އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗުކުރަން (އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް) އެގައުމުގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފި އެވެ.
ޓްރަމްޕް އިމްޕީޗްކުރަނީ، ޔުކްރެއިންގެ ރައީސަށް ޕްރެޝަރުކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާންކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުން (މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން) އަދި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުއްވުމުގެ ކުށަށެވެ. ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.
ޓްރަމްޕްގެ އިމްޕީޗުމަންޓުވެސް ދެން ދާނީ ސެނެޓަށެވެ. ހައުސްގައި ރައީސަކު އިމްޕީޗުކުރަން ސިމްޕަލް މެޖޯރިޓީއަކުން ފުދުނު ނަމަވެސް، ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.
އެކަމަކު ރައީސްކަމުގެ މަގާމުން ދުރުކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ކޮންގްރެސްގެ މަތި ގެ، ސެނެޓްގައި ހިންގާ ޝަރީއަތުން ޓްރަމްޕް ސަލާމަތްވެވަޑައިގެންނެވުން ވަރަށް ގާތެވެ. ސެނެޓްގެ މެޖޯރިޓީ އޮތީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަށެވެ.
އިމްޕީޗްކުރުމުގެ ވޯޓާ ކުޑަތަންވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް، ކޮންގްރެސްގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީއަށް، ރުޅިވެރިކަމުގެ އުދާސްތައް ބޭރުކޮށްލައްވާފައިވާ ސިޓީއެއް ވެސް އިއްޔެ ވަނީ ފޮނުވާފައެވެ.
ޓްރަމްޕްގެ ސިޓީގައި ޕެލޯސީއަށް އަމާޒުކުރައްވާ ވިދާޅުވީ އިމްޕީޗްމަންޓަކީ “އެމެރިކާގެ ޑިމޮކްރަސީއަށް އިއުލާންކުރި ހަނގުރާމައެއް” ކަމަށެވެ. އަދި “އިމްޕީޗްމެންޓް މި ލަފުޒުގެ އަގު ކަމަނާ ވަނީ ވައްޓާލައްވައިފަ އެވެ،” ހަ ސަފުހާގެ ސިޓީގައި ޓްރަމްޕް ލިއުއްވާފައިވެއެވެ.