English Edition
Dhivehi Edition
އައްޑޫ ފުޓުބޯޅަ މުބަރާތް 2019 / ފޮޓޯ: އަލީ ނާސިރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި މިއަދު ކުޅުނު 3 ވަނަ މެޗުން މީދޫ މުލިމަތި ޔުނައިޓެޑް މޮޅުވެއްޖެއެވެ.

މިމުބާރާތުގައި މިއަދު ކުޅުނު މެޗުން މުލިމަތި ޔުނައިޓެޑް މޮޅުވީ 3-4 ލަނޑުން މަރަދޫ ގޯދީއްޔާ އާއި ވާދަކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ހާފުގެ އެއްބައި ކުޅުނީ ވިއްސާރައިގައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ، ގޯދީއްޔާގެ އާދަމް ނަސީމްއެވެ. މިލަނޑާއި އެކު މުލިމަތިވެސް ހަމަލާތަށް އިތުރުކޮށް އެޓީމުގެ އަހުމަދު ސަބާހު 12 ވަނަ މިނެޓުގައި ލަނޑެއްޖެހިއެވެ. އެޓީމުގެ އަހުމަދު ފަރުހާދު ވަނީ 14 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިފައެވެ.

މުލިމަތި ޓީމަށް، ގޯދިއްޔާ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެޓީމުގެ މުހައްމަދު ރަޔާން މުސަދު ވަނީ ކާމިޔާބު ކޮށްދީފައެވެ. ގޯދިއްޔާ ޓީމަށް އެޓީމުގެ ދެވަނަ ލަނޑުވެސް ޖަހައި ދިނީ ފުރަތަމަ ލަނޑު ޖަހައިދިން އާދަމް ނަސީމެވެ. މެޗުގެ 23 ވަނަ މިނެޓުގައި މުލިމަތީގެ އަހުމަދު ސަބާހު ވަނީ އޭނާގެ މިމެޗުގައި ޖެހި ދެވަނަ ލަނޑު މުލިމަތިޓީމަށް އަށް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުންވެސް ހަމަލާތަކެއް ދިނެވެ. ނަމަވެސް ގިނަ ހަމަލާތަށް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރެވެއެވެ. މިމެޗުގައި ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖަހާފައި ވަނީ ގޯދިއްޔާ ޓީމުންނެވެ. އެޓީމުގެ އަތުން 66 ވަނަ މިނެޓުގައި ޖެހި ލަނޑާއި އެކު ގޯދިއްޔާ އެއްލަނޑުގެ ފަރަޤަށް ނަތީޖާ ކުޑަ ކުރިއެވެ. މި ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މިއަދުގެ މެޗުން މުލިމަތި މޮޅުވުމުން، އެޓީމާއި އެގުރޫޕުގެ އަނެއް ޓީމު ކަމައްވާ ބޭރުމަތި އާއި ޕޮއިންޓުގެ ގޮތުން އެއްވަރުވެއެވެ. ނަމަވެސް ގޯލް ތަފާތުން ކުރީގައި އުޅެނީ ބޭރުމަތި އެފްސީއެވެ. މިމުބާރާތުގައި މާދަމާ ބައްދަލު ކުރާނީ، ކްލަބް ރިވެރިން އާއި ޒެފިއާއެވެ. މިމެޗް ފަށާނީ ހަވީރު 4:00 ގައެވެ.