English Edition
Dhivehi Edition

ރީތި އަގުބޮޑު ފަރުނީޗަރުން ޒީނަތްތެރި ކޮށްފައިވާ އޮފީހުގެ މެނޭޖިން ޑިރެކްޓަރ ގެ ކޮޓަރީގައި ހުރި އަރާމު ގޮނޑިއެއްގައި ވެއްޓިގެން ކަހަލަ ގޮތަކަށް ބްރާޔަން އޮތެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ވަކި ހަމައެއްނެތް ގޮތެއްގައި އަތުގައި އޮތް ގަލަން ފަރުވާކުޑަގޮތަކަށް މޭޒުމަތީގައި މަޑުމަޑުން ތަޅަމުން ދިޔައިރު އޭނަގެ ޚިޔާލީ އަސް ބާރަށް ދުވަމުންދާކަން އެނގެއެވެ.

ބްރާޔަންގެ އައިޓީއެންޑް ބީ ކުންފުންޏަކީ އޮސްޓްރޭލިއާގައި މަޝްހޫރު އައިޓީކުންފުންޏެކެވެ. އެކުންފުނީގެ ވިޔަފާރި ފުޅަލެވެ. މިލްކިއްޔާތުގައި ހުރި މުދާ ގިނަ އެވެ. ނަމަވެސް ކުންފުނީގެ ޒުވާން ވެރިޔާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. އާއިލާގެ ފަރާތުން ވާރުތަވި މި ވިޔަފާރި ބްރާޔަން އާއި ހަވާލުވިފަހުން އެތައް ގުނައެއް މައްޗަށް ޖެހިލައިފިއެވެ. އެއީ އޭނަގެ ކުޅަދާނަ ކަމެވެ. އޭނަގެ ކުރިމަތީގައި އެންމެ އާދައިގެ މުވައްޒިފެކޭ ވެރިއެކޭ ވަކި ތަފާތެއް ނެތެވެ. އެހެން މީހުންނާ މަސައްކަތް ހަވާލުކޮށްގެން ފިނި ކޮޓަރީގައި އަރާމުގައި ހުރުމަކީ އޭނަ ރުހޭ ކަމެއް ނޫނެވެ. ކުންފުނި ކުރިއަށްދާނީ ވެރިމީހާ ވެސް އާދައިގެ މުވައްޒަފުންގެ ސަފަށް ތިރިވެ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށް ބްރާޔަން އަބަދުވެސް ދެކެއެވެ.

ޔުނިވަރސިޓީ ނިންމާލުމަށްފަހު ކުންފުންޏާ ހަވާލުވެ މަސައްކަތް ފެށިފަހުން މިހާތަނަށް އޭނާ އަދި ޗުއްޓީއެއް ނަގާފައެއް ނެތެވެ. ޗުއްޓީ ނަގައިގެން ކަމެއް ނެތި ހުންނަން އުނދަގޫވާތީއެވެ. އެހެން ނޫނަސް ޗުއްޓީއެއް ނަގައިގެން ކުރާނެ ވަކި ފައިދާއެއްވެސް ނެތީމައެވެ. ގިނަ މީހުން ޗުއްޓީތަކަށް ދަނީ އެމީހުންގެ އަނބިން ނުވަތަ ލޯބިވެރިޔާ ގޮވައިގެން ކަމަށް ވިޔަސް ބްރާޔަންގެ ހަޔާތުގައި އަދި އެފަދަ މީހަކު ނެތެވެ. ގިނަ އަންހެން ކުދިން އޭނައަށް ހިތް ކިޔާކަމަށް ބުނެ ގާތަށް އަންނަން މަސައްކަތް ކުރިކަމުގައި ވިޔަސް ބްރާޔަންގެ ފުށުން އެފަދަ ފުރުސަތެއް އެކުދިންނަކަށް ނުދެއެވެ. އޭނާ ދެކޭ ގޮތުގައި އެއިން ކޮންމެ އަންހެންކުއްޖެއްވެސް އޭނައާއި ގާތަށް އަންނަން ބޭނުންވާ ސަބަބަކީ އޭނަގެ މުއްސަނދިކަމެވެ. ޚުދު އޭނާ ދެކެ ލޯބިވެގެން އައި ކުއްޖަކު މިހާތަނަށް ނެތްކަމަށް ބްރާޔަން ގަބޫލު ކުރެއެވެ. ހަމަ އެއާއެކު މަސްނޫއީ ބުދު ފަދައިން ހެދިގެން ތިބޭ ޒަމާނީ ކުދިން އޭނައަށް ކަމުވެސް ނުދަނީއެވެ. ބްރާޔަން ބޭނުންވަނީ ސާދާ ކުއްޖެކެވެ. ފުރަތަމަ ނަޒަރުންވެސް ހިތް ކިޔައި ދީވާނާ ވާ ވަރުގެ ނިސްވާނީ އަންހެންކުއްޖެކެވެ. އަދި އެފަދަ ކުއްޖަކާ އޭނާ ދިމާނުވެއެވެ.

އިން ގޮތަށް އިނދެފައި ކުއްލިއަކަށް ގޮނޑީގައި ހަމަޖެހިލަމުން ބްރާޔަން އޭނަގެ ލެޕްޓޮޕް ހުޅުވާލިއެވެ.

“ޗުއްޓީއެއް ނަގަންވީ. ކޮންމެވެސް ހަމަހިމޭން މާހައުލަކަށް ގޮސް ދުވަސްކޮޅަކަށް ސިކުނޑި ތާޒާކޮށްލަންވީ” އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ގޫގުލް ސަރޗް ކުރަމުން ދިޔައެވެ. އެކަނި މާއެކަނި ޗުއްޓީ ހޭދަކޮށްލަން ދާނެ ހަމަހިމޭން މަންޒިލެއް ހޯދުމަށެވެ.

“މޯލްޑިވްސް” ކުއްލިއަކަށް އޭނަގެ ސިކުނޑިއަށް އައީ ސުވަރުގެއެއްފަދަ ތަނެއްކަމުގައި އެންމެން ގެ ދުލުން ތައުރީފު އޮހޭ ޖަޒިރާ ރަށްތަކެވެ. އޭނަގެ ގިނަ ރަހުމަތްތެރިން ތަކެއް މިހާރުވެސް އެތަނަށް ގޮސް ތަނުގެ ރީތިކަމާއި ހިތްގައިމުކަން ތަޖުރިބާކޮށްފިއެވެ. ނޫކުލައިގެ މޫދާއި ބޯކިރުކޮޅެއްފަދަ ހުދު ދޮންވެލިގަނޑުން އަރާމު ހޯދައިފިއެވެ. އެންމެން ބުނާގޮތުގައި އެއީ ހުވަފެނެއްފަދަ ތަނެކެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި އެފަދަ ރީތި ޖަޒީރާ ރަށްތަކެއް ނޯންނާނެ ކަމުގައި އެންމެންވެސް ބުނެއެވެ.

އެދުވަހުގެ ގިނަ ވަގުތުތަކެއް މޯލްޑިވްސް އާއި ބެހޭ މައުލޫމާތު ހޯދުމުގައި ބްރާޔަން ހޭދަކުރިއެވެ. އަދި ޗުއްޓީއެއް ހަދާލުމަށް ދާނަމަ އެންމެ ހިތްގައިމުވާނީ އެތަނުން ކޮންހިސާބެއް ކަމާމެދު އޭނާ ދިޔައީ ވިސްނަމުންނެވެ. އޭނަ ބޭނުންވަނީ ގުދުރަތީ ރީތިކަން އެކުލެވޭ ހިތްގައިމު މަންޒިލެކެވެ. ތަނުގެ ސަގާފަތާއި މީހުންގެ ދިރިއުޅުން ފެންނާނެ ހިތްހަމަޖެހޭ މާހައުލެކެވެ. އަމާންކަމާއެކު މަގުތަކުގައި ހިނގައި ބިނގައިވެ އުޅެލެވޭނެ ސާފު ޖައްވެކެވެ. ލަގްޒަރީ ހޮޓާތަކާއި ފެންވަރު ރަނގަޅު އަރާމު ކޮޓަރިތަކުގައި އުޅެ އުޅެ މިހާރު އޭނަ ފޫހިވެއްޖެއެވެ. ބޭނުންވަނީ އާދައިގެ ދިރިއުޅުމެއް ތަޖުރިބާ ކޮށްލުމުށެވެ.

އެއްކުރި މައުލޫމާތު ތަކުގެތެރެއިން ބްރާޔަން އަށް އެންމެ ކަމުދިޔައީ ރާއްޖޭގެ އެންމެ ދެކުނުގައި އީކުއޭޓަރ ހުރަސްކޮށް ދެވޭ އައްޑޫސިޓީއެވެ. ސަބަބަކަށް ވީ ޗުއްޓީއެއް ހެދުމަށް އޭނާ ބޭނުންވާ ހުރިހާ ޝަރުތުތަކެއް އެތަނުން ހަމަވާތީއެވެ.

ސްރީލަންކަން އެއާލައިނުގައި ސީދާ އައްޑޫސިޓީއަށް ދެވޭނެ ކަން އެނގުމުން ބްރާޔަން ހިތްހަމަޖެހުނެވެ. އެހެންކަމުން ރަނގަޅު ހޮޓަލެއް ބުކް ކުރުމަށް ފަހު އެއްމަސް ދުވަހުގެ ދިގު ޗުއްޓީ ދަތުރަކަށް އޭނާ ތައްޔާރުވިއެވެ. ބްރާޔަން އެންމެ ހައިރާންވީ ތަނުގެ ފިނިހޫނުމިން އަބަދުވެސް އެއް މިންގަނޑެއްގައި ހިފެހެއްޓިފައި އަވިދީފައި އޮންނަ ތަނަކަށް އެތަން ވީމައެވެ. މި ޗުއްޓީއަށް ދާއިރު އޭނައަށް ކުރީބައިގައި ފަތަން އެނގިފައި ހުރި ކަމަށްޓަކައި ބްރާޔަން އުފާވިއެވެ. މޯލްޑިވްސްގެ ކަނޑުއަޑީގެ ރީތިކަން ބޭނުންވަރަކަށް ބަލާލެވޭނެ ކަން އެނގުމުން ހިތްހަމަ ޖެހުނެވެ.

ކޮލަމްބޯގައި އެއްދުވަސް ޓްރާންސިޓް ކޮށްފައި މާޗް މަހެއްގެ ފުރަތަމަ ދުވަހު އޭނާއަށް އައްޑޫސިޓީއަށް އާދެވުނެވެ. ބޯޓު ޖައްސަން އުޅެނީ ކަމަށް ޕައިލެޓް އިއުލާން ކުރި ހިސާބުން އޭނާ އިނީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. ބޯޓު ތިރިކުރަމުން އައިވަރަކަށް ކުދި ކުދި ޖަޒީރާ ރަށްތަކުގެ ރީތިކަން ހާމަވަމުން ދިޔައެވެ. ދުވަހެއްގެ އިރު އަރަމުން އައި ވަގުތުކަމަށް ވުމާއެކު ރަން އަވީގައި މޫދުގެ ނޫކުލައިގެ ލޮނުގަނޑު ވިދާމަންޒަރު ހިތްގައިމެވެ. ފެހިކުލައާއި ހުދު އަދި ނޫލަ އެކުލެވިގެން ހެދިފައިވާ ތިރި ޖަޒީރާ ރަށްތައް އެތުރިފައިވާ ގޮތް ރީތިމެއެވެ. މަތިންދާ ބޯޓު ރަންވޭއަށް ތިރިކުރަމުން ދިޔައިރު އޭނަގެ ހިތަށް އަރަމުން ދިޔައީ ދިރިއުޅުމުގެ ބާކީ އޮތްބައި މިތަނުގައި ހޭދަކޮށްލެވޭނެނަމަ އެވެ. މިރީތިކަމުގެ ތެރެއަށް ގެއްލުމަށް އޭނަގެ ހިތް ދިޔައީ އެދެމުންނެވެ.

ބޯޓުން ފައިބައިގެން ބޭރު ބަލާލުމުން ބްރާޔަން ވަރަށް ހައިރާން ވިއެވެ. އިންޓަނޭޝަނަލް އެއާޕޯޓަކާ ބަލާއިރު ކާރޫބާރޫ ނެތްކަމެވެ. އެވަގުތު ރަންވޭއިން ފެންނަން އޮތީ އެމީހުން އައި ފްލައިޓް އެކަންޏެވެ. އެއާޕޯޓު ތެރެއަށް ވަދެގެން ދިޔަ ދިޔަހެން އޭނަގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. އެއާޕޯޓުގެ ހަމަހިމޭން ކަމުންނެވެ. އާންމުކޮށް އެއާޕޯޓުތަކުގައި ހުންނަ ޑިއުޓީފްރީ ޝޮޕްތަކާއި ރެސްޓޯރެންޓްތަކެއް މިތަނުންގައި ނެތީމައެވެ. ތަން ކުޑަވެފައި މުވައްޒަފުން ގެ ގޮތުގައި ހަރަކާތްތެރިވާ މީހުންވެސް މަދީމައެވެ. އެހެނަސް ކޮންމެ މީހެއްގެ މޫނުމަތިން ފެންނަން ހުރި ހިތްހެޔޮ ހިނިތުންވުން ބްރާޔަން އަށް ފާހަގަކުރެވުނެވެ. ހެޔޮ ހިތަކާއެކު ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާގޮތް އޭނާއަށް ކަމުދިޔައެވެ.

ޓާމިނަލް އިން ބޭރަށް ނިކުތް އިރު ލޮލުގައި އަޅައިގަތީ ކުރިމަތިން ފެންނަން އޮތް ނޫކުލައި މޫދެވެ. ކުދި ކުދި ރުއްތަކުގެ ހިޔަލުގައި މީހުން އިށީނދެގެން ތިބި އިރު ފަހަތުން ފެންނަން އޮތް މޫދަށް ވަގުތުން ގޮސް ފުންމާލެވޭނެ ނަމައޭ ބްރާޔަންގެ ހިތަށް އެރިއެވެ.

“ހެލޯ މިސްޓަރ ބްރާޔަން” އޭނަގެ ނަމުން މީހަކު ގޮވާލުމުން އެދިމާއަށް ސިިހިފައި ބަލާލެވުނެވެ

(ނުނިމޭ)