އައްޑޫ ކޮންވެންޝަން ސެންޓަރުގައި އަލަށް ޢިމާރާތްކުރި އީކުއެޓޯރިއަލް ހޮސްޕިޓަލް ހުޅުވުން އަނެއްކާވެސް ފަސްކޮށްފިއެވެ. މިހޮސްޕިޓަލް ހުޅުވަން މީގެ ކުރިންވެސް ވަނީ އެތައް ފަހަރެއްގެ މަތިން ތާވަލު ކުރެވި ފަސްކޮށްފައެވެ. މާދަމައަށް ހުޅުވުމަށްޓަކައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދެމުން އައި ބައެއް ޚިދުމަތްތައް މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އާހޮސްޕިޓަލަށް ބަދަލު ކުރިކަމުގައި ވިޔަސް އެކަށީގެންވާ ގޮތަކަށް ޚިދުމަތް ދެމުންނުދާކަމަށް ބުނެ ޢާއްމުންދަނީ ޝަކުވާ ކުރަމުންނެވެ. ބުދަ ދުވަހު ނައިބް ރައީސް ފައިސަލް ނަސީމު އައްޑޫ ހޮސްޕިޓަލް ގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާ ލެއްވުމަށްޓަކައި ކުރެއްވި ޒިޔާރަތުގައި ހޮސްޕިޓަލުގައި ހުރި ކަންބޮޑުވުން ތަކާއި ނުނިމި ހުރި މަސައްކަތްތައް ބައްލަވާ ލައްވާފައިވެއެވެ.އެދުވަހު ނައިބް ރައީސް ހޮސްޕިޓަލުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާ ވިދާޅުވީ މިހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދާއިރު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް އާހޮސްޕިޓަލާއެކު މިހާތަނަށް އައްޑޫގެ ސިއްޙީ ޚިދުމަތާއި މެދު މީހުން ދެކެމުން އައި މަންޒަރު އެއްކޮށް ބަދަލު ކޮށްލުމަކީ އެންމެ ފުރަތަމަ އަމާޒު ހިފަންވީ އެއްކަން ކަމަށާއި އެކަން ކާމިޔާބު ކުރެވޭނީ އޯގާތެރި ކަމާއި ލޯތްބާއެކު ޚިދުމަތަށް އަންނަ މީހުންނާއި މުޢާމަލާތު ކުރެވިގެން ކަމުގައެވެ.
ނައިބްރައީސް މިހެން ވިދާޅުވިއިރު އަޑުފެތުރިފައިވާ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައިވަނީ ހޮސްޕިޓަލުގެ ކަންކަން ކުރިއަށް ދާގޮތާއި މެދު ހިތްހަމަ ނުޖެހި ޚިޔާލު ތަފާތު ވުންތައް ބޮޑުވެފައެވެ. ރައްޔިތުންގެ ކަންބޮޑުވުމަކީ އެއްކޮށް ނުނިމެނީސް ތަން ހުޅުވައިގެން ލިބެމުންދާ އުނދަގޫ ތަކަށް ޙައްލު ނުލިބި ދިއުމެވެ. މޮޅު މެޝިނަރީ ތަކާއެކު ރީތި އާ ހޮސްޕިޓަލަކަށް ވަންނަ އިރު އެތައް ކަމެއް ބޮއްސުންލާފައި ހުރުމެވެ. ހޮސްޕިޓަލުގެ މުވައްޒަފަކު އޭއޯނިއުސް އާއި ވާހަކަ ދައްކަމުން ވިދާޅުވީ ނޮވެމްބަރު 1 އިން ފެށިގެން އަތޮޅުން ބޭރުގެ ސިއްޙީ ދާއިރާ ތަކުން ހޮވާލެވުނު ޓީމެއް އައްޑުއަށް އައިސް އާހޮސްޕިޓަލް ގަޑުބަޑު ކޮށްފިކަމަށެވެ. ” އެޓީމްގެ މަދު މީސްކޮޅެއް އައިސް ގޮތް ކިޔާ އާހޮސްޕިޓަލް ހިތުހުރި ގޮތަކަށް ހަދައިފި. ރާއްޖޭންބޭރުގެ ނުލާހިކު ތަޖްރިބާހުރި ކޮންސަލްޓެންޓުންގެ އެހީގައި ސެކްޝަންތައް ތަރުތީބު ކުރެވިފަ ހުއްޓާ ހިތަށް އެރިހާ ތަނެއްގައި ޕާޓިޝަން ޖަހާ ކުޑަކޮށް އެތައްތަނެއް އުނިކޮށް ހަދައިފި.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ އައްޑުއަށް ނިސްބަތްވާ ޒަމާންވީ އެތައް މުވައްޒަފުން ތިބި ތަނަކަށް ވެފައި ބޭރުން ބަޔަކު އައިސް މުވައްޒަފުންނާމެދު ބޭއަދަބީ ބަހުރުވަ ބޭނުން ކޮށް އެއީ އެއްވެސް ބައެއް ނޫންކަމަށް ހަދާ އެމީހުންގެ ބަސް ނުވިކޭ ހިސާބަށް ކަންތައް ދިއުމުން މުވައްޒަފުންތިބީ ހިތްހަމަ ނުޖެހުމާއެކުއެވެ.
އާ ހޮސްޕިޓަލަކާއެކު އަލަށް ލިބިގެންދާނެ ޚިދުމަތަކީ ކޮބައިތޯ އާއި މެދު ކުރެވޭ ސުވާލަށްވެސް ދޭނެ ޖަވާބެއް ސިއްޙީ ދާއިރާއަކު ނެތެވެ. ސިއްޙަތާއި ބެހޭ ވަޒީރު މިއަދު އައްޑުއަށް ކުރެއްވި ޒިޔާރަތުގައިވެސް މިސުވާލު ތަކުރާރުވުމުން ކުއްވެރިވީ ސުވާލު ކުރި ފަރާތެވެ.
ބޮޑު ހޮސްޕިޓަލެއް އައްޑޫގައި ޤާއިމްވެގެން އައުމަކީ އައްޑޫގެ އެހެން އަވަށްތަކުގައި ހުރި ސިއްޙީ މަރުކަޒުތަކަށް ލޮޅުން އަންނަން ޖެހޭނެ ކަމެއް ނޫނެވެ. އާއޮސްޕިޓަލަށް ބޭނުންވާ ޓެކްނިކަލް މީހުން ހަމަނުވެގެން އެތަންތާ ތިބި މުވައްޒަފުން ބޭނުން ކުރާއިރު އެރަށްރަށުން ނަގާ ސާމްޕަލް ތަޙުލީލު ކުރަންވެސް ގެންދާނީ އާހޮސްޕިޓަލަށް ބާއެވެ.ހޮސްޕިޓަލުގެ ޝަކުވާތައް މިހާހިސާބަށް އައި އިރު އައްޑޫސިޓީގެ މަޖްލިސް މެމްބަރުން ހަނުން ނުތިއްބަވާ މިކަންކަން ވަމުން މިދާ ގޮތް ބައްލަވަން ވެއްޖެ ކަމުގައި ރައްޔިތުން ދެކެއެވެ. ރައްޔިތުންގެ ބަހަކީ ނަމަކަށް ކަމެއް ފަށާނެ ކަމެއް ނެތް ކަމަށެވެ. އައްޑޫގެ ރައްޔިތުން މި ހޮސްޕިޓަލާ ބެހޭ ގޮތުން ދައްކަމުން އަންނަ ވާހަކާގައި ހަޤީޤަތެއް އެކުލެވިފައިވެއެވެ. މިއަދުގެ ސަރުކާރު ވެރިކަމަށް އައީ ލާމަރުކަޒީއާއި އޯގާތެރި ކަމުގެ ޓެގް އަޅުވައިގެން ކަމަށް ވާއިރު އިޚްލާސްތެރިކަމާއެކު ދެފުށް ފެންނަ ގޮތަށް މިކަމުގައިވެސް ޢަމަލު ކުރުމަކީ ރައްޔިތުން އެދި އެދި ތިބި ގޮތެވެ.
މިފަދަ އެތައް ޝަކުވާތަކަކާއި އަދި ޓާޝަރީ ހޮސްޕިޓަލަކުން ލިބެންޖެހޭ އެތައް ޚިދުމަތެއް އެކިއެކި ސަބަބުތަކާހުރެ ނުނިމިވާއިރު މާދަން މިތަން ނުހުޅުވަން ނިންމި ނިންމުމަކީ އެއްމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު ކުރެވެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ ފާމަސީފަދަ މުހިއްމު ތަންތަން އަދި ޤާއިމް ވެފައި ނުވުމުގެ ސަބަބުން މާދަމާ ހުޅުވުމަށް އޮތް އޮތުން ފަސް ކުރި ކަމުގައި ވިޔަސް މުހިއްމު ޚިދުމަތްތައް ޤާއިމް ވިހާ އަވަހަކަށް ޚިދުމަތް ފަށާނެ ކަމަށެވެ. ފާމަސީއާއި މެއިންޓެނަންސް އާއި ކެންޓީން ފަދަ ތަންތަން ހިންގުން ވަނީ އައުޓް ސޯސް ކޮށްފައެވެ.