English Edition
Dhivehi Edition

އިމްޕީޗްމަންޓަކީ އެމެރިކާގެ ޑިމޮކްރަސީއަށް އިއުލާންކުރި ހަނގުރާމައެއް ކަމަށް، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އިމްޕީޗް ކުރުމަށް (މަގާމުން ދުރުކުރުމަށް ) ފާސްކޮށްފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އިމްޕީޗްކުރުމުގެ ވޯޓާ ކުޑަތަންވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް، ކޮންގްރެސްގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީއަށް ފޮނުވި 6 ސަފްހާގެ ސިޓީގައި ވިދާޅުވެފައިވަނީ “އިމްޕީޗްމެންޓް މި ލަފުޒުގެ އަގު ކަމަނާ ވަނީ ވައްޓާލައްވައިފައި” ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އިމްޕީޗްމަންޓަކީ އޭނާގެ ވެރިކަމަށް ގެންނަ ބަގާވާތެކެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައިވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުމުގެ މައްސަލައެކެވެ.

އިމްޕީޗްމަންޓުން ސަލާމަތްވެވަޑައިގެންނެވުމުގެ އުއްމީދު ކުޑަކަމުގެ ރުޅިވެރިކަމާ އެކު ޓްރަމްޕް ވަނީ އޭނާގެ މައްސަލަ ތަހުގީގުކުރުމުގެ މުޅި މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕްގެ ނަޒަރުގައި އެއީ އޭނާގެ ރިޔާސީ ދައުރަށް ޑިމޮކްރެޓިކް ޕާޓީން އަޅަމުން އަންނަ ހުރަހެކެވެ.

ގާނޫނު ހަދާ މަޖިލިހުން ޓްރަމްޕް މަގާމުން ދުރުކުރުމަށް ފާސްކުރި ކަމުގައި ވިޔަސް ސެނެޓްގައި ނަގާ ވޯޓު މިކަމަށް ބޭނުންވާނެއެވެ. ރައީސް ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ސެނެޓްގައި ނަގާ ވޯޓުގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.

ރައީސްގެ މަގާމުން ޓްރަމްޕް ދުރުކުރުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ މެމްބަރުން ކޮންޓްރޯލްކުރާ ސެނެޓު ތެރެއިން ވުން ދުރު ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ސަބަބަކީ ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވާ 45 މެމްބަރުން ތިއްބެވިއިރު، ޓްރަމްޕް މަގާމުން ދުރުކުރަން މަދުވެގެން 67 ވޯޓު ބޭނުންވާތީއެވެ. އެ އަދަދު ހަމަވާނީ ރިޕަބްލިކަން ޕާޓީގެ މަދުވެގެން 20 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެކަމަކު މިއީ އެމެރިކާގެ ދެ ބައި ވެފައިވާ ސިޔާސީ މަސްރަހުގެ ހަގީގަތަށް ބަލާ ނަމަ، ވުން އެންމެ ދުރު ކަންތަކެވެ.

ނިއު ޔޯކް ޓައިމްސް އިން މިހާތަނަށް ލަފާކުރާ ގޮތް

– 219: އިމްޕީޗްމަންޓް ފާސްކުރަން ވޯޓު ދޭނެ މެމްބަރުން

– 172: އިމްޕީޗްމަންޓާ ދެކޮޅަށް ވޯޓު ދޭނެ މެމްބަރުން

– 40: ވަކި ގޮތެއް ނުނިންމާ، ނިންމިކަން ނާންގާ މެމްބަރުން

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.