English Edition
Dhivehi Edition

މިއަދު ހަވީރު 04.40 އެހާކަށްހާއިރު މަރަދޫ ޖަސްޓްޓީ ހޮޓާ ކައިރިން ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލް ގައި ދިޔަ ދެ އަންހެނުންނަށް ވެސް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ މަރަދޫއިން ހިތަދޫއާއި ދިމާލަށް ދެކުނުން އުތުރަށް ދުއްވާފައިދިޔަ ޕިކަޕެއް މަރަދޫ ޖަސްޓް ޓީ ކެފޭ ކުރިމަތިން ލިންކްރޯޑުގައި ކުއްލިއަކަށް މަޑު ކުރުމުން ފަހަތުން އައި ސައިކަލެއް ޕިކަޕްގެ ފަހަތުގައި ޖެހިގެންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

އެކްސިޑެންޓްވި ޕިކަޕް ދުއްވަން ހުރީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ޢުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އެކްސިޑެންޓްގައި އެމީހަށް އެއްވެސް އަނިޔާއެއް ނުވެއެވެ. އެމީހާ ދުއްވި ޕިކަޕުގެ ވާތްފަރާތު އިންޑިކޭޓަރ ތަޅައިގެން ދިއުންފިޔަފައި ޕިކަޕަށްވެސް އިތުރު ގެއްލުމެއް ނުވެއެވެ.

އެކްސިޑެންޓްވި ސައިކްލް ދުއްވަން އިން 35 އަހަރުގެ ދިވެހި އަންހެން މީހާގެ ބޮލަށް އެކި ވަރުގެ އަނިޔާ ލިބި ވާތު ލޯ ކައިރިން ފަޅައިގެން ގޮސްފައިވެއެވެ. އެއީވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެކެވެ. ސައިކަލުގެ ފަހަތުގައި އިން 34 އަހަރުގެ އަންހެން މީހާގެ ވައަތު ލޯކައިރިން ފަޅައިގެން ދިއުމުގެ އިތުރަށް އޭނާގެ ބޮލަށް އަނިޔާވެ ހަށިގަނޑުގެ އެކިތަން މަށައިގެން ގޮސްފައިވެއެވެ. އަދި އެމީހުން ދުއްވި ސައިކަލަށްވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.

އެކްސިޑެންޓްގައި އަނިޔާ ވި 2 މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.