English Edition
Dhivehi Edition

އައްޑޫ ފުޓުބޯޅަ މުބަރާތުގެ ފުރަތަމަ މެޗު މުލިމަތި ޔުނައިޓެޑް ބަލިކޮށް ބޭރުމަތި އެފްސީން ކާމިޔާބު ކޮށްފިއެވެ.

މިމެޗު ބޭރުމަތި އެފްސީން ކާމިޔާބު ކުރީ 4-1ގެ ނަތީޖާ އަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. ހިތަދޫ އަށް ނިސްބަތްވާ ބޭރުމަތިން ފުރަތަމަ ހާފުގެ ކުރީ ކޮޅު ވަނީ ލަނޑު ޖަހާފައެވެ. އެލަނޑު އެޓީމަށް ޖަހައި ދިނީ މެޗުގެ 12 ވަނަ މިނެޓުގައި މުހައްމަދު މަމްނޫންއެވެ. މެޗުގެ 40 ވަނަ މިނެޓުގައި މުލިމަތީގެ ހަސަން ސަހާފް މެޗުގެ ނަތީޖާ ވަނީ އެއްވަރު ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވަރަށް ބޮޑަށް ބޭރުމަތީގެ ކުޅުން ފެނިގެން ދިޔައެވެ. އަދި ގިނަ ހަމަލާތަކެއް ވެސް އުފެއްދިއެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފު ފެށުނު ތަނާއި ހެން، 48 ވަނަ މިނެޓުގައި ލަނޑުޖަހާފައެވެ. އެލަނޑު ޖަހާފައި ވަނީ އެޓީމުގެ އިބްރާހީމް ސާމީއެވެ. ކައުންޓަރ އެޓޭކު ކޮށްގެން މުލިމަތިން ލަނޑު ތަކެއް ޖަހަން މަސައްކަތް ކުރި ނަމަވެސް ލިބުނު ފުރުސަތު ކާމިޔާބު ވާގޮތެއް ނުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވުނު ހާޒިމް ފައުޒީ މެޗުގެ 74 ވަނަ މިނެޓުގައި ބޭރުމަތީގެ ތިންވަނަ ލަނޑު ޖަހައިދިނެވެ. އަދި އެޓީމުގެ މުހައްމަދު ޝުއާއު 88 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ފަރަޤް ވަނީ ބޮޑު ކޮށްދީފައެވެ.

މުބާރާތް ފައްޓަވައި ދެއްވާ މެޗު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރ އަބްދުﷲ ސޯދިޤްއެވެ. މިއީ އައްޑޫ ސިޓީކައުންސިލުން މޮޅުވާ ޓީމަކަށް 20 ހާސް ރުފިޔާ ދޭގޮތަށް ބާއްވާ މުބާރާތެކެވެ. މިމެޗުގެ ތެރެއިން އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް ވަނީ އަތު ގުޅާލުމެއް ވެސް ބާއްވާފައެވެ.

މިމުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ބީގެ އެފްސީ ރިވެރިން އާއި ފޭދޫ ސްޕޯޓްސް ކްލަބެވެ. މިމެޗު ފެށޭނީ ހަވީރު 4:00 ޖަހާއިރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.