English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ - ފޮޓޯ: ޓްވިޓާ (އެމްއޭސީއެލް)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ރަންވޭގައި މިދިޔަ އާދިއްތަ ދުވަހު ރެކޯޑް އަދަދަކަށް ފްލައިޓް ޖައްސައިފި އެވެ. މިއީ ވީއައިއޭގެ އެއާ ޓްރެފިކް ރެކޯޑް މުގުރާލި ތިންވަނަ ފަހަރެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ 22 ޑިސެމްބަރު 2019 ވީ އާދިއްތަ ދުވަހު ވީއައިއޭގެ ރަންވޭގައި އާދިއްތަ ދުވަހު 101 ބައިނަލްއަޤްވާމީ ފްލައިޓާއި 121 ޑޮމެސްޓިކް ފްލައިޓްގެ އިތުރުން 17 އެޑް-ހޮކް މޫވްމަންޓްއާއެކު، ޖުމްލަ 239 ފްލައިޓް ވަނީ ޖައްސައިފަ އެވެ.

އެމްއޭސީއެލް އިން ބުނީ އެއާކްރާފްޓްތަކާއި ފަސިންޖަރުންގެ ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދީގެން އަބަދުވެސް ބަލަމުން އަންނަ ކަމެއް ކަމަށެވެ. އަދި އާދިއްތަ ދުވަހު ހެދި އެއާ ޓްރެފިކް ރެކޯޑާއި ގުޅިގެން އެ ކުންފުނިން ވަނީ ކުންފުނީގެ މުވައްޒަފުންނާއި ހިއްސާދާރުންނަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

މީގެ އިތުރުން މި ހިނގާ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުވެސް ވީއައިއޭ އިން ވަނީ އެއާ ޓްރެފިކް ރެކޯޑެއް ހަދައިފަ އެވެ. އެގޮތުން އެދުވަހު ވީއައިއޭގައި ވަނީ 226 ފްލައިޓް މޫވްމަންޓް ރެކޯޑްކޮށްފަ އެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުވެސް ވީއައިއޭގައި ވަނީ ރެކޯޑް އަދަދަކަށް ފްލައިޓް ޖައްސައިފަ އެވެ. އެދުވަހު ވީއައިއޭގައި ރެކޯޑް ކުރެވިފައި ވަނީ 219 ފްލައިޓް މޫވްމަންޓެވެ.

މިފަހަރު ވީއައިއޭ އިން އެއާ ޓްރެފިކް ރެކޯޑް މުގުރާލާފައި މިވަނީ ފަތުރުވެރިކަމުގެ “ޕީކް” ސީޒަނާ ދިމާކޮށެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައި، އެއާޕޯޓަށް ބާރުބޮޑުވެ އެވެ.