English Edition
Dhivehi Edition
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 66 ވަނަ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސާ މަރިޔަމް ވަހީދާ ސަރުކާރުގެ އިވެންޓެއް ހުށައަޅުއްވައި ދެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ރޮޒެއިނާ ވިދާޅުވެފައި ވަނީ ބްރޯޑްކޮމްގެ ރައީސާ ސަރުކާރުގެ ހަފްލާއެއް ހުށަހެޅުއްވި މައްސަލަ މަޖިލިސް ހުޅުވުމާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ބަލާނެ ކަމަށެވެ.

އަދި މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ފަސްޖެހުމެއް ނެތި ކުރަމުން ގެންދާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ މިހެން ވިދާޅުވިއިރު، ޓުއަރިޒަމް މިނިސްޓްރީން އަލަށް ހުޅުވާލާ ރަށްތަކާއި ރޭ ބޭއްވި “ބުރަބި” ހަފްލާ ހުށަހަޅައި ދެއްވީ ބްރޯޑްކޮމްގެ ރައީސް ކަމަށް ދާދިފަހުން އިންތިހާބުކުރެއްވި ތަޖުރިބާކާރު ޕްރެޒެންޓަރު މަރްޔަމް ވަހީދާ އެވެ. ޝޯ ހުށަހަޅައި ދެއްވަވަމުން މަރީ ވަނީ ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި އެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ތައުރީފުކުރައްވަވާފައެވެ.

އެކަމާގުޅިގެން ބްރޯޑުކާސްޓިން ކޮމިޝަންގެ މިނިވަންކަމާއި މެދު ސުވާލު އުފައްދަވަމުން، އިދިކޮޅު ޕީއެންސްއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މިނިވަން މުއައްސަސާގެ ރައީސަކަށް ހުންނެވި ބޭފުޅަކު ސަރުކާރުގެ ޝޯއެއް ހުށަައަޅައިދިނުމުން އެ މުއައްސަސާގެ މިނިވަން ކަމާއި މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ކަމަށެވެ.

ކުރީ ސަރުކާރުގައި، ބްރޯޑްކޮމް މެމްބަރުން އޭރުގެ ސަރުކާރުން ބާއްވާ ހަފްލާތަކުގައާއި ސަރުކާރަަށް ތާއީދު ހޯދުމުގެ ގޮތުން ބޭއްވި ކެމްޕޭނު ތަކުގައި ބައިވެރިވާތީވެ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ފާޑުކިޔާތީވެ އެކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، މިހާރު ސަރުކާރުންވެސް ކުރަމުންދަނީ ހަަމަ އެކަން ކަމަށެވެ.

“މިހާރު ބްރޯޑްކޮމް ހިނގަނީ މިނިވަންކޮށްތޯ؟ ބްރޯޑްކޮމް މިއޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ނޫންތޯ؟” މިކަމާ ގުޅިގެން ކުރެއްވެވި ޓުވީޓުގައި މެންބަރު ޝަރީފް ވިދާޅުވެފައެިވެއެވެ.