އައްޑޫސިޓީ، ހިތަދޫ ޗަމްޕާޕޫލުމާގޭ އަލް މަރުހޫމް ޙަސަން ސައީދަކީ ދިވެހި އަދަބިއްޔާތުގައި ފުންނާބު އުސް ބޭފުޅެކެވެ. މަތީ ފަންތީގެ ގިނަ ޅެންތަކެއް ހައްދަވާފައިވާ ކުޅަދާނަ ޅެންވެރިއެކެވެ. ދިވެހި އަދަބަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވެވި އަދީބެކެވެ. ޙަސަން ސައީދު ދުނިޔޭގައި ނެތް ނަމަވެސް މި ކުޅަދާނަކަމާއި ހުނަރު މިއަދު އަޅުގަނޑުމެންނަށް ފެނިގެން ދަނީ ދަރިކަނބަލުން ފާތިމަތު ސައީދު (ފާތުން) ގެ ޅެންތަކުންނެވެ. ބައްޕަ ކުރެއްވެވި ފެންވަރަށް މަސައްކަތް ނުކުރެއްވެވުނަސް ފާތުން މި ދާއިރާއަށް މޮޅެވެ. މިހާތަނަށް ގިނަ ޅެންތަކެއް ދިވެހި ޅެންވެރިކަމުގެ ތެރެއަށް ދޫކުރައްވަވާފައިވާއިރު ފާތުންގެ ޅެންތަކުގައި ކިޔާހިތްވާ ގޮތެއް ހުރެއެވެ. ތަފާތު އެކި މުނާސަބާތަކާ ގުޅުވައިގެން ހަދާފައިވާ ޅެންތަކާއި އަމިއްލަ ބަހުރުވަ ކަމަށްވާ އައްޑޫ ބަހުގެ ޅެންތަކާއި ގުދުރަތީ މަންޒަރު ސިފަކޮށްދޭ ޅެންތަކެވެ. މީގެ ހަމަ ކޮންމެ ޅެމެއްވެސް އެހާމެ ފުރިހަމައެވެ. މިއީ މިފަހަކަށް އައިސް ނެތެމުން އުވެމުންދާ ކަމެއް ނަމަވެސް ފާތުން ގެންދަނީ ހިތްވަރާއެކު އެ މަސައްކަތުގައި ސާބިތުވެ އިތުރަށް ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.
ބައްޕައާއި މަންމަގެ ދެވަނަ ދަރިފުޅަށް ވުމާއި އެ ދުވަސްވަރު ތައުލީމަށް މާ ބޮޑު އިސްކަމެއް ދީފައި ނެތުމުގެ ސަބަބުން ކުޑައިރު ބޭނުންވި ތައުލީމު ހާސިލް ނުކުރެވުނު ނަމަވެސް މިއަދު ފާތުން ވަނީ އެހުވަފެންވެސް ފުރިހަމަ ކޮށްފައެވެ. އުމުރަކަށް ބެލުމެއްނެތި ތައުލީމުގެ ދޮރާށިން ވަދެ ކިޔެވުމުގެ ހަރުފަތުގައި ފައި އެޅީ ކައިވެންޏެއް ކޮށް ދަރިންވެސް ލިބުނު ފަހުންނެވެ. މީހުން ކިޔާފާނެ އެއްޗަކަށް ބެލުމެއްނެތި އަމިއްލަ ކުރިއެރުމަށް ފާތުން ފެށި މަސައްކަތުގެ ނަތީޖާ ކިތަންމެހައިވެސް ފޮންޏެވެ.
“އެއީ ވަކި އުމުރެއްގައި ކައިވެނި ކުރާ ގޮތަށް ގާނޫނުގައި އޮތް ޒަމާނެއް ނޫން. މަންމަ ބެލީ ތައުލީމީ ރަނގަޅު ފިރިއަކު އަހަންނަށް ހޯދައިދެވޭތޯ. އިރާދަކުރެއްވިއްޔާ އެފަދަ ފިރިއެއް ލިބުނީ. އެކަމަށްޓަކައި މިއަދާ ހަމައަށް ވެސް މަންމައަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން” ފާތުން ބުންޏެވެ.
އަމިއްލަ ޙަޔާތާ ބެހޭގޮތުން “އޭއޯ ނިއުސް” އަށް ދިން އިންޓަވިއުގައި ފާތުން ބުނީ ފިރިކަލުން އަޙުމަދު ނަޒީރަކީ މިއަދު ފާތުން އިލްމީގޮތުން ހޯދާފައިވާ ކުރިއެރުމުގައި އެންމެ އެހީތެރިކަމެއް ފޯރުކޮށްދެއްވެވި ފަރާތްކަމެވެ.
ކައިވެންޏަށް ފަހު މާލެއަށް ދިރިއުޅުން ބަދަލުކުރަން ޖެހުމުން މާލޭގައި ދިރިއުޅުނު ދުވަސްތަކުގައި ފާތުން ވަނީ ޖެނެރަލް ހޮޓެލް ސާރވިސް ކޯސް ފުރިހަމަކޮށް އެދާއިރާއިން ކުރިއަށް ދިއުމަށް މަސައްކަތް ފަށާފައެވެ.
“އެއީ ކުދިން ބަލަމުން ގޭގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ކޮށް ކިޔަވަމުން ދިޔަ ދުވަސްވަރެއް. ކޯހުން އެދެވޭ ނަތީޖާއެއްވެސް ލިބުނު. ކޯސް ފުރިހަމަ ކުރުމުން ރިސޯޓެއްގައި ވަޒީފާ އަދާކުރަންޖެހޭ ބޮންޑެއް އޮތުމުން މާލެއާއި ކައިރި ތަނަކަށް ދާން ވެގެން ކުރުނބާ ވިލެޖް ރިސޯޓުގައި މަސައްކަތް ފެށީ” ފާތުންގެ ތައުލީމީ ހަޔާތް ފެށިގެން އައިގޮތް ކިޔައި ދިނެވެ.
ކުޑައިރުއްސުރެން ވެސް ކެއްކުމަށް ފޯރި ހުންނަ ފާތުން ކުރުނބާ ވިލެޖްގެ ޕޭސްޓްރީގައި މަސައްކަތް ކޮށް ލިބުނު ތަޖުރިބާ އާއެކު ފަހުން މާލޭގައި އަމިއްލަ މަސައްކަތް ފެށިއެވެ. “ފާތިމާ ފްލެވަރސް” ގެ ނަމުގައި ފެށި މި މަސައްކަތުން ރަނގަޅު އާމްދަނީ އެއް ލިބުނު ކަމުގައި ވިޔަސް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ކަމަށް ފާތުން ކިޔައިދިނެވެ.
“ފާތުން ހަދާ ކޭކްގެ އެންމެ ޚާއްޞަ ކަމަކީ އެއީ ސިއްހަތަށް ފައިދާ ހުރި ކޭކް ކަމަށް ވުން. ހެލްދީ ކޮށް މުޅިން ވެސް ކޭކު ހަދަނީ. އައިސިން އެއް ނުހުންނާނެ. މޭވާ އާއި ނަޓްސް ގިނަކޮށް ކޭކު ހަދަނީ” ފާތުން ހަދާ ކޭކު ޚާއްޞަވާގޮތް ކިޔައިދިނެވެ.
މާލޭގައި ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ ދުވަހު މަސައްކަތް ކޮށް ދާއިރާއިން ލިބުނު ތަޖުރިބާއާއެކު، ފާތުން ރަށަށް ބަދަލުވީ މާލޭގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.
“ރަށަށް އައުމުގެ ކުރިން ހީކުރިން މިހާރު ރަށް އޮންނާނީ ވަރަށް ބޮޑަށް ބަދަލުވެފަކަމަށް. މީހުންވެސް ތަރައްގީވެ އަދި ރަށަށް ވެސް އޭގެ އަސަރުކޮށްފަ އޮންނާނެކަމަށް ހީކުރެވުނީ. އެކަމަކު 40 ވަރަކަށް އަހަރު ކޮށްފައި އައި އިރު ބުނެވޭނީ ރަށް އޮތް ގޮތް ފެނިފައި ދެރަވި ކަމަށް. ރަށުތެރެއިން ސާފުތާހިރު ކަމުގެ ކުލަވަރު ނުފެންނަތަނުގައި ތަރައްގީގެ މާ ބޮޑު ކުރިއެރުމެއް ވެސް ފެނިފައި ނެތް” އަމިއްލަ ރަށަށް ބަދަލުވުމުން ކުރެވުނު އިހްސާސް ތައް ފާތުން ބުނެދިނީ މިގޮތަށެވެ.
ރަށަށް ބަދަލުވެ ސުވަދީވް ރެސްޓޯރެންޓްގައި ފާތުން މަސައްކަތް ފެށިއެވެ. އެހާ ހިސާބުން އަމިއްލަ ރަށުގައި ތިބެގެން ފާތުންގެ މީރު ޕޭސްޓްރީގެ ރަހަ ބަލާލުމުގެ ފުރުސަތު ގާތްތިމާގެ މީހުންނާ ރައްޓެހިންނަށް ލިބިގެންދިޔައެވެ.
އެތަނުގައި ބުރަކޮށް މަސައްކަތް ކުރުމަށްފަހު ފާތުން މިހާރު މަސައްކަތް ކުރަނީ އަމިއްލަ ގޭގައި ހުރެގެންނެވެ. ލިބޭ އޯޑަރު ތަކަށެވެ. އަމިއްލަ ވިޔަފާރިއެއް ފަށައި މި މަސައްކަތް ރަށުގައި ހުރެގެން ކުރުމަށެވެ. މިހުރިހާ ކަމަކާއެކުވެސް ރަށަށް ބަދަލުވެ ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ވެސް ފާތުން ފެށިއެވެ.
“ޝަރަފުއްދީން ސްކޫލް ކުރިމަތީގައި އޮންނަ ޕާކަށް ދޭތެރެ ދޭތެރެއިން ދަން. އެތަނުންގައި ވިނަ ސާފުނުކޮށް ކުނި ގިނަވެފައި ހުރިތަން ފެނި އަމިއްލައަށް ސާފުކޮށް ބަލަހައްޓަން ފެށީ. ދުވަސްކޮޅަކުން އިތުރުން މީހުން ވެސް ގުޅެން ފެށި. އެންމެން ވެގެން ތާން ސާފުކޮށް ބަލަހައްޓަމުން ދިޔައީ. އެގޮތަށް ޕާކު ސާފުކޮށްލުމުން އެތަނަށް އަންނަ ކުދިންނަށް ތަނަކީ ރައްކާތެރި ތަނަކަށް ވެ ބެލެނިވެރިންނާއި ކުދިން ވެސް ހިތްހަމަޖެހިގެންދޭ. އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް” ކުރަމުން ދިޔަ މަސައްކަތުގެ އިތުރުން ވެށި ސާފުކޮށް ބެލެހެއްޓުމަށް ފާތުންގެ ހިތުގައި އޮތް ލޯތްބެއްގެ ސަބަބުން ސާފުކުރުމުގެ މަސައްކަތާ ދިމާއަށް ދިޔައެވެ.
މި މަސައްކަތް އިތުރަށް ފުޅާކޮށް މުޅިން ހިލޭސާބަހަށް ރަށުގެ އެކި ސަރައްހައްދުތައް ސާފުކުރުމަށް ފާތުން އާއި އެކީގައި މަސައްކަތް ކުރަން ބޭނުންވި ޓީމުން ފެށިއެވެ. އެގޮތުން “ވެށި ސާފު” ގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމުގެ މަސައްކަތް ވެސް ފާތުން ވަނީ ފަށާފައެވެ. މިއީ އަމިއްލަ ރަށަށް އޮތް ކުލުނެއްގެ ބޮޑުކަމުން ފާތުން ފެށި ކަމެކެވެ.
ޕޭސްޓްރީ މަސައްކަތާއި ވޮލެންޓްރީ މަސައްކަތުގެ އިތުރުން ފާތުން ފާހަގަކޮށްލެވެނީ ލިބޭ ހުސްވަގުތުތަކުގައި ހަދާ ރީތި ޅެންތަކުގެ ސަބަބުންނެވެ. ފޭސް ބުކްގެ “ފިނި ގުލްޒާރު” ޕޭޖަކީ ފާތުންގެ އަމިއްލަ ޅެންތައް ހިމެނޭ ފާތުންގެ ޕޭޖެކެވެ. އެ ޕޭޖަށް ފާތުން ލާފައިވާ ޅެންތަކަކީ ނޭގި ނަމަވެސް ދިވެހި އަދަބިއްޔާތަށް ކޮށްދެވެމުން ދާ އަގުބޮޑު ޚިދުމަތެކެވެ.
“އުމުރުން 15 އަހަރުވެސް ވީ ފަހުން ފުރަތަމަ ޅެމެއް ހެދީ. އެއީ ހަމަ ބައްޕަ ފަރާތުން ލިބިފައި ހުރި ހުނަރެކޭ ބުނެވޭނީ. ބައެއް މީހުން ބުނޭ ބައްޕަގެ ޅެންތައް ކޮޕީކޮށްގެންނޭ ޅެން ހަދަނީ. އެކަމަކު ބައްޕައަކީ މޮޅު ޅެންވެރިއެއް. އެފަދަ އިލްމީ ޅެންތަކެއް ހަދަން އަދި ވަރަށް ބޮޑަށް މި ދާއިރާއިން އުނގެނެން ޖެހޭ. އެ ފެންވަރުގެ ޅެމެއް މިހާރުގެ ޅެންވެރިންނަށް ހަދާކަށް ފަސޭހައެއް ނުވާނެ. އަހަރެންވެސް ހަމަ ދަސްކުރަމުން މިދަނީ.” އެކި ދާއިރާތަކުން ގިނަ ޅެންތަކެއް ހަދާފައިވާ ފާތުން ކިޔައިދިނެވެ.
އިޖުތިމާއީ ދާއިރާއާއި، ގުދުރަތީ ދާއިރާ އަދި ލޯބީގެ ދާއިރާފަދަ ދާއިރާތަކަށް ޅެން ހަދާލުމަކީ ފާތުންއަށް ނުހަނު ފަސޭހަ ކަމެކެވެ. ފާތުން ބުނި ގޮތުގައި ޅެންވެރިކަމުގެ ދާއިރާގައި އެންމެ ފަސޭހައިން ފާތުންއަށް ހަދާލެވެނީ ލޯބީގެ ޅެމެވެ. ފާތުންގެ ޅެންތައް ފަތްތޫރަ މަޖައްލާގައި ވެސް ފެންނަން އެބަހުއްޓެވެ. މީގެ އިތުރުން ފާތުންގެ އަމިއްލަ ޅެން ހިމެނޭ ޅެން ފޮތެއް ވުޖޫދަށް ގެނައުމަކީ މި މަސައްކަތުގައި ފާތުން ދެކެމުންދާ ހުވަފެނެކެވެ. ހަމަމިއާއެކު ޅެންވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމަކީ ވެސް ފާތުން ދެކެމުންދާ ހުވަފެނެކެވެ. ޅެންވެރި ބައްޕައެއްގެ ދަރިއަކަށް ވީތީ ، އެކަމަށްޓަކައި ފާތުން އަބަދުވެސް ފަޚުރުވެރިވެއެވެ.
ފާތުން އަކީ މޮޅު ޝެފެކެވެ. އިޖުތިމާއީ ހަރަކާތްތަކުގައި އިސްވެހުރެ މަސައްކަތް ކުރާ ލީޑަރެކެވެ. ކުޅަދާނަ އަދީބެކެވެ. ހީވާގި ގެވެހި އަންބެކެވެ. ފާތުން ދެން ފެންނާން ބޭނުންވަނީ މީހުން ތަމްރީން ކުރާ މީހެއްގެ ގޮތުގައެވެ. އެނގިފައި ހުރި އެއްޗެއް އެހެން ބަޔަކަށް ދަސްކޮށްދޭ މީހެއްގެ ގޮތުގައެވެ. މީގެ އިތުރުން ޕޭސްޓްރީ ބޭކަރީގެ ރޮނގުން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔަވަންވެސް ފާތުން ބޭނުންވެއެވެ.
“އައްޑޫ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދިވެހި ކެއުން ތައާރަފްކޮށް އެތަކެއްޗާއި ބެހޭ މައުލޫމާތުދީ އަމަލީ ގޮތުން މަސައްކަތް ކުރާނެ ގޮތް ދަސްކޮށް ދިނުމަކީ ވެސް ކުރަމުންދާ މަސައްކަތެއް. އެގޮތުން ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ދިވެހި ރެސިޕީ ފޮތެއްވެސް ތައްޔާރުކުރަމުން މިދަނީ. ހަމައެއާއެކު ގެސްޓުހައުސްތަކުގައި ތިބޭ ޝެފުން ވެސް ތަމްރީނު ކުރަން. އެގޮތުން މިހާތަނަށް ކުރެވުނު އެންމެ ކާމިޔާބު މަސައްކަތަކީ ހުޅުލޭ ގައި ހުންނަ ކޮފީ ކުލަބު ޕްރޮޖެކްޓްގެ މަސައްކަތް” ފާތުން މިހާތަަނަށް ކޮށްފައިވާ އަދި ކުރަމުންދާ މަސައްކަތް ތަކަކީ ތައުރީފު ހައްގު މަސައްކަތް ތަކެކެވެ.
“އަސްލު މިހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައީ އަމިއްލަ އާއިލާއިން. ފިރިމީހާއާއި ކުދިންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބުނު ނަމަ މިއަދު މިހާ ހިސާބަކަށް ނާދެވޭނެ. އެއީ ވަރަށް ބޮޑު ހިތްވަރެއް” ފާތުން ކިޔައިދިނެވެ.
މިހާރުގެ ޒުވާން އަންހެން ކުދިންނަށް ފާތުން ބުނެލަން ބޭނުންވަނީ ދިރިއުޅުމުގައި ދިވާމާ ގޮންޖެހުންތަކާއި ހިތްވަރާއެކު ކުރިމަތިލައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރާ ކޮންމެ އަންހެނަކަށް ވެސް ކާމިޔާބު ވާނެކަމެވެ. ބޭނުންވަނީ ހިތްވަރެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރުމެވެ. ޓާގެޓް ގޯލެއް އޮތުމެވެ!
“އޭއޯ ނިއުސް” ގެ ފަރާތުން ފާތުން އާއި ބައްދަލުކޮށް ފާތުންގެ މަސައްކަތްތަކާ ބެހޭ އިންޓަވިއު ނަގާ ނިންމުމުން ފާތުން ވަނީ އޭނާ އަމިއްލައަށް ތައްޔާރުކޮށްފައިވާ “ހެލްދީ ކޭކް” ގެ ރަހަ ބަލާލަން ފުރުސަތު ދީފައެވެ. ފާތުން ބުނީ ހަމަތެދެކެވެ. އެއީ ވަރަށް މީރު ކޭކެވެ. ކޭކުގެ އެއްފަޅި ކާލެވުނު އިރުވެސް ނުވެސް އެނގުނެވެ. މީރުވެފައި ރަހަތަށް ހެޔޮވަރުކަމުންނެވެ. ފާތުންގެ މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ! ފާތުންގެ މަސައްކަތަށް ފާގަތި ކާމިޔާބީއަކަށް އެދެމެވެ!