މައިންނާއި ދަރިން، ވަކިން ޚާއްޞަކޮށް އަންހެން ދަރިންގެ ގުޅުމަކީ ވަރަށް ބަދަހި ގުޅުމެއް ކަމަށް އެންމެން ވެސް ގަބޫލުކުރެއެވެ. އެގޮތުން ގިނަ ފަހަރަށް އަންހެން ދަރިންނާއި މައިން، ހަޔާތުގައި ދިމާވާ ގިނަ ކަންކަން ހިއްސާކުރާ ގާތް ރަހުމަތްތެރިންގެ ގޮތުގައި ފެނިގެންދެއެވެ.
ތަޖުރިބާކާރުންގެ ދިރާސާތަކުން ދައްކާގޮތުގައި ނުފޫޒުގަދަ ކެރޭ، ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އަންހެނުންގެ އަންހެން ދަރިން އެމީހުންގެ ރޯލް މޮޑެލްގެ ގޮތުގައި އެކުދިންގެ މަންމަ ނަގައެވެ. އަދި މަންމައާއި އެއްގޮތަށް ތިމާ އަށް މަސައްކަތް ކުރެވޭތޯ ބަލައެވެ. މިގޮތުން މިފަދަ ކާމިޔާބު އަންހެނުންތަކަކާ އެކު ކުރި ސަރވޭ އެއްގައި ގިނަ އަންހެނުން ބުނެފައިވަނީ އެމީހުންގެ ދިރިއުޅުމުގައި އެންމެ ބޮޑު އެދެވޭ އަސަރެއް ކޮށްފައިވަނީ މައިންގެ ފަރާތުން ކަމާއި މަންމަ ފަދައިން އެގޮތަށް މަސައްކަތް ކޮށް ދިރިއުޅުމުގައި ކާމިޔާބު ކޮށްފައިވާ ކަމަށެވެ.
މީގެ ސަބަބެއް ކަމަށް ވަނީ އެފަދަ އަންހެނުން އެމީހުންގެ ދަރިން އެހެން މީހުންނަށް ބަރޯސާ ނުވެ ދުނިޔެ އުޅެން ދަސްކޮށްދޭ ކަމެވެ. އަދި ގާތް ރަޙުމަތްތެރިއެއް ފަދައިން ތިމާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާ ދަރިފުޅާ ހިއްސާކޮށް އެކަންތައްތަކުން އަރައިގަނެވޭނެ ގޮތްތައް ކިޔައިދޭ ކަމެވެ. ހަމަ އެގޮތަށް ދުނިޔޭގައި ދިރިއުޅޭއިރު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ އެފަދަ ކަންތައްތަކުން އަރައިގަންނަން ދަރިންނަށް ދަސްކޮށްދޭ ކަމެވެ. މީގެ އިތުރަށް އެކިއެކި ގުޅުން ތަކުން ލިބިދޭ ނުރަގަޅު ނަތީޖާ ތައް ދަރިންނަށް ކިޔައިދީ އެފަދަ ގުޅުންތަކުން ދުރުގައި ތިބުމަށް ބުނެ އެފަދަ މިސާލުތައް ދައްކައިދޭތީއެވެ. މިއާއެކު އެހެން މީހުންނަށް އިޙްތިރާމު ކުރުމާއި ތިމާގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރާނަމަ އެކަމުގެ ދިފާއުގައި ތެދުވެ އަޑު އުފުލައި ތިމާގެ އަމިއްލަ ނަފުސުގެ ހައްގުގައި ވަކާލާތު ކުރަން ބުނެދޭތީއެވެ.
އެހެންކަމުން މިފަދަ މައިންގެ ދަރިން ފުރާފުރިހަމަ ވާއިރު އަމިއްލަފައި މައްޗަށް ތެދުވެ އަމިއްލައަށް ކުރި އެރުން ހޯދުމަށް މަސައްކަތް ކުރެއެވެ. އަދި ދިރިއުޅުމުގެ ގޯލުކަނޑައަޅާއި ކާމިޔާބާއި ދިމާއަށް ތިމާ ވާސިލް ވުމަށް ކުރަން ޖެހޭ ކަންކަން އަމިއްލަ އަށް ވިސްނައެވެ. މިފަދަ ކުދިންނަށް މައިން ވިސްނައިދީފައި އޮންނަނީ ރުއިމަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫން ކަމާއި ވަރުބަލިވެގެން ވެެއްޓޭ ކޮންމެ ފަހަރަކު އެއަށް ވުރެ އަވަހަށް ތެދުވެ ކުރިން ހުރި މިނަށް ވުރެ ބާރަށް ކުރިއަށްދާން ޖެހޭނެ ކަމެވެ.
ކާމިޔާބު. ވަރުގަދަ އަންހެން ލީޑަރުން އެމީހުންގެ އަންހެން ދަރިންނަށް ، މާފުކުރުމުގެ ހުރި ބާރާއި، އެހެން މީހުންނަށް އޯގާތެރިވުމަށާއި އަދި މުސީބާތްތަކަށް ކެތްތެރިވާން ދަސްކޮށްދެއެވެ. މީގެ އިތުރުން މިފަދަ މައިން އަންހެން ދަރިންނަށް ބުނެދެނީ މުޖުތަމައުގައި ގިނަ ކަންތައްތައް ކުރެވޭ ގާބިލް މީހަކަށް ވުމަށާއި އެއްކަމެއް ކުރުމުގައި ތިމާ ހުއްޓިގެން އެކަމުގައި ތާށިގެން ހުރުމުގެ ބަދަލުގައި މުޖުތަމައުގައި ތަފާތު އެކި ރޯލު އަދާކުރެވޭވަރުގެ މީހަކަށް ވުމަށެވެ.
މިފަދަ މައިންގެ އަންހެން ދަރިންނަށްޓަކައި އެމީހުންގެ އެންމެ ގާތް ރަޙުމަތްތެރިއަކީ މަންމައެވެ. އަދި މަންމަ އަކީ އެދަރިންދައްކާ ވާހަކަތައް ކަނުލައި އަޑުއަހައި އެންމެ ރަނގަޅު ނަސޭހަތް ދިނުމަށް އަބަދުވެސް ތައްޔާރަށް ތިބޭ ބައެކެވެ. ހަމަ އެއާއެކު މިފަދަ މަންމަމެންގެ އަންހެންދަރިން ބޮޑެތިވެ މުޖުތަމައުގައި ރޯލު މޮޑެލުންގެ ގޮތުގައި ފެނިގެންދެއެވެ. ވަރުގަދަ އަންހެން ލީޑަރުންނަށް ވެގެން ދެއެވެ.