English Edition
Dhivehi Edition
ބީއެމްއެލް ވެލިދޫ ބްރާންޗް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނ. ވެލިދޫގައި އެ ބޭންކްގެ އާ ބްރާންޗެއް ހުޅުވައިފި އެވެ. މި ބްރާންޗާއެކު މިހާރު ނ. އަތޮޅުގައި ބީއެމްއެލްގެ ތިން ބްރާންޗާއި ތިން ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ހުންނާނެ އެވެ.

ވެލިދޫގައި އާ ބްރާންޗެއް ހުޅުވުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޓިމް ސޯޔަރ ވިދާޅުވީ ވެލިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް އާ ބްރާންޗާއެކު އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ބްރާންޗަކީ މުޅި ރާއްޖޭއަށް ބޭންކިންގގެ ޚިދުމަތް ފޯރުކޮށްދީ، މުޖުތުމަޢުގެ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން މިހާރުވެސް ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މުހިންމު ބައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ ވެލިދޫގައި އަލަށް ހުޅުވި އެ ބްރާންޗުން އެކައުންޓް ހުޅުވުމާއި، ލޯނާއި ކްރެޑިޓް ކާޑު އަދި ޑެބިޓް ކާޑަށް އެދުމުގެ ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލްގެ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް މިހާރުވެސް ވެލިދޫގައި ހުރެއެވެ. އެގޮތުން ބީއެމްއެލް އިން ވެލިދޫގައި އެ ޚިދުމަތް ދޭން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އެ އޭޓީއެމްތައް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ވެލިދޫގެ ރައްޔިތުންނަށް މިހާރުވެސް ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކޮށް ޓްރާންސްފާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްގެ އާ ބްރާންޗެއް ވެލިދޫގައި ހުޅުވާފައިވާއިރު، އަންނަ އަހަރުގެ ތެރޭގައި ބީއެމްއެލްގެ މުޅިން އާ އެކައުންޓް އޯޕެނިންގ ސެންޓަރަކާއި ލޯން ސެންޓަރެއްގެ އިތުރުން މަޖީދީ މަގުގައި އާ ޑިޖިޓަލް ބްރާންޗެއްވެސް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 50 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމާއި 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.