވެހިފައިވާ ކަމެވެ.

އައްޑޫއަށް އައިފަހުން އަދި ވިއްސާރަ ދުވަހަކާއި ބްރާޔަން އާއި ދިމައެއްނުވެއެވެ. އެހެންކަމުން މިއަދަކީވެސް ތަފާތު ރީތި ދުވަހެއްކަމުގައި އޭނަ ގަބޫލުކުރިއެވެ. ކޮންމެ މޫސުމަކާވެސް މިތަަން ގުޅެނީ ނުލާހިކު ފުރިހައަށް ކަމުގައި ދެކުނެވެ.

ކަންނެތް ހިނގުމެއްގައި ގޮސް ހެނދުނުގެ ނާސްތާ ކޮށްލުމަށް ރެސްޓޯރެންޓާ ދިމާއަށް އޭނަ ދިޔައެވެ. އޭރު ލޮބީގެ ތެރެ އޮތީ ކުޑަކޮށް ހަލަބޮލި ވެފައެވެ. ޗުއްޓީ ހޭދަކޮށްލުމަށް އެތަނަށް އައި އިތުރު ގުރޫޕެއް ލަގެޖްތަކާއެކު ލޮބީގައި ތިއްބެވެ. ކުޑަހިނިތުން ވުމެއް މޫނުމައްޗަށް ގެނުވަމުން ލޮބީ ހުރަސްކޮށް ބްރާޔަން ރެސްޓޯރެންޓަށް ވަނެވެ.

“ގުޑްމޯނިންގ..” އެތެރެއިން އެންމެ ފުރަތަމަ ވެސް ދިމާވީ މެނޭޖަރާއެވެ. އަބަދު އުފާވެރި ހިނިތުންވުމެއްގައި ހުންނަ މެނޭޖަރުގެ އެސިފަ ބްރާޔަން އަށް ވަރަށް ކަމުދިޔައެވެ.

މެނޭޖަރުގެ ސަލާމަށް ޖަވާބުދެމުން އޭނަ އެތެރެއަށް ވަދެ ގޮނޑިއެއްގައި ޖައްސާލިއެވެ. އެވަގުތު ވެއިޓަރަކު އައިސް އަދަބުވެރިކަމާއެކު އޭނައަށް އެންމެ މީރު ކޮފީ ތައްޔާރުކޮށްގެން އައިސް ކުރިމަތީގައި ބަހައްޓާލަދިނެވެ. ހެނދުނު އެންމެ ފުރަތަމަ އޭނަ ބޭނުން ވާނީ ކޮންއެއްޗެއްކަން މިތަނުގެ މީހުން މިހާރު ރަނގަޅަށް ދަސްކޮށްފިއޭ ބްރާޔަންގެ ހިތަށް އެރިއެވެ. އަދި ހިނިތުންވެލަމުން ވެއިޓަރަށް ޝުކުރުއަދާކުރިއެވެ.

ހެނދުނުގެ ސައިގައި މުޅިން ވެސް ދެކެވުނީ ނައިޓް ފިޝިން އާއި އެކްސްކާޝަން އަށް ގޮސް ކުރެވިދާނެ ކަހަލަ ކަންތައްތަކުގެ ވާހަކައެވެ. މަންތާ ޕޮއިންޓާއި އޭނޫންވެސް އައްޑޫއަށް އަންނަ ފަތުރުވެރިން ގަޔާވާފަދަ ޑައިވިން ސްޕޮޓްތަކުގެ ވާހަކައެވެ. އޭގެ އިތުރުން ކޮންމެވެސް ވަގުތަކު އައްޑޫގެ ވަކިން އޮންނަ ހުޅުދޫ އަދި މީދޫ ބަލާލަން ދާން ޖެހޭނެ ކަމަށާއި ރާއްޖޭގެ އެންމެދުވަސްވީ އާސާރު ހުންނަނީ މީދޫގައި ކަމަށް މެނޭޖަރު ބުނެދިނެވެ. ޝައުގުވެރިކަމާއެކު އެވާހަކަތައް އަޑު އަހަމުން ދިޔަ އިރު މި ރާއްޖޭގެ މީހުންނަކީ ވަރަށް ނަސީބު ގަދަ ބައެއް ކަމުގައި ބްރާޔަން އަށް ގަބޫލުކުރެވުނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި ޚަރަދުކޮށްފައި މި ގައުމަށް މީހުން އަންނަނީ މި ރާއްޖޭގެ ގުދުރަތީ ރީތިކަމުން ހިތް އުފާކޮށްލަން ކަމަށްވީހިދު މިތަނުގެ މީހުންނަށް އަގަކާ ނުލައި މިއުފާ ހާސިލްކުރެވޭތީއެވެ!

ސަޔަށް ފަހު ބްރާޔަން ދެން ދިޔައީ އޭނަގެ ރޫމަށެވެ. ކުއްލިއަކަށް ހަނދާނަށް އައީ މިއަދުގެ މެންދުރުގެ ކެއުމަށް ޚާއްޞަފަރާތަކަށް ދައުވަތު ދެވިފައިވާކަމެވެ. އެވަގުތު “ދިޔެ” ގެ މޫނު އޭނަގެ ޚިޔާލީ ސްކްރީނަށް އެރިއެވެ. އެ އަންހެން ކުއްޖާއާއި ދިމާވާ ކޮންމެ ހިނދުކޮޅެއް އެހާމެ ތަފާތު ވެފައި ޚާއްޞައެވެ. ކޮންމެ ބައްދަލުވުމަކުން އޭނަގެ ހިތުގެ ހިމަނާރުގައި ތަފާތު ރާގުތައް ކުޅެވެއެވެ. އަދި ދެން އަންނަ ބައްދަލުވުމަކަށް އެދި ހިތްގޮވަން ފަށައެވެ. މިއީ ފަހެ ކޮންކަހަލަ ޖާދޫއެއް ބާވައެވެ. އެންމެ ދެތިން ފަހަރެއްގެ މަތިން ފެނިލި އަންހެންކުއްޖަކަށް ޓަކައި އޭނަގެ ހިތުގައި ތެޅުން އުފެދުނު މިއީ ފުރަތަމަ ފަހަރު ކަމާއި މެދު ޝަައްކެއްވެސް ނެތެވެ. އަނެއްކާ ރޭގައި އޭނައަށް ދެވުނު އުފަންދުވަހުގެ ހަދިޔާ ކަމުދާނެ ބާވައެވެ؟ އެކުއްޖާއަށް ދޭން އެހާ ރަނގަޅު އެއްޗެއް ގަންނަން ނުލިބުނީތީ މިހާރު އޭނަ ދެރަވެސްވެއްޖެއެވެ. އަދި އެނބުރި ގައުމަށްގޮސް އިތުރު ހަދިޔާއެއް ގަނެފައި ފޮނުވާނީ ކަމަށް ހިތަށް ވިސްނައިދެމުން މެންދުރުގެ ކާގަޑި ޖެހުމުގެ ކުރިން ކުރަން ހުރި ވިޔަފާރިއާއި ގުޅުން ހުރި މަސައްކަތުގައި އޭނަ ޝާމިލްވިއެވެ.

އަތުކުރީގައި އޮތް ގަޑިން 12ޖެހިކަން އިއުލާން ކުުރުމާއެކު އޭނަ އަވަސް އަވަހަށް ލެޕްޓޮޕް ލައްޕާލުމަށްފަހު ބޭރަށް ދާން ތައްޔާރުވިއެވެ. ފެންވަރާ ތައްޔަރުވެލައިގެން ހުދުކުލައިގެ ލިނަން ގަމީހަކާއެކު ކުރު ސޯޓެއް ގުޅުވާލިއެވެ. އޭނައަށް އަބަދުވެސް އެންމެރީތީ ހުދުކުލައިގެ ހެދުން ކަމުން މި ދަތުރުގައިވެސް ގެނެވިފައި ހުރީ މުޅިން ވެސް އެއްކުލައެއްގެ ހެދުންތަކެވެ.

އެވަގުތު ރޫމުގައި ހުރި ފޯން ރިންގުވިއެވެ. އެކޮޅުން ރިސެޕްޝަނިސްޓް ބުނެދިނީ މެހްމާނަކު ލޮބީގައި އިންތިޒާރުގައި އިން ވާހަކައެވެ. އޭނަގެ ހިތް އުފާވެރި ގޮތަކަށް ތެޅިގަތެވެ. ބަރާބަރު ގަޑިއަށް ދިޔެ އެހެރީ އައިހެވެ. ކޮންމެކަމަކަށް ވެސް އެކުއްޖާ ހަމަ އެހާ ފަރުވާތެރީއެވެ.

ދެވަނަ ހިނދުކޮޅުގައި އޭނަ ހުރީ ރޫމުން ބޭރުގައެވެ. އަދި ދުރުދުރުގައި ފައި އަޅަމުން ބާރު ހިނގުމެއްގައި ލޮބީއާއި ދިމާއަށް ހިނގަައިގަތެވެ.

“ހައި ގުޑް އާފްޓަނޫން” މަޑު ފިޔާތޮށިކުލައިގެ ފްލޯރަލް ބުރުގާއަކާއި ހުދުކުލައިގެ ދޫ ގަމީހަކާއި ޖިންސެއްގައި ހުރި ދިޔެ ފެންނަނީ ވަރަށް ތާޒާކޮށެވެ. އޭނަގެ މޫނާއި ބުރުގާގެ ކުލަ ވަރަށް ވެސް ގުޅެއެވެ.

“ހައި ބިއުޓިފުލް” ބޭ އިޚްތިޔާރުގައި ބްރާޔަން އަށް ބުނެލެވުނީ ހަމަހިތުގައި އޮތް ގޮތަށެވެ.

“ވަރަށް އޮންޓައިމް ދޯ. އަނެއްކާ އަހަންނަށް ލަސް ނުވޭބާ؟ ” އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ބްރާޔަން ބުނެލިއެވެ.

“ލަހެއް ނުވޭ. މީހަމައެންމެ ބަރާބަރު ގަޑި” ހީނލަމުން ދިޔެ ބުނެލިއެވެ.

ދެމީހުން އެކީގައި ހިނގާލާފައި ގޮސް ރެސްޓޯރެންޓް ތެރެއަށް ވަނެވެ.

މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ އިރު ކުރިމަތީގައި އިން ރީތި އަންހެން ކުއްޖާއަށް ކަޅިޖަހާނުލައި ބަލަން ބްރާޔަން އިނެވެ. ހުއްޓާ ނުލާ ދިޔެ ވާހަކަ ދައްކާތީ ބްރާޔަން ވަރަށް އުފާވިއެވެ. ބްރާޔަންގެ ކޮންމެ ސުވާލަކަށް ފަރިތަކަމާއެކު އިނިގިރޭސި ބަހުން އޭނަ ޖަވާބު ދެމުން ދިޔައެވެ.

މައިގަނޑު ގޮތެއްގައި އެމީހުން ދެއްކީ ރާއްޖޭގެ ރީތިކަމުގެ ވާހަކައެވެ. އައްޑޫގެތާރީޚާއި ސަގާފަތާއި މީހުންގެ ދިރިއުޅުމުގެ އާދަކާދަ ތަކުގެ ވާހަކައެވެ. ތަފާތު އެކިރަހަ ތަކުގެ ކާއެއްޗެތީގެ ވާހަކައާއި އެނޫންވެސް އެފަދަ ވާހަކަ ތަކެވެ.

“ދިޔެގެ އާއިލާގައި ތިބެނީ ކިތައް މީހުން؟” ކުއްލިއަކަށް ބްރާޔަން މައުޟޫ ބަދަލު ކޮށްލިއެވެ.

އެ ސުވާލުގެ އަޑު އިވުމުން ދިޔެގެ މޫނުމަތީގައި ކުރިން ހުރި އުފާވެރި ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހެމުން ހެމުން ވާހަކަ ދައްކަމުން ގެންދިޔަ ޓީވީ ޝޯއެއްގައި ޕްރެޒެންޓަރ ކުއްލިއަކަށް ވާހަކަ މެދު ކަނޑާލިކަހަލައެވެ.

(ނުނިމޭ)