އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއާރުއެމް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެމްއާރުއެމްގެ ފަރާތުން އެ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ވާދަކުރައްވާ ކައުންސިލްގެ ނަން ޖެއްސެވުމަށްފަހު އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން، 7563664 ނަންބަރު ފޯނަށް އެސްއެމްއެސް ކުރުމަށް އެ ޕާޓީ އިން ވަނީ އެދިފައެވެ.
އެމްއާރުއެމް އިން ބުނީ އެކަމާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފޯނު ނަންބަރަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެންމެ ފަހުން ރަޖިސްޓްރީކުރި އެމްއާރުއެމް އިންވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، ސަރުކާރު ހިންގާ އެމްޑީޕީ އިން ވެސް ވަނީ އެ ޕާޓީގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާންކޮށްފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބު 2020 އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު އެވެ.