މީހުންގެ ފުރާނަ ދުއްވާލަން ތައްޔާރަށް ތިބޭ ހިސާބަށް ދީނީ ގޮތުން ހަރުކަށި ވެފައި ތިބި 1400 އަށްވުރެ ގިނަ ދިވެހިން އެބައުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު ހަމީދު މިގޮތަށް ވިދާޅުވެފައިވަނީ ކައުންސިލަރުންނަށް އާމާޒުކޮށް ކްރޮސް ރޯޑްގައި މިހާރު ކުރިއަށްދާ “ވިއަވަތި ރާއްޖެ” މަހާސިންތާގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހަރަކާތްތެރިވާ މިންވަރާއި އެ ކަމާ ގުޅޭ ތަފާސް ހިސާބުތައް އާންމުކޮށްދެއްވުމަށް އެދި މިއަދުގެ ސެޝަނުގައި ގިނަ އަދަދެއްގެ ކައުންސިލަރުންގެ ފަރާތުން އެދިލެއްވުމުން ކޮމިޝަނަރު ވަނީ އެ މައުލޫމާތު ވަނީ ހިއްސާ ކުރައްވަވާފައެވެ. ތަފާސް ހިސާބު އިއުލާން ކުރަމުން ސީޕީ ހަމީދު ވިދާޅުވީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ އޮޕަރޭޝަނާއި އެ މީހުންގެ އަދަދު ވެސް ކަމާ ބެހޭ މުއައްސަސާތަކަށް ސާފު ކަމަށެވެ.
އެގޮތުން ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށާއި އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަރުކަށި ފިކުރަށް ވަދެގެން ގޮސް، ޖެހިގެން ހުރި މީހާ މަރާލުމަށް ފަސް ނުޖެހޭ ދަރަޖައަށް ބައެއް ދިވެހިންގެ ވިސްނުން ގޮސްފައިވާ ކަމަށެވެ. އެ ފިކުރުގައި ޖެހިފައި ތިބި، ދިވެހިން މިވަގުތުވެސް އުޅެމުން ދާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
ސީޕީ ހަމީދު ވިދާޅުވި ގޮތުގައި ސީރިއާގައި މިހާރު ތިބީ 59 ދިވެހިންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި ނަމަވެސް ރާއްޖެ ގެނެވޭ ހާލަތުގައި މިހާރު ތިބީ ހަމައެކަނި ހަތަރު ފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ސީރިއާގައި ހިނގާ ދާހިލީ ހަނގުރާތަކުގެ އިތުރުން ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގާފައިވާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވެ އަނބުރާ ރާއްޖެ އައިސް އުޅޭ ދިވެހިންތަކެއް ވެސް މިއަދު ރާއްޖޭގައި އެ ފިކުރު ފަތުރަން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.
ސީޕީ ވިދާާޅުވީ އެފަދަ މީހުންގެ ހަރުކަށި އަމަލުތައް ހުއްޓުވުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ދިވެހި ފުލުހުންނާއި ކައުންސިލަރުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ ގޮތުން މިހާރު ވެސް ރަށްރަށުގެ ކުށުގެ ވެށީގެ މައްސަލަތަކުގައި ކައުންސިލްތަކާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.