English Edition
Dhivehi Edition
26 ޑިސެމްބަރު 2018 ގައި ރ. ދުވާފަރުގައި ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން - ފޮޓޯ: ހޯމް މިނިސްޓްރީ

ކޮންމެ އަހަރަކުވެސް ފާހަގަކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަދު މެންދުރުފަހު ތ. ވިލުފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.

ހޯމް މިނިސްޓްރީ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދު މެންދުރުފަހު 14:00 ގައި އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ތ. ވިލުފުށީގައި އޮންނާނެ ކަމަށާއި، އެ ޖަލްސާ ޓީވީއެމް އާއި ރާއްޖެ ޓީވީ އަދި ވީޓީވީގެ އިތުރުން ސަންގު ޓީވީ އިން ވަގުތުން ގެނެސްދޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ އެއްބައިވަންތަކަމުގެ ރަސްމީ ޖަލްސާ ބާއްވާފައި ވަނީ ރ. ދުވާފަރުގަ އެވެ.

ދިވެހި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ފެށީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާއި ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ކޮށް، އެ ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގައި ދިވެހި ރައްޔިތުން ދެއްކެވި ހިއްވަރާއި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށެވެ. ވިލުފުށްޓަކީ އެ ކާރިސާގައި މުޅިން ހަލާކުވެ ވީރާނާވި ރަށްތަކުގެ ތެރެއިން އެއް ރަށެވެ.

މިއަދު ވިލުފުށީގައި ބާއްވާ ޖަލްސާގައި ސުނާމީ ކާރިސާއާއި ގުޅިގެން އެ ރަށު ރައްޔިތުން ހާލުގައި ޖެހުނު ދުވަހު އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާނެއެވެ.

އެ ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ އިތުރުން މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގައި 82 މީހުން މަރުވެ، 26 މީހަކު ގެއްލިފައިވާއިރު، ދިރިނުއުޅެވޭ މިންވަރަށް ހަތަރު ރަށެއް ވަނީ ހަލާކުވެފަ އެވެ. އެއީ ރ. ކަނދޮޅުދޫ އާއި ދ. ގެމެންދޫ އަދި މ. މަޑުފުށީގެ އިތުރުން ތ. ވިލުފުށި އެވެ. އެ ހާދިސާގައި ހާލުގައި ޖެހުނު 8500 ވަރަށް މީހުން ވަގުތީ ހިޔާތަކަށް ގެންދަން ޖެހުނެވެ.

އެއްބައިވަންތަކަމުގެ ރަސްމީ ދުވަހުގެ ހެޔޮ އެދުންތައް އައްޑޫ ސިޓީ ކައުންސިލުންނާއި އައްޑޫ ސިޓީގެ މޭޔަރ އަބްުދުﷲ ޞާދިޤުވެސް ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވައިފަ އެވެ.