English Edition
Dhivehi Edition
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް އިން ފެން ހިއްކުމުގައި ޙަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

އެގޮތުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ދަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު، މާލޭގެ މަގުތަކުގައި ބޯކޮށް ވާރޭވެހޭއިރު ފެންބޮޑުވާ މައްސަލައަށް އަދި މިހާތަނަށްވެސް ހައްލެއް ލިބިފައެއް ނުވެއެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހެނދުރު 08:30 އިން 11:30 އާއި ހަމައަށް ރ. އަތޮޅާއި ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި އެވަގުތަކުގައި އެ ސަރަޙައްދުތަކަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިއަދު މުޅި ރާއްޖޭގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ ބޮޑު ހިސާބަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

އެހެންކަމުން މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.