English Edition
Dhivehi Edition
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ސަން

ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުޙުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަ މުރާޖަޢާކުރަން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޕީޖީ އޮފީހުން މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް ކަމާގުޅޭގޮތުން ޢަމަލުކުރެވޭ ޤާނޫނާއި ޤަވާއިދުތަކުގެ އިމުގެ ތެރޭގައި މުރަޖަޢާކުރުމަށާއި، ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައިވެސް އަދި ފަހުގައިވެސް މީހަކު ހައްޔަރުކޮށް ނުވަތަ ހިފެހެއްޓިފައިވާނަމަ އެކަން މުރާޖަޢާކޮށް މުޠާލިޢާކުރުމަށް ޕީޖީ އޮފީހުގައި ރިވިއު ކޮމިޓީއެއް ޤާއިމްކޮށްފައި ވަނީ 05 ޑިސެމްބަރު 2018 ގައެވެ.

އިއްޔެ ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިވިއު ކޮމިޓީގެ މެންޑޭޓުގެ ތެރެއަށް “ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ތުޙުމަތުކުރެވޭ ފަރާތުގެ ކުށެއް ނުވަތަ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް ރިވިއުކުރުން” ވަނީ އިތުރުކުރެވިފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ރިވިއު ކޮމިޓީގެ މެންޑޭޓުގެ ގޮތުގައި ހިމަނާފައިވާ ކަމަކާ ގުޅޭގޮތުން ދާއުވާ އުފުލިފައިވާ މީހަކު ނުވަތަ ބަންދުގައިވާ މީހަކު އެކަމުގެ ޝަކުވާ ހުށަހަޅަން ބޭނުންނަމަ، ޝަކުވާ ހުށަހެޅޭނެ ފޯމު އެ އޮފީހާއި އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ އެ އޮފީހުގެ ގޮފިތަކުންނާއި، އެ އޮފީހުގެ ވެބްސައިޓުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ އެ ސަރވިސްގެ ސްޓޭޝަންތަކުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އެ ސަރވިސްގެ ދަށުން ހިންގަމުން އަންނަ ޖަލުތަކުން ލިބޭނެ ކަމަށެވެ.