English Edition
Dhivehi Edition

މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭވެސް އައްޑޫއިން ދިރިއުޅުމަށްޓަކައި ގޯތި ދޫނުކޮށް އޮތް އޮތުމާއި ގުޅިގެން އެމުއްދަތުގެ ތެރޭ ކުރި ކައިވެންޏާއި ރޫޅުނު ޢާއިލާތަކާއި މަގުމަތިވި އެތައް ބަޔަކު އެދިއެދި ތިބީ ހިތަދޫގައި އަޅާފައިވާ 264 ފްލެޓުން ބޯހިޔާވަހިކަން ހޯދުމަށެވެ. ސިޔާސީ ހަލަބޮލި ކަމާއި ހައިޖާނުގެ ތެރޭން ފުރޭނިގެން ނަމަވެސް އައްޑޫގައި އަޅަން ނިންމި މަދު ޔުނިޓްތަކުގައި މީހުން ދިރިއުޅޭނެ ދުވަހެއްގެ އިންތިޒާރީ، މާޒީއާއި އެކުވެ ހިނގައްޖެއެވެ.

ފްލެޓްތަކަށް ކަރަންޓާއި ފެންވެސް ނުލެވެނީސް ވަން ޢާއިލާތަކެއް ތިބިއިރު، ޢާއްމުން މިޚިދުމަތަށް އެދި އެދި ތިބި މިންވަރު މިކަމުން ދޭހަ ވެގެން ދިޔައެވެ.

 

ދެއިރު ހަމަޔަށް ނުކައި މަހުކުލި ދައްކައިގެން މާލޭގެ ކުދި ގޮޅި ގޮޅީގައި ތާށިވެ ފައި ތިއްބާ ފުލެޓް ލިބުނު ޚަބަރާއެކު ރަށަށް ބަދަލުވީ އެއަށްވުރެ ހިތްހަމަ ޖެހޭ ދިރިއުޅުމަކަށް އެދިގެންކަން ގައިމެވެ. އެއްބަޔަކު އެމީހުންގެ ޤަރުނެއްވީ ބާ ޖިފުޓި ގަނޑުން ބޯ ހިޔާ ނުވާއިރު އާބާތުރަ ފިލުވަން ދާނެ ޚަރަދަށް ވިސްނާ ފައި އެގެގަނޑު ދޫކޮށް އާފުލެޓުން ހިތްހަމަޖެހުން ހޯދަން ބޭނުންވިއިރު ދެން ފެންނާން ތިބި ބަޔަކީ މިހާރުވެސް އަމިއްލަ ފަސްގަނޑުގައި ކުލި ދައްކައިގެން ބައެއްގެ ޖީބަށް ބޯކޮށް ލާރި އަޅަމުންދާ މީސްމީހުން އަމިއްލަ ހިޔާވަހި ކަމަށް އެދިއެދި ތިބެގެން ބަދަލުވީ ވުމެކެވެ. ފްލެޓްގައި ދެން އެންމެ ޢުޒުރުވެރި ބަޔަކަށްތިބީ ލިބުނު ފްލެޓާއެކު އަނބި ދަރިންނާއި މައިދައިތައާއި ބަފާބެ އަދި ދޮންދަރިންނާއެކު ބަދަލުވިއިރު ގޮތް ހުސްވެފައިތިބި ކޮއްކޮއާއި ބޭބެގެ ޢާއިލާވެސް ގޮވައިގެން އަންނަން ޖެހުމުގެ ސަބަބުން ތޮތްޖެހި،މިނިވަން ކަމެއް ނެތި ދިރިއުޅެމުންދާ މީހުންނެވެ.

އައްޑޫއަކީ އާމްދަނީ ލިބޭނެ މާގިނަ ވަސީލަތްތަކެއް އޮތް ތަނެއް ނޫނެވެ. މިޢާއިލާތައް ފްލެޓްތަކަށް ބަދަލު ވުމަށް ހިތު ލައިގެން މުޅި އަހަރު ދުވަހު އެއްކުރި ލާރިކޮޅު ރައްކާކުރީ ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށެވެ. ޢާއިލީ އުފާތަކުންވެސް މަޙުރޫމުވެގެން އެއްކުރި އެލާރިކޮޅު ދައްކަން ދިއުމުގެ ކުރިން ވަންނަން އުޅޭ ފުލެޓްގެ ޙާލަތު ބަލާލަން ކިތައްމެ އެދުނު ނަމަވެސް ސިޓީ ކައުންސިލަކުންވެސް ހައުސިން މިނިސްޓްރީއަކުން ވެސް ފްލެޓްގެ ޙައްޤުވެރިންނަށް އެކަން ފަހިކޮށްދީފައެއް ނުވެއެވެ.

އެމީހުންގެ ބަހުން 1 ވަނާގައި އޮތީ ފައިސާކޮޅު އަތުލުމާއި އެގްރިމެންޓުގައި ސޮއި ކުރުމެވެ. ތަޅުދަނޑި އަންނަނީ އޭގެ ފަހަތަށެވެ. ލާރިކޮޅު ދައްކާ ޚަލާސްކޮށް އަދި ޤާނޫނުން ބާރު ލިބޭ ހުރިހާ ދިމާއެއް ހިމަނައިގެން ހަދާފައިވާ ” ހަރުކަށި” އެއްބަސްވުމުގައި ސިއްކަ ޖެހުމަށްފަހު ތަން ހުޅުވާ ބަލަން ދިޔައިރު އަސްތާ ކަމަކު ދާކަށް ނެތެވެ.

މިވަދެވުނީ ވީރާނާ ޖިފުޓި އަކަށްކަން ރޭކާލީ އަދި ކިރިޔާއެވެ. އޭރު ދެން ހެދޭނެ އެއްގޮތެއްވެސް ނެތްތާނގައި ޤާނޫނީ އިމުގެ ތެރެއިންވެސް ކުރެވުނު ސޮޔާއި އެކު އެވަނީ ގޮޅިއަށް ފެތި ހަތަރެސްކަން ހަމަވެފައެވެ.

ފްލެޓްތައް ޢިމާރާތްކޮށް ނިމުނުފަހުން “ވީރާނާވާން” ދޫކޮށްލާފައިވާތާ 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަޅާލުމެއް ބެލެހެއްޓުމެއްނެތި އެހެން ހުރި ހުރުމުގައި ތަޅެއް ހުޅެއް އިސްކުރެއް ކިޔާނެ ކަމެއް ނެތެވެ. ދަމިލަ ޖަހާ، ދަބަރު ހިލި ބައެއް ތަކެތި ފީވެފައި ހުރި މަންޒަރު މިހާރުވެސް ފެންނަން އެހެރީއެވެ.

ފްލެޓްގެ ވެރިންގެ ޝަކުވާތަކާއެކު ހަލާކުވެފައިވާ ތަކެތީގެ ލިސްޓު ނަގާ ފައިވެއެވެ. ކިތައްމެ ތަރުތީބުން މިތަކެތި ލިސްޓު ކުރެވުނަސް އެގްރިމެންޓާއެކުގައިވެސް ނަކަލެއް ބޭއްވުމެއް ނެތި އެލިސްޓުތައް ވަނީ ގާދޫކޮލުން ބޭރުވެފައެވެ. އެއަށްވާ ފައިސާ އެއްފަހަރު ޖަމާވި ވާހަކަ ބުނުމަށްފަހު އަނެއްފަހަރު އިވެނީ ފައިސާ ހޯދުމަށް ފިނޭންސަށް ލިއުނު ވާހަކައެކެވެ.އޭއޯ ނިއުސްއަށް ވަނީ އެޕާޓްމަންޓަކުން ބަދަލު ކުރަންޖެހޭ ތަކެތި ހިމެނޭ ލިސްޓެއްގެ ކޮޕީއެއް ލިބިފައެވެ.އޭގައި ހައުސިން މިނިސްޓްރީގެ ތަތްގަނޑުވެސް ޖަހާފައިވެއެވެ.

މިދައްކަނީ ދިވެހި ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އޯގާތެރި ސަރުކާރަކުންދޭ ފްލެޓްތަކެއް އޭގެ ވެރިފަރާތާއި ޙަވާލު ކުރުމުގެ މަރުޙަލާގެ މުހިއްމު އުންސުރެއްގެ ވާހަކައެވެ. ދަތްހެލޭހެން ހެލިހެލިހުރި މުށިތަކަކާއި ފީވެހަލާކުވެފައިވާ އާލާތްތަކެއްގެ ބޭނުން ހިފާނީ ކިހިނަކުންތޯއެވެ؟ މިއީ ވަގުތުން ވަގުތަށް ޙައްލު ކޮށްގެން ނޫނީ މިތަނުގައި ދިރި ނުއުޅެވޭނޭ ކަމަކަށްވާތީ އެބައެއްގެ ލަޔާޤަތު ތަންދިން މިންވަރުން ފްލަޝްޓޭންކާއި ބޮކި، ފަންކާފަދަ މަޖްބޫރީ ކަންތައްތައް އަމިއްލަ އަމިއްލައަށް ޙައްލުކޮށްފިއެވެ.

 

މިފަދަ ކޮންމެ ކަމަކާއެކު ރައްޔިތުމީހާގެ އަތްމަތި ދަތިވާނެވަރު ވަޒަން ކޮށްލައްވާށެވެ. 3 ކޮޓަރިއާއި ސިޓިން ރޫމާއި ބަދިގެ ހިމެނޭ އެޕާޓްމަންޓަށް ވަނީ ހުރިހާ ފަރުނީޗަރެއް އަމިއްލަ ޚަރަދުގައި ހޯދައިގެންނެވެ. ޚަރަދު މައްޗަށް ޚަރަދެވެ. އެގޮތްވެސް އެންމެ ރަނގަޅެވެ. އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިވާނަމަ ދައްކާނެ ބަހަނާއެއް ނެތެވެ.

ޚަބަރުފަތުރާ ވަސީލަތްތަކާއި މީސް މީޑިއާ ގައި ފުލެޓަށް މީހުން ވަން ވާހަކަ ގުގުމާލިފަހުން މިއަދު އެވާހަކަ ދައްކާނެ ބަޔަކު ނެތެވެ. ދެން ވާނީވެސް އެހެންތާއެވެ. އެތައް ދުވަހެއްގެ އިންތިޒާރީގެ ނިމުން އައި ވާހަކައިން އެންމެންގެ ހިތްތަކަށް ލިބުނު ތަސައްލީގައި ހިތްހަމަ ޖައްސާލައިގެން ތިބީއެވެ. އެހެނަސް ފްލެޓްތަކުގެ ޙައްޤުވެރިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް އަދި ލެވޭނެ ދުވަހެއްވެސް ނޭނގެއެވެ.

އަނެއްކާވެސް އާވާހަކައަކަށް ދަމާ ހިންގަވާށެވެ. ހިތަދޫ ފްލެޓް ޢިމާރާތް ކޮށްފައިވާ ސަރަޙައްދަކީ ހިތަދޫގައި ޢާއްމުންނާއި ތަންކޮޅެއް އެކަހެރި ހިސާބުގަނޑެކެވެ. މިތަން ވަކި ކުރުމަށް ވަގުތީ ފެންސެއް ޖަހާފައި ހުއްޓެއްކަމަކު އެވެސް ދަނީ އެކި ދިމަދިމާލުން އޮޔަށް ވަޔަށް ބުރަބުރައިގެންނެވެ.

މުޅި ރާއްޖޭގައިވެސް ނުރައްކާތެރި ދަރަޖައަކަށް ފެތުރިފައިވާ ޑްރަގާއި ގޭންގުގެ ބަލިމަޑުކަން ފްލެޓް ސަރަޙައްދަށް ވެސް ކޮށްފައިވެއެވެ. އެތަނުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި ޑްރަގް ވިޔަފާރިއަކީ ފްލެޓްތަކުގައިވެސް ޢާއްމު ވަމުން ފައްކާވަމުން އަންނަ ކުޅިބައެކެވެ. މިއީ އެތަނުގެ ވަޒަންވެރިން ކިތައްމެ ކަންބޮޑުވާ މައްސަލައަކަށް ވިޔަސް ކުރެވޭނެ ކަމެއް ނެތެވެ. އެތާކު ސީސީ ކެމެރާއެއް ނެތެވެ. ޗެކްޕޯސްޓެއް ނެތެވެ. ފުލުހުން ޕެޓްރޯލް ކުރާތަނެއް ނުފެނެއެވެ.

ކަމެއް ގޯސްވެ ބޮއްސުންލައިގެން ދިއުމުގެ ކުރިން ފިޔަވަޅު އެޅޭނެ އުސޫލެއް މިޤައުމުގައި ނޯންނަނީ ބާވައެވެ.

ފްލެޓް ތަކުގައި މީހުން އާބާދު ކުރިއިރު މިތަނުގެ ބިންވެސް ވަނީ ލެވެލް ނުކޮށެވެ. ގައިމު އައްޑުއަށް ވުރެ، ހެވީ ވެހިކަލްގިނަ އެހެންތަނެއް ދެންވަކި ކޮބައިހެއްޔެވެ؟ މިތަނުގައި ޕާކިން ޒޯނެއް އޮތުމުގެ މުހިއްމުކަންވެސް ތަނުގެ މާހައުލަށް ބަލާލުމުން އިޙްސާސްކުރެވެއެވެ. ފްލެޓްތަކުގައި މީހުން އާބާދުވެ ފުރޭ އިރު ކޮންމެ ގޭބިސީއެއްގައި 4 ފުރޮޅުލީ އެއް ވެހިކަލް މަދުވެގެން އޮންނާނެ ކަމާމެދަކު ޝައްކެއް ނެތެވެ.ކުޑަކުދިން ކުޅޭނެ ޕާކިންޒޯނާއި މުނިއަވަސް ފިލުވާލަން އިށީނދެލާނެ އަށްޓެއްހާ މިންވަރުވެސް ޤާއިމް ކުރެވިފައެއް ނެތެވެ.

މި ފްލެޓްތަކުގައި ވަނީ އަލިފާން ނިވި ހަރު ކުރެވިފައެވެ. ދަބަރަށްވެފައި އެތަކެތި ހުއްޓެއްކަމަކު މަސައްކަތް ކުރާނެ ކަމަށް ބަލާނީއެވެ. އެހެނަސް އެލާމިން ސިސްޓަމް މަސައްކަތް ކުރޭބާވައެވެ.އަލިފާނުގެ ޙާދިސާއެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ އެއްވެސް އިންތިޒާމެއް ރޭވިފައެއްނެތެވެ.

ކޮރިޑޯތަކުގައި ޖަހާފައިވާ ދަގަނޑު ފެންސްތައް އެވަނީ ދަބަރަށްވެ ފީވެފައެވެ. ނުލާހިކު ތުއްތު ކުދީންނާއި ޢުމުރުން ދުވަސްވީ އެތައްބަޔަކު ވަދެ ނިކުމެ ހަދާ މިތަނުގައި ހިތާމަވެރި ޙާދިސާއެއް ހިނގަންދެން ހަމަ ބަލަބަލާ ތިބެންވީ ހެއްޔެވެ؟ މިއީ އަޅުގަނޑު ކަހަލަ ބޭރުން ޒިޔާރަތްކުރާ ޢާއްމު ރައްޔިތަކަށް މާބޮޑުކަމެއްހެން ހީނުވިޔަސް ތަނުގެ ވަޒަންވެރިން ހާދަ ވިސްނުމެއް ވިސްނާނެ އެވެ.

މި ފްލެޓްތަކުގައި މީހުން ދިރިއުޅެއްފެށިފަހުން ސިޓީ ކައުންސިލުންވެސް އަދި ކަމާބެހޭ އެއްވެސް މުއައްސަސާއަކުން މިތަނަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލު ބަލާފައި ނުވާކަން ފްލެޓްތަކުގެ އަހުލުވެރިން ފާހަގަ ކުރެއެވެ.

މިވަގުތާއި ހަމައަށްވެސް މީރުފެން ނުލިބިހުރިއިރު ފެން ލިބުމަކީވެސް ޖީބަށް ކުރާ ބާރު ބޮޑުވާނެކަމެއްކަންއެނގި ކަންބޮޑުވެފައި ތިބިރައްޔިތުންނަށް ވަނީ ބޮޑު ޗުއްޓީގެ ޚަރަދާއެކު ، ރިހޭ ފައިމައްޗަށްފޮއި ވެއްޓިފައެވެ. ކުދިންގެ ސްކޫލް ފީއާއި ކުރަންހުރި އެހެނިހެން ޚަރަދުތައް ކުރުމަށްފަހު މިމަހުގެ މަހުފީ ދައްކަން ޖެހުމުން ގިނަމީހުން ތިބީ ފިކުރު ބޮޑުވެފައެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް މި ސަރުކާރުން ގާތުން އަޑުއައްސަވާ ޙައްލު ހޯއްދަވައި ދެއްވާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. މިއީ ހިތަދޫ ފްލެޓްތަކުގައި ދިރިއުޅެމުންދާ ޢާއިލާތައް މިއަދު އެދޭ އެންމެ ބޮޑު އެދުމެވެ.

1 ކޮމެންޓް
Nanugathi
ޑިސެމްބަރު 29, 2019
esarahadhu konunu iru fenunu insaanunge kashi thakuge vaahaka hama gaimuves ethan konunu miyhun bunefa ebain ethake baivaru kashi fenunu vaahaka cable elhumashai faahana holhi alhan konunumiyhun buni gothun ethake baivaru kashi fenunu adhi ekan council ah ves engi eakam emiyhun ehaa alhainula ground level kuruma hamaya etha vinagandu therey es ehchaka vaavarah kashi oi mivaahaka dhahkaane bayaku neitho