ވާހަކަ ދައްކައި ދައްކައި ބްރާޔަން ވަރުބަލިވި އިރުވެސް އެކުއްޖާ އަނގައަކުން ނުބުނެއެވެ. އެހެންކަމުން އެއީ ކުރުން ބޭކާރު ކަމެއް ކަމަށް ދެކި، މަޑުމަޑުން އިނދެ ކެނޯ ދުއްވަމުން ބްރާޔަން ދިޔައެވެ. އެމީހުން އައްސޭރި އާއި ކައިރިކުރިއިރު އަންހެން ކުއްޖާގެ ގުރޫޕުގެ އެހެންކުދިން އަތްތިލަބަޑި ޖަހަމުން ހަޅޭލަވަމުން ދިޔަތަން ފެނުނެވެ. ހީވީ މެރެތަން އެއްގައި އެވޯޑު ހާސިލުކޮށްގެން އެމީހުންނަށް އާދެވުނީ ހެންނެވެ.
ކެނޯ ގޮސް ހިކިފަސްތަނާ ކައިރި ކުރާ އިރަށް އަންހެން ކުއްޖާ ހަލުވި ސްޕީޑެއްގައި އެއިން ފައިބައިގެން އެއްގަމަށް އެރިއެވެ. އަދި އެހެންކުދިންނާއެކު އަވަސް އަވަހަށް އެތަނުން ދިއުމަށް ހިނގައިގަތެވެ.
“ކޮންކަހަލަ ކުއްޖެއް؟ މަރުން ސަލާމަތް ކޮށް ދިނުމުން ތެންކިއު އޭވެސް ބުނެލާކަށް ނުކެރުނު” ބްރާޔަން ވާހަކަ ދެއްކީ އަމިއްލަ އަމިއްލައަށެވެ. އަދި ކެނޯއިން ފައިބައިގެން އައިސް ތެމިފައި ހުރި ހެދުން ބަދަލުކޮށްގެން ބައިސްކަލުގައި ދާން ނައްޓާލިއެވެ.
އެމީހުންނަށް އެތަނުން އެނބުރި ހޮޓަލަށް އާދެވުނު އިރު އިރުއޮއްސި މޫނު އަނދިރި ވެއްޖެއެވެ. އެނބުރި އައި މަގުމަތީގައި ނޭޗަރ ޕާކުގައި ދިމާވި ހާދިސާ އާއި ބެހޭ ގޮތުން އެމީހުން ވާހަކަ ދެއްކިއެވެ. މެނޭޖަރު ބުނީ އެއީ އެމީހުންގެ ވެސް ގާތް ރައްޓެއްސެއްގެ ދަރިއެއް ކަމަށާއި ދޭތެރެ ދޭތެރެއިން ހޮޓަލުގައި ބާއްވާ ބައެއް ކަންކަމުގައި އެތަނަށް އައިސް ހަދާ ރަނގަޅު އަދި މޮޅު ކުއްޖެއް ކަމަށެވެ.
“ބިރުން އިނީމަ ކަމަށްވާނީ އަނގައިން ނުބުނެ އިނީ. އެއީ އަސްލު ވަރަށް ހިންގުންތެރި ރަނގަޅު ކުއްޖެއް. މި ޒަމާނުގައި އެކަހަލަ ކުދިން މަދުވާނެ” މެނޭޖަރުވެސް ވާހަކަ ދެއްކީ އަންހެން ކުއްޖާ އާއި އެއްކޮޅަށެވެ.
އެރޭ ކެއުމަށް ފަހު ކޮޓަރިއަށް ގޮސް އެނދުގައި ޖައްސާލައިގެން އޮތް އިރު ބްރާޔަން ގެ ސިކުނޑިއަށް އަރައި ފައިބަމުން ދިޔައީ މިއަދު ހިނގި ހާދިސާއެވެ. ނޭޗަރ ޕާކުގެ ރީތި ކުޅީގައި އެއަށްވުރެ ރީތި އަންހެން ކުއްޖަކާއެކު ގައިގޯޅި ވެވުނު މަންޒަރެވެ. އެކުއްޖާގެ ރީތި ކަމެވެ. އަދި ކުރީ ރޭ ސަގާފީ ހެދުމުގައި ހުރި އިރު ފެނުނު ގޮތެވެ. ރީތި އަންހެން ކުދިން ތިބެނީ މިހެންނޭ އޭނަގެ ހިތަށް އެރިއެވެ. މިއަދު ނުހަނު ގާތުން ފެނުނު ބިރުގަނެފައިވާ ބޮޑު ދެލޯ ބްރާޔަންގެ ހަނދާނަށް އައުމުން ބޭއިޚްތިޔާރުގައި ބާރަށް ހީނގަނެވުނެވެ. ފުންފުން ބޮޑު ދެލޮލާއި އެއަށް ވުރެ ރީތިކޮށް ހުރި ބުމައިގެ ރީތިކަން، ތެމިފައި ހުރި އިރުވެސް ބްރާޔަން އަށް ފާހަގަކުރެވުނެވެ. ބުރުގާ އެއް އަޅައި ބޯ ނިވައިކޮށްފައި އޮތުމުން އިސްތަށިގަނޑުގެ ރީތިކަން ނޭނގުނު ނަމަވެސް އެކުއްޖާގެ ބޮލުގައި އޮންނާނީ ވަރަށް ރީތި އިސްތަށިގަނޑެކޭ އޭނަގެ ހިތަށް އެރިއެވެ.
“ކީއްވެ އަހަރެން އެކުއްޖާއާ މެދު މިހާވަރަށް މި ވިސްނަނީ؟ އަހަރެން މިތަނަށް އައީ ޗުއްޓީ ހޭދަކުން. ސިކުނޑިއަށް ހަމަހިމޭން ކަން ގެނެސްދިނުމަށް؟ ކީއްވެ އިތުރު ކަންތައްތަކާ ބޯގާނަންވީ؟” ބްރާޔަން އަމިއްލަ އަމިއްލަ އަށް ވާހަކަ ދައްކަމުން ދިޔައެވެ.
” މިއީ ބޭކާރު ޚިޔާލުތަކެއް. ކިތަންމެ ރީތި އަންހެން ކުއްޖަކު މިތަނުން ފެނުނަސް އޭނަ އަކާއި އަހަންނަކާއި ގުޅެވޭކަށް ނޯންނާނެ. ދީނާއި ގައުމާއި ސަގާފަތާއި އާދަކާދަތައް މިކަމަށް ހުރަސް އަޅާނެ. ޗުއްޓީ ހަމަވުމުން މިތަނުން އެނބުރި ދިއުން ނޫންގޮތެއް ނެތް އިރު ބޭކާރު ކަމަކާއި ވިސްނަން ވީ ކީއްވެ؟” ބްރާޔަން އަމިއްލަ ސިކުނޑިއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައެވެ. އަދި ހަމަ ކުއްލިއަކަށް އެހެން ފެނިލި ކުއްޖަކަށް ހިތް ދިނުމަކީ އެހާ ބުއްދިވެރި ގޮތެއް ނޫންކަމަށާއި އެކުއްޖާ އާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގި އޭނައާއި މެދު ތަފާތު ނަޒަރަކުން ވިސްނައިގެން ނުވާނެ ކަމަށް ވެސް ބްރާޔަން ގަބޫލު ކުރިއެވެ. ނިދެމުން ދިޔަ އިރު ވެސް އޭނަގެ ސިކުނޑީގައި އުފެދިފައިވާ މި ހަނގުރާމަ ނިމުމަކަށް ނާދެއެވެ.
ޖެހިގެން އައި ދުވަހު އޭނައަށް ހޭލެވުނީ ދަމަކަށް އިރުއެރި ފަހުންނެވެ. އެހެންކަމުން ހެނދުނުގެ ނާސްތާ، ކޮޓަރީގައި އިނދެ ކޮފީތައްޓަކުން ފުއްދާލީއެވެ. އަދި ލެޕްޓޮޕް ހިފައިގެން އައިސް އެނދުމަތީގައި ހަމަޖެހިލަމުން އައިސްފައި ހުރި އީމެއިލް ތަކާއި ޖަވާބުދޭން ޖެހިފައި ހުރި މެއިލް ތައް ބަލައި އެމަސައްކަތުގައި މެންދުރު ކާގަޑިޖެހެންދެން އޭނަ އިނެވެ.
“މީހަކު ދިން ހަދިޔާއެއް އެބައޮތް” މެންދުރު ކެއުމަށް ދާންވެގެން އޭނަ ރެސްޓޯރެންޓާ ދިމާއަށް ދަނިކޮށް ރިސެޕްޝަން ގައި އިން އަންހެން ކުއްޖާ ބުނެލިއެވެ.
“އަހަންނަށް؟؟؟ ” ވަރަށް ހައިރާން ވެގެން ހުރެ ބްރާޔަން އެ ސުވާލު ތަކުރާރުވެސް ކޮށްލިއެވެ. މިތަނުގައި އޭނައަށް ހަދިޔާ ދޭވަރުގެ ރައްޓެއްސަކު އަދި ހުރެދާނެ ކަމަކަށް ގަބޫލެއްވެސް ނުކުރެވެއެވެ.
“އާން . މިއޮތީ” ރިސެޕްޝަނިސްޓް ދިއްކޮށްލީ ރީތި ކަރުދާސްގަނޑަކުން ޕާރުސަލް ކޮށްފައިވާ އެއްޗެކެވެ. ބޭރުގައި އެއްވެސް ނަމެއް އެއްޗެއްވިޔަސް ނެތެވެ.
ޝުކުރު އަދާކުރަމުން އެ ޕާރުސަލް ހިފައިގެން ގޮސް ލޮބީގައި ހުރި ގޮނޑިއެއްގައި އިށީނދެ ބްރާޔަން އޭތި ކަނޑާލިއެވެ. އޭގައި ހުރީ ބްރާޔަން އަދި ދުވަހަކު ވެސް ނުދަންނަ ކަހަލަ ސާމާނެވެ. ހީވާ ގޮތުން އެއީ ކާ ތަކެއްޗެވެ. ޕާރުސަލްގެ އެތެރޭގައި ފަށް ޖަހާލާފައި އޮތް ކަރުދާސްގަނޑެެއް އޮތެވެ. ބްރާޔަން އަވަސް އަވަހަށް އެ ކަރުދާސްގަނޑު ނިއުޅައި ބަލައިލިއެވެ.
“ތޭންކްސް- ނޭޗަރ ޕާކުން ދިމާވި ކުއްޖާ” ރީތި އަތުލިޔުމުން އިނގިރޭސި ބަހުން ލިޔެފައި އޮތެވެ. އަދި ތިރީގައި “ފްރޮމް ދިޔެ” އެގޮތަށް ޖަހާފައި އޮތެވެ. ކަރުދާސްގަނޑުގައި އޮތް ލިޔުންކޮޅު ކިޔާލުމުން ބްރާޔަންގެ ތުންފަތަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ.
“ދިޔެ….އޭނަ އަހަރެންގެ މަތިން ހަނދާން ނުނެތޭތާ” އުފަލުން އިނދެ ބްރާޔަން ބުނެލިއެވެ. އަދި އަވަސް އަވަހަށް އެތަކެތި ހިފައިގެން ގޮސް ރިސެޕްޝަނުގައި އިން ކުއްޖާއަށް ޕާރުސަލްގައި ހުރި ތަކެތި ދައްކަމުން އެއީ ކޮންއެއްޗެއްތޯ އޮޅުން ފިލުވިއެވެ. އެކުއްޖާ ކިޔައިދިން ގޮތުގައި ކެޔޮފަތުގައި އޮޅާފައި ހުރީ އައްޑޫއަށް ޚާއްޞަ އައްޑޫ ބޮނޑިއެވެ. ދެން އޮތީ ތެލުލި ބަނބުކެޔޮ ޕެކެޓަކާއި ތެލުލި އަލަ ޕެކެޓެކެވެ. އަދި އެއީ ހަދިޔާގެ ގޮތުގައި އައްޑޫއަށް އަންނަ މީހުންނަށް ދޭ ޚާއްޞަ އެއްޗެއް ކަމަށާއި އެތަކެތި ވަރަށް މީރުވާނެ ކަމަށެވެ. އަދި އެތަކެތި ހަދަނީ ކޮން އެއްޗަކުން ކިހިނެއް ކަން ވެސް ރިސެޕްޝަނިސްޓް ބުނެދިނެވެ.
އެކުއްޖާއަށް ޝުކުރު އަދާކުރުމަށް ފަހު އެތަކެތި ހިފައިގެން ބްރާޔަން ދިޔައެވެ. ރޭ ހަތަރު ދަމު މަސައްކަތް ކޮށްގެން އަންހެންކުއްޖާގެ ޚިޔާލު ސިކުނޑިން ނެރެފައިވަނިކޮށް މިއަދު މި ދިމާވި ކަމަކުން އަނެއްކާ އެ ހާދިސާގެ ހަނދާން އޭނަގެ ސިކުނޑީގެ ނާރުތަކުގައި ކޮއްޓަން ފެށިއެވެ.
މެންދުރުގެ ކެއުމަށްފަހު ކޮޓަރިއަށް އައިސް ބްރާޔަން އޭނައަށް ލިބުނު ހަދިޔާ ކަނޑައިގެން ރަހަ ބަލާލިއެވެ. އެހުރިހައި އެއްޗެތީގެ ރަހަވެސް އޭނައަށް ކަމުދިޔައެވެ. ވަކިން ޚާއްޞަކޮށް ތެލުލި ބަނބުކެޔޮ ވަރަށް މީރުވިއެވެ.
ހަވީރު ގަޑީގައި މެނޭޖަރާ ދިމާވެގެން ވެސް އޭނަ އެވާހަކަ ދެއްކިއެވެ. ލިބުނު ހަދިޔާގެ ވާހަކައާއި އެތަކެތީގެ މީރު ކަމުގެ ވާހަކައެވެ.
“ބޭނުންތަ ފުރިހަމަ ދިވެހި ކެއުމެއްގެ ރަހަ ބަލާލަން؟ ” މެނޭޖަރު ސުވާލު ކުރިއެވެ.
“އާން. މިތަނުން ދާން ވާނީ މިތަނުގެ ކެއުމުގެ ވެސް ހުރި ވަރެއް ބަލާފައިތާ؟ ހީނލަމުން އޭނަ ޖަވާބު ދިނެވެ.
“އެހެން ވިއްޔާ މާދަމާ މެންދުރުގެ ކެއުމަކީ ޚާއްޞަ ދިވެހި ކެއުމެއް. މިތަނުން ނޫން އެ ކެއުން ލިބޭނީ. ކައިރީގައި މި އޮތް ފޭދޫގެ ގެއަކުން ހަމަޖައްސާނީ” މެނޭޖަރުގެ ވާހަކަ އަޑުއިވުމުން ބްރާޔަން އިތުރަށް އުފާވިއެވެ. ދިވެހިންގެ ދިރިއުޅުން ގާތުން ދެކި ލުމަށް އޭނަ ހުރީ ނުހަނު ބޭނުންވެފައެވެ. ހަމަ ގައިމު ވެސް ގެއަކުން އެފަދަ ކެއުމަކަށް އިންސާފު ކުރެވޭ އިރު އެމީހުންގެ ކެއުމާއި ބުއިމުގެ ވަރަށް ގިނަ ކަންތައް ތަކެއް ދަސްވެގެންދާނެ ތާއެވެ.
އެވަގުތު ކޮންމެވެސް މީހަކު އައިސް ސަލާން ކޮށްލަމުން ބައިސްކަލް ދުއްވާލަން ދާނަންހޭ އަހާލިއެވެ.
“މިއީ ހަސަންބެ. ހަސަންބެއާއެކު ބައިސްކަލް ދުއްވާލަން ދިއުމުން ވަރަށް ގިނަ ކަންކަން ބުނެދޭނެ. މިތަނަށް އަންނަ މީހުން ގޮވައިގެން ވަރަށް ގިނައިން ހަސަންބެ ބައިސްކަލްގައި ބުރު ޖަހަން ގެންދާނެ. އެއީ ހަސަންބެ ވަރަށް ކުރާ ހިތުން ކުރާ ކަމެއް” އެމީހާ ތައާރަފްކޮށްދެމުން މެނޭޖަރު ބުނެލިއެވެ.
“އާނ އަވަހަށް ހިނގާ. ބައިސްކަލުގައި ބޭރަށް ނިކުންނަ ހިތުން އަސްލު މިހިރީވެސް” ހަސަންބެއާއެކު ހިނގަމުން ބައިސްކަލް ހުރި ދިމާއަށް ދިޔައިރު ބްރާޔަން ގެ ހިތަށް އެރީ އެއީ ފީއެއް އެއްޗެއް ނަގައިގެން ހަސަންބެ ކުރާ ކަމެއް ކަމަށާއި އޭގެ އަގު އަހާލަން ކަމަށެވެ.
“ކިހާ ވަރަކަށް މިކަހަލަ މަސައްކަތެއް ކޮށް ދެނީ” ބްރާޔަން އަހާލިއެވެ. އެސުވާލަށް ހިނިގަނޑެއް ޖަހާލަމުން ހަސަންބެ ބުނީ މިއީ ދެން މީހުން ފައިސާއަށް ކުރާވަރުގެ ކަންކަން ނޫންކަމަށާއި މިއީ ހަމަ ފޫހިފިލުވާލަން ކޮށްލާ ކަމެއް ކަމަށެވެ. ހަސަންބެގެ އެ ޖަވާބުން ބްރާޔަން ހައިރާން ވިއެވެ. މިތަނުގެ މީހުންގެ ތަފާތު ކަމުންނެވެ. އޭނައަށް މިހާތަނަށް ފެނިފައިވާ ގައުމުތަކުގައި މީހަކު ހިނިތުންވުމާއެކު އަނގައިން ވެސް ބުނަނީ ބަދަލުގައި އަގު އަތުލަމުންނެވެ. އެކަމަކު އައްޑޫއަށް އައިފަހުން ފެންނަ މަންޒަރުތައް ތަފާތެވެ. މީހުންގެ ހިތްހެޔޮކަމާއި މެޙްމާން ދާރީއަދާ ކުރާ ގޮތެވެ.
ހަސަންބެއާއެކު ދެމީހުން ދެ ބައިސްކަލްގައި ދުއްވަމުން ހަންކެޑެ ބްރިޖާ ހަމައަށް އެމީހުން ދިޔައެވެ. އެމީހުން ދާއިރު ފެންނަ އެންމެން ކަހަލަ ގޮތަކަށް އެމީހުންނާ ދިމާއަށް ބަލައި ހީނލާ ހަދާތަން ފެނެއެވެ. އެހާ ހިސާބަށް ދެވުނު އިރު ލައްކަ ވާހަކަތައް ހަސަންބެ ކިޔައިދިނެވެ. އެ ތަންތަނަށް ކިޔާ ނަންތަކާއި އެ ނަންތަކާއި ގުޅުން ހުރި ފުލޯކު ވާހަކަތަކެވެ. ގަޔާ ވެގެން ހުރެ ބްރާޔަން އެވާހަކަތައް އަޑުއަހައި އިތުރަށް ސުވާލުކުރަމުން ބްރާޔަން ދިޔައެވެ.
އެނބުރި އައިކޮޅަށް ދިޔައިރު އިރު އޮއްސެނީއެވެ. އުދަރެހުގެ ކުލަ އެކިފަހަރު އެކި ގޮތް ގޮތަށް ބަދަލުވަމުން ދިޔައެވެ. އަދި އެ ކުލަތަކާ އެކުވެ އިރުގެ ދަޅަ މޫދުގެ ލޮނުގަނޑަށް އެޅި މުޅި ސަރަހައްދު ޖަރީކުރަމުން ދިޔައެވެ. އެމަންޒަރު ބްރާޔަން އަށް ސިފަކުރެވުނީ ކުޅަދާނަ އާޓިސްޓެއްގެ ފިހިން ކުލަޖައްސަމުން މަންޒަރު ބަދަލު ކުރަމުން ދިޔަ މޮޅު ކުރެހުމެއްގެ ގޮތުގައެވެ.
“ބްރިޖު މަތީގައި އެތިބީ ކީއްކުރާ ބައެއް؟” ގަމުގެ ބްރިޖާ އަރައި ހަމަވި އިރު ތިން ހަތަރު ފިރިހެނުން އެތަނުގައި މޫދާ ދިމާއަށް މޫނުލައިގެން ތިބިތަން ފެނިފައި ބްރާޔަން ސުވާލުކުރިއެވެ.
“މަސް ބާނަނީ. އަދި އެއްދުވަހު އަންނަން ވާނެ އެގޮތަށް މަސްބާނަން” ހަސަންބެ ބުނެލިއެވެ.
ބްރާޔަން އެމީހުންގެ ގާތަށް ޖެހިލަމުން އެތަނުން މަސްކޮޅެއްވެސް ގަނެލިއެވެ. އަދި ހަސަންބެ އަށް ދިން ހަދިޔާއެކޭ ބުނެ އެ މަސްތައް ހަސަންބެއާއި ހަވާލުކުރިއެވެ.
ޝުކުރު އަދާކުރަމުން ހަސަންބެ ބުނީ މާދަން މެންދުރުގެ ކެއުން އޮތީ އެގެއިން ކަމަށާއި މި މަސްކޮޅު ފިހެލުމުން ވަރަށް މީރުވާނެ ކަމަށެވެ.
ބައިސްކަލް ބުރު ނިންމާލުމަށް ފަހު ބްރާޔަން އޭނަގެ ކޮޓަރިއަށް ދިޔައެވެ. މިއީ އޭނަގެ ހަޔާތުގައި ވެސް އައި އެންމެ އުފާވެރި އަދި މަޖާ ދުވަސްތައް ކަމަށް ބްރާޔަން އަށް ގަބޫލުކުރެވުނެވެ. އަދި ޗުއްޓީގައި މިތަނަށް އަންނަން ނިންމުނު ކަމާމެދު އުފާވިއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ކަމެއް އޭނައަށް އެދަނީ ދަސްވެ އެނގެމުންނެވެ. ގުދުރަތުގެ ފުރިހަމަ ކަމާއި ޖަޒީރާ ގެ ރީތިކަން ދަނީ ފެންނަމުންނެވެ. މީހުންގެ ހިތްހެޔޮކަމާއި މިޒާޖު ދަނީ ދަސްވަމުންނެވެ.
“ދިޔެ…” ކުއްލިއަކަށް އެއްކަލަ އަންހެން ކުއްޖާގެ ޚިޔާލު އޭނަގެ ސިކުނޑީގައި ވިކައިގަތެވެ. ބައިސްކަލްގައި ހަވީރު ދިޔައިރުވެސް ދިޔެ ފެނޭތޯ އޭނަ ލައްކަ ވަރަކަށް ބެއްޔެވެ. އެކަމަކު އެނބުރި ހޮޓަލަށް އައި އިރުވެސް އެކުއްޖާ ފެންނަ ގޮތެއް މިއަދަކު ނުވިއެވެ. އޭނައަށް ނޭނގި ނަމަވެސް އެކުއްޖާގެ ޚިޔާލު ކުރެވޭތީ އޭނަގެ އަމިއްލަ ނަފުސު ދެކެ ރުޅިއައެވެ. މި ކުއްޖަކާ ދިމާވި ފަހުން އޭނަގެ ސިކުނޑީގެ ހަމަޖެހުން ނަގާލައިފިއެވެ. މިއީ ކޮންފަދަ އަންހެން ކުއްޖެއް ބާވައޭ ބްރާޔަންގެ ހިތަށް އެރިއެވެ.
(ނުނިމޭ)