English Edition
Dhivehi Edition
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް - ފޮޓޯ: ޓްވިޓާ

އައްޑޫ ސިޓީގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަންނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައި އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019” މިއަދު ހަވީރު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު މެންދުރުފަހު 15:30 ގައި ހިތަދޫ ސްޓޭޑިއަމްގަ އެވެ. އެ ރަސްމިއްޔާތަށް އައްޑޫގެ ހުރިހާ ރައްޔިތުން ވަޑައިގަތުމަށް މޭޔަރ އަބްދުﷲ ޞާދިޤު ވަނީ ދައުވަތު އަރުއްވައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއަދަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ކަމަށްވާތީ، ދުވަހާއި ގުޅިގެން ހުރިހާ މުއައްސަސާތަކާއި ރައްޔިތުންގެ އަތުގުޅާލުމެއްވެސް މިއަދުގެ ރަސްމިއްޔާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވާ ޓީމްތައް ދެ ގްރޫޕަކަށް ވަނީ ބަހާލެވިފައެވެ. މުޅި މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރާއިރު ގްރޫޕް އޭގައި ހިމެނެނީ އެފްސީ ބޭރުމަތި(ހިތަދޫ)، މުލިމަތި(މީދޫ) އަދި ގޯދިއްޔަ(މަރަދޫ)އެވެ. ގްރޫޕް ބީ ގައި ހިމެނޭ ޓީމްތަކަކީ އެފްސީ ޒެފިއާ(ހިތަދޫ)، ފޭދޫ ސްޕޯޓްސް ، އަދި ކްލަބް ރިވެރިން(ހިތަދޫ)އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ސިޓީ ކައުންސިލުންވަނީ 1 ލައްކަ ރުފިޔާހުށަހަޅާފައެވެ.

މުބާރާތް ފަށާ މެޗުގައި ބައްދަލު ކުރާނީ ހިތަދޫ އެފްސީ ބޭރުމަތި ޓީމާއި މީދޫ މުލިމަތި ޓީމެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ މިމުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ސެމީއަށް ދާނެއެވެ. ސެމީއިން މޮޅުވާ ދެޓީމްގެ މެދުގައި ކުޅޭ މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 2020 ޖެނުއަރީ 11 ވާ ހޮނިހިރު ދުވަހު އެވެ.

މި މުބާރާތުގެ ޤަވާޢިދުގައި ވާ ގޮތުން އައްޑޫގެ ރައްވެއްސަކަށް ނުވަތަ އައްޑޫ މީހެއްގެ ފިރިއެއް ފިޔަވައި އެހެންހިސާބެއްގެ އެއްވެސް މީހަކަށް މިމުބާރާތުގައި ކުޅުމުގެ ފުރުސަތެއްނެތެވެ. އެހެންކަމުން މިއީ އައްޑޫގެ ރައްޔިތުންގެ ތެރެއިން ފުޓްބޯޅައަށް ޝައުޤުހުރި ފަރާތްތަކުގެ ހުނަރު ކުރިއެރުވުމަށް ލިބިގެންދާނެ ފަހި ފުރުސަތަކަށް ވާނެއެވެ.