English Edition
Dhivehi Edition
ދެހާސް ވިހިވަނަ އަހަރު ނިމިގެންދާއިރު ޖަލުގެ ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ބޮޑު ހައްލެއް ހޯދައިދެއްވާނެކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ
ޕެރޯލް އޮފިސަރުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާތް ﷲ އިރާދަކުރެއްވިއްޔާ ޖާގައިގެ ދަތިކަމަށް އަވަސް އެކަށީގެންވާ ބޮޑު ހައްލެއް ހޯދައިދޭނެކަމަށެވެ. ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ބަޔަކު ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބިތިބުމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ އެއީ އެއްގޮތަކަށްވެސް ބޭނުންވާ ގޮތްނޫން ކަމަށާއި ކަރެކްޝަނަލް ސަރވިސް ގެ ދަށުގައި ޤައިދީން ބަންދުކޮށްގެން ގެންގުޅޭނެ ޖާގައިގެ ގޮތުގައި ހުރީއެންމެ 1300 އެއްހާ ޖާގަ ކަމަށްވެފައި މިވަގުތުވެސް ޖަލުތަކުގައި ދެހާހެއްހާ މީހުން ބަންދުކޮށްފައި އެބަތިބިކަމަށެވެ.މިނިސްޓަރ ވިދާޅުވީ މިއީ ހައްލެއް ހޯދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަދި އިރާދަކުރެއްވިއްޔާ އަވަސް ހައްލެއް ހޯދޭނެ ކަމެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
“ކުރިއަށްއޮތް އަހަރަށް އަޅުގަނޑުމެން ޕްލޭންކޮށްފައިވާ މަސައްކަތް އިރާދަކުރެއްވިޔާ ނިމިގެންދާއިރު ޖަލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. މިއަންނަ އަހަރު އިރާދަކުރެއްވިޔާ ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. ” މިނިސްޓަރ ވިދާޅުވިއެވެ.