English Edition
Dhivehi Edition

ޒަމާނާއި ވަގުތައް އަންނަ ބަދަލާއި އެކު ކޮންމެ ކަމަކީވެސް ބަދަލު ކުރަން ޖެހޭނެ ކަމެވެ. މުޅި އުމުރަށް ނުވަތަ ދާއިމަށް އިންސާނުން ހަދާ އެއްވެސް އެއްޗެއް ނުހުންނާނެއެވެ. ކޮންމެވެސް ބަދަލެއް އަބަދުވެސް ގެންނަން ޖެހިފައިވެއެވެ.

އައްޑޫ ސިޓީގެ ގިނަ ކަންކަމަކީ މިދެންނެވުނު ބީދައިން ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަންކަމެވެ. އަދި ގިނަ ރައްޔިތުންނާއި އެވަގުތަކު އޮންނަ ސަރުކާރަކުން އަބަދުވެސް އެކަންކަން އެނގޭކަމަށް ބުނަމުން ދެއެވެ. ހިތާމައަކީ އެކަމަށް ދުވަހަކުވެސް އަމަލީ ސިފަ ނައަންނާތީ އެވެ.

އައްޑޫ ލިންކް ރޯޑަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ހަދާފައިވާ މަގެކެވެ. އެތައް ލުއި ފަސޭހަކަމަކާއި، އެތައް ބައެއްގެ އުއްމީދުތަކާއި ވެސް ގުޅިފައިވީ ތަނެކެވެ. ހަމަ އެއާއި އެކު އެތައް ނުރައްކާތެރި ހާދިޘާތަކާއި އެތަކެއް ހިތާމަތަކެއް ގިނަ ބަޔަކު ތަޖުރިބާ ކޮށްފައިވާ ތަނެކެވެ. ސަބަބުތަކެއް ނެތިގެނެއް ނޫނެވެ. މަގުގެ އިންޖިނިއަރިން މަސައްކަތްތަކުން ފެށިގެން ގޮސް އެމަގު ބޭނުންކުރާ އެންމެންގެ ޒިންގެ ސަބަބުންނެވެ.

ގިނަބައެއްގެ މާޒީއާއި ގުޅިފައި އޮތް އައްޑޫ ލިންކްރޯޑް އަށް މިއަދު ބޮޑެތި ބަދަލުތައް ގެންނަން ޖެހިފައި ވެއެވެ. އެގޮތުން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެގެން ގޮސްފައިވަނީ އައްޑޫގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލާއި ގުޅިގެން ލިންކްރޯޑަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކައެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލަކަށްވެސް 60 ބޯޑް ނުވަތަ ބާރު ސްޕީޑްގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ ސަރަހައްދު ބަދަލުކުރަން ޖެހޭކަމެވެ. އެސަރަހައްދަކީ ހެލްމެޓް އަޅަން ޖެހޭ ސަރަހައްދަށް ވުމުންވެސް މެވެ. އެބޯޑު މިހާރު ހުރި ސަރަހައްދަށް ބަލާއިރު އެސަރަހައްދުގައި ގިނަބަޔަކު ވަޒަންވެރިވެ ދިރިއުޅެމުން ދެއެވެ. އަދި ކުރިއަށް އޮތްތާގައި އިތުރު މީހުން އެސަރަހައްދުގައި ދިރިއުޅެން ފަށާނެއެވެ. ހަމައެއާއި އެކު ލިންކްރޯޑުގެ ބޮޑު ބައެއް ސިނާއީ މަސައްކަތްތަކަށް ދޫކުރެވިފައިވާއިރު އެސަރަހައްދަކީ މިހާރު ބާރު ސްޕީޑްގައި ދުއްވުމަށް އެކަށީގެން ނުވާ ސަރަހައްދެކެވެ.

މިހެން މިކަން އޮތުމާއި އެކު ލިންކްރޯޑުގެ ސަރާސަރު ސަރަހައްދު އަލުން ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ބޭނުންތެރިކަމެކެވެ. އެސަރަހައްދު މިހާރު ކަނޑައެޅިފައި އޮތް ގޮތުން އެތައްބަޔަކަށް އެކަމުގެ ތަކުލީފު އުފުލަން ޖެހިފައިވެއެވެ. މީގެ އެތަކެއް އަހަރުތަކެއް ކުރިން ލިންކްރޯޑް ހެދި އިރު އޮތް ހާލަތު މިއަދު މިވަނީ ބަދަލު ވެފައެވެ. އެމަގުގެ ބޮޑުބައެއް ޒަމާނަށް ފައްތަން ޖެހެއެވެ. ނޫންނަމަ ބޮޑެތި ނުރައްކާތެރި އެތަކެއް ހާދިޘާތަކެއް ކުރިއަށް އޮތްތަނުގައި ހިނގުން އެކަށީގެން ވެއެވެ. އަދި އެތައް ބަޔަކަށް ބޮޑު ތުރާއަކަށް ވެގެން ދާނެއެވެ.

މިކަމަށް ހައްލު ގެންނަތަން ދެކެން ގިނަ ރައްޔިތުންތިބީ ކެތްމަދު ވެފައެވެ. ގިނަބަޔަކު އެކަމަށް އަޑު އުފުލަމުން ދެއެވެ. ކޮންމެ ކަމަކީ މަގުމައްޗަށް ނުކުމެ ހަޅުތާލުކުރުމުން ކޮށްދޭ ކަންކަމަށް ނަހަދައި ރައްޔިތުންގެ ފަސޭހައަކަށް ނުވަތަ އެވެރިންގެ ރައްކާތެރިކަމަށް މިފަދަ ބަދަލުތައް ގެނައުން އަވަސް ކުރަން ޖެހިފައި ވެއެވެ.

އާ ހޮސްޕިޓަލް ހުޅުވުމަށް ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު ލިންކްރޯޑަށް މިދެންނެވި ބަދަލު ގެންނަން އެބަޖެހެއެވެ. ޓްރާންސްޕޯޓް މިނިސްޓަރީން ނުވަތަ އައްޑޫ ސިޓީ ކައުންސިލް މިކަމަށް އިސްނެގުމަކީ ގިނަ ބަޔަކު ބޭނުންވާ ގޮތެވެ.