English Edition
Dhivehi Edition
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެތެރެއިން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައި އުފެއްދެވި، މޯލްޑިވްސް ރިފޯމް މޫވްމަންޓް, އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އިސީ) އިން ނިންމީ ޤާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އެމްއާރުއެމް އުވާލަން ނިންމުމުގެ ސަބަބުން އެ ޕާޓީން ކޯޓަށް ދާން ޖެހި އެކަމަށް ހޭދަވި ހަރަދުގެ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ އެ ޕާޓީއަށް ދިނުމަށްވެސް ސިވިލް ކޯޓުން ވަނީ އަންގާފައެވެ. މި ފައިސާ ދައްކަން އަމުރުކޮށްފައިވަނީ ހަތް ދުވަހުގެ ތެރޭގައެވެ.

ސިވިލް ކޯޓުން ނެރުނު ހުކުމުގައި އެމްއާރުއެމް އުވާލަން އިލެކްޝަންސް އިން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން، މެންބަރުންގެ އަދަދު ކަށަވަރުކޮށްދޭން ޖެހޭ ނޯޓިސް ދިނުމުގައި އަމަލުކުރަންޖެހޭ ގޮތަށް އިލެކްޝަންސްއިން އަމަލުނުކޮށް ހުރިކަމަށާއި، އޭގެ ގެއްލުން އެމްއާރުއެމުން އުފުލަން ނުޖެހޭނެ ކަމަށް ވަނީ ކޯޓު އަމުރުގައި ބުނެފައެވެ.

މެންބަރުން ހަމަކުރަން އަންގައި އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމްއަށް ފޮނުވި މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ނޯޓިސްގައި ބުނެފައިވަނީ އެ ޕާޓީގައި ތިބީ 2981 މެންބަރުން ކަމަށެވެ. މެންބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ކުރިއިރު ނޯޓިސްގެ މުއްދަތުގައި މެންބަރުން ޕާޓީން އުނިއިތުރު ކޮށްފައިވާކަންވެސް ސިވިލް ކޯޓުގެ ވަނީ ފާހަގަކޮށްފައެވެ.

“ބައެއް ފޯމުތައް ޕްރޮސެސް ކުރުމުގައި ލަސްވުންތަކެއް ވެސް ހުރި. މި ސަބަބުތަކާ ހުރެ އިލެކްޝަންސްއިން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް,” -ސިވިލް ކޯޓު-

އެމްއާރުއެމް އުވާލަން ނިންމައި ފޮނުވި ސިޓީއާއި އެ ފަހުން އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ނިންމުންތައް ވެސް ސިވިލް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމުވާ 3000 މެންބަރުން އެ ޕާޓީގައި ހަމަނުވާ ކަމަށްބުނެ އީސީ އިން އެމްއާރުއެމް އުވާލީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެ ޕާޓީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 3000 މެންބަރުން ހަމަނުވާކަމަށް ބުނެ އެ ޕާޓީ އުވާލުމުންވެ. އެހެންކަމުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްރާރުއެމްގެ ރަޢީސް ފާރިސް މައުމޫނުވެސް ވާދަކުރެއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.

އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީ އެވެ. ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް އުފެއްދެވީ އެމަނިކުފާނު އިސްވެ ހުންނަވައިގެންނެވެ.

އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ރައީސް މައުމޫން ނިންމެވީ، ޕީޕީއެމްގެ ހިންގުން ހޯދުމުގެ ކޯޅުން މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވުމުންނެވެ. އެންމެ ފަހުން ޕީޕީއެމްގެ ރައީސް ކަމަށް ޔާމީން އިންތިހާބު ކުރި އެ ޕާޓީގެ ކޮންގްރަސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ވަނީ 2018 ވަނަ އަހަރު ހުކުމް ކޮށްފައެވެ.