އަވަސް އެޕް މެދުވެރިކޮށް ދަތުރުކޮށްދޭ ޓެކްސީ ޑްރައިވަރެއްގެ އަޚުލާގީ މައްސަލައަކާއި ގުޅިގެން ފިޔަވަޅު އަޅައިފިއެވެ.
އަވަސް އެޕުން ނެރުނު ބަޔާނެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ހިއްސާކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މާރޗް މަހުގެ އެއްވަނަ ދުވަހުގެ ރޭ ހުޅުމާލޭން މާލެ ކުރި ދަތުރުގައި ފަސެންޖަރާއި ބޭއަދަބީކޮށް މުއާމަލާތްކޮށް އަދި ދަތުރު ދާން ބޭނުންވި ތަނަށް ނުގެންދިޔަކަމަށް ބުނެ މައްސަލައެއް ލިބިފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ދެ ފަރާތާއި ވާހަކަ ދައްކާ ތަހުގީގު ކުރުމަށްފަހު އިއްޔެއިން ފެށިގެން އެ ކުންފުނިން އެ ޑްރައިވަރަށް ދީފައިވާ ހުރިހާ ޚދުމަތެއް (އަވަސް ރައިޑް އެޕް، އަވަސް އެޕް، ޓެކްސީ ސެންޓަރު) ވަނީ ދާއިމީ ގޮތެއްގައި ކަނޑާލާފައި ކަމަށް އަވަސް އެޕުން ބުންޏެވެ.
އަދި މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލް ވަނީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައި ކަމަށް ވެސް އަވަސް އިން ބުނެއެވެ.
އެކުންފުނިން ވަނީ އެ ހިދުމަތަށް އޮތް އިތުބާރު ދެމެހެެއްޓުމަށްޓަކައި އެފަދަ އަމަލުތަކަށް އެކަށީގެންވާ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސް ކުރައްވާފައެވެ.
މިހާދިސާއާއި ގުޅިގެން އަވަސް އެޕުން ވަނީ އެ ޓެކްސީގައި ދަތުރު ކުރި ފަސެންޖަރުގެ އަރިހުން މާފަށް އެދިފައެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.