English Edition
Dhivehi Edition

ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުޅުވާލައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ 14:00 އާހަމައަށް ވަނީ ހުޅުވާލާފައެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ފޯނު ނަންބަރު ޓްރެފިކް ޕޮލިސް ކައުންޓަރަށް ހުށަހަޅަން ޖެހޭނެ ކަމަށް ފުލުހުން ބުނެއެވެ.

އެ ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެ ޕްރޮގްރާމުގައި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ޓެކްސީ ކުރުމުގެ ޚިދުމަތަށް އަލަށް ނުކުންނަ ޑްރައިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައިވާއިރު، ފުލުހުން ވަނީ ޓެކްސީ ޚިދުމަތަށް އަލަށް ނުކުންނަށް ޑްރައިވަރުން އެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޓެކްސީ ސެންޓަރުތަކުގައި ނަންނޯޓު ކުރުމަށް އެދިފައެވެ.

ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ދަނީ ސިލްސިލާކޮށް މިފަދަ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންނެވެ. އޮގޮތުން މިއަހަރުގެ ތެރޭގައި ވަނީ ޓެކްސީ ޑްރައިވަރުންނަށާއި ޕްރައިވެޓް ހަޔަރގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައެވެ.