English Edition
Dhivehi Edition

“އެފްއޭއެމް މައިލޯ އިންޓަ ސްކޫލް” ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާގައި ޝަރަފުއްދީން ސްކޫލް އާއި އިރުޝާދިއްޔާ ސްކޫލް ކުޅުނު މެޗު ޝަރަފުދީން ސްކޫލް 3-1 ލަނޑުން މޮޅު ވެއްޖެއެވެ.

ވާދަވެރި މޮޅު ކުޅުމެއް ދެ ޓީމްގެ ފަރާތުން ފުރަތަމަ ހާފްގައި ފެނިގެންދިޔަ މިމެޗުގައި އިރުޝާދިއްޔާ ސްކޫލްއިން ފުރަތަމަ ލަނޑު ޖެހި ނަމަވެސް ޝަރަފުއްދީން ސްކޫލުން ވަނީ ފަހަތުން އަރައި 3 ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފައެވެ.

އިއްޔެ ކުޅެވުނު މެޗުގެ ފުރަތަމަ ހާފްގައި އިރުޝާދިއްޔާ ސްކޫލުން ވަނީ މޮޅަށް ކުޅެ ޝަރަފުއްދީން ސްކޫލް ކޮޅަށް މެޗުގެ 15 ވަނަ މިނެޓްގައި ލަނޑު ޖަހައި ކުރި ހޯދާފައެވެ. މި ލަނޑު އިރުޝާދިއްޔާ ސްކޫލްލަށް ކާމިޔާބުކޮށް ދީފައިވަނީ މުޅިމެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ އިރުޝާދިއްޔާ ސްކޫލްގެ ޖާޒީނަންބަރު 10 ހުސައިން ޒިދާން މުޙައްމަދެއެވެ.

ޒިދާންގެ ލަނޑުން އިރުޝާދިއްޔާ ސްކޫލް ކުރީގައި އޮވެ ފުރަތަމަ ހާފް ނިމުނު ކަމަގައި ވިޔަސް ދެވަނަ ހާފްގައި ޝަރަފުއްދީން ސްކޫލުން ވަނީ ދެވަނަ ހާޕްގެ ކޮންޓްރޯލް ހޯދައި ކާރި ކާރީގައި އިރުޝާދިއްޔާ ސްކޫލްގެ ގޯލައަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގެ 47 ވަނަ މިނެޓްގައި ލިބުނު ޕެނެލްޓީއެއްގައި ޝަރަފުއްދީންގެ މުހައްމަދު ޒަކުވާން ޝާކިރު މެޗުގެ ނަތީޖާ ޝަރަފުއްދީން ސްކޫލްއަށް ހަމަކޮށްދީ ފައިވާއިރު ޝަރަފުއްދީން ސްކޫލްގެ މޮޅުވި ލަނޑުތައް މެޗުގެ 57ވަނަ މިނެޓް އާއި 62 ވަނަ މިނެޓްގައި ޝަރަފުއްދީނަށް ކާމިޔާބުކޮށް ދީފައިވަނީ މުޅި މެޗުގެ ވެސް ޝަރަފުއްދީންނަށް އެންމެ ރަނގަޅަށް ކުޅެދިން ހަސަން ވިޔާމްއެވެ.

ޝަރަފުއްދީން ސްކޫލިން ކާމިޔާބު ކުރި ފުރަތަމަ ލަނޑަކީވެސް އިރުޝާދިއްޔާ ސްކޫލްގެ ކުޅުން ތެރިޔަކު ވިޔާމަށް ކުރި ފައުލްއަކުން ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.