ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުޙުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަ މުރާޖަޢާކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމި ނިންމުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މަރުޙަބާ ވިދާޅުވެއްޖެ އެވެ.
އެގޮތުން ބަންޑާރަ ނައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބަންދުގެ މައްސަލަތައް ޕީޖީ އޮފީހުގެ ރިވިއު ކޮމިޓީގެ މެންޑޭޓުގައި ހިމެނުމަށް ނިންމި ނިންމުމަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
I welcome the PG’s decision to include issues of remand in the PGO Review Committee's mandate. By ensuring timely review of remand cases, this step implements vital aspects of the Prosecution Directive and emboldens the right to be protected from unjust deprivation of liberty. https://t.co/7svOVIjXbi
— I.Riffath (@ibriffath) December 15, 2019
އަދި ޤަވާއިދުން ބަންދުގެ މައްސަލަތައް މުރާޖަޢާކުރުމުން، މައްސަލަތައް ތަޙުޤީޤުކުރުމަށް ބަންދުކުރުމުން، ބޭއިންސާފުން މިނިވަންކަމުން މަހުރޫމްވުންފަދަ ކަންކަމުން ސަލާމަތްވެގެންދަނެ ކަމަށްވެސް ރިއްފަތު ވިދާޅުވި އެވެ.
ޕީޖީ އޮފީހުން މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް ކަމާގުޅޭގޮތުން ޢަމަލުކުރެވޭ ޤާނޫނާއި ޤަވާއިދުތަކުގެ އިމުގެ ތެރޭގައި މުރަޖަޢާކުރުމަށާއި، ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައިވެސް އަދި ފަހުގައިވެސް މީހަކު ހައްޔަރުކޮށް ނުވަތަ ހިފެހެއްޓިފައިވާނަމަ އެކަން މުރާޖަޢާކޮށް މުޠާލިޢާކުރުމަށް ޕީޖީ އޮފީހުގައި ރިވިއު ކޮމިޓީއެއް ޤާއިމްކޮށްފައި ވަނީ 05 ޑިސެމްބަރު 2018 ގައެވެ.
އިއްޔެ ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިވިއު ކޮމިޓީގެ މެންޑޭޓުގެ ތެރެއަށް “ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުޙުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރުން” ވަނީ އިތުރުކުރެވިފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ރިވިއު ކޮމިޓީގެ މެންޑޭޓުގެ ގޮތުގައި ހިމަނާފައިވާ ކަމަކާ ގުޅޭގޮތުން ދާއުވާ އުފުލިފައިވާ މީހަކު ނުވަތަ ބަންދުގައިވާ މީހަކު އެކަމުގެ ޝަކުވާ ހުށަހަޅަން ބޭނުންނަމަ، ޝަކުވާ ހުށަހެޅޭނެ ފޯމު އެ އޮފީހާއި އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ އެ އޮފީހުގެ ގޮފިތަކުންނާއި، އެ އޮފީހުގެ ވެބްސައިޓުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ އެ ސަރވިސްގެ ސްޓޭޝަންތަކުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އެ ސަރވިސްގެ ދަށުން ހިންގަމުން އަންނަ ޖަލުތަކުން ލިބޭނެ ކަމަށެވެ.