މާދަމާ ހުޅުވުމަށް ހަމަޖެހިފައިވާ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ފޭދޫ ޞިއްޙީމަރުކަޒުގެ މުވައްޒަފުން ގަސް ހަދިޔާ ކޮށްފިއެވެ.
މަރުކަޒުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މިޙަރަކާތުގައި ހަދިޔާ ކޮށްފައިވަނީ ޕޮޓް ޕްލާންޓެވެ. މަރުކަޒުގެ ފަރާތުން އޭއީއެޗް އާއި ގަސް ޙަވާލު ކޮށްދެއްވީ މަރުކަޒު ހިންގުމާއި ޙަވާލުވެހުންނެވި ސިޔާސީ ވެރިޔާ،ސރ.އެޑްމިނިސްޓްރޭޓަރ މުޙަމަދު ސަޢީދެވެ.
ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވިދާޅުވީ މިއީ އެންމެނަށް ވެސް އޮތް ފުރުޞަތެއް ކަމަށެވެ. ”ހަމަ ހުރިހާ ފަރާތް ތަކުންވެސް ގަސްތައް ހަދިޔާ ކުރަންވީ ” ކަމަށެވެ.
މާދަމާ މި ހޮސްޕިޓަލްގެ ހިދްމަތް ފަށާއިރު ފުރަތަމަ ދޭނީ އޯޕީޑީ ހިދު މަތެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުން ހަމަޖެހިފައިވަނީ ހެނދުނުން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށެވެ. ނަމަވެސް ހަވީރު 5 އިން ފެށިގެން ކެޝުއަލްޓީގެ ޚިދުމަތް ފޯރުކޮށް ދެމުން ދާނެއެވެ.
މާލެއިން ބޭރުގައި ހުޅުވާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލަކީ އެންމެ ފަހުގެ ޒަމާނީ ޚިދުމަތް ތަކާއި އެކު ހުޅުވާ ހޮސްޕިޓަލެކެވެ. ނަމަވެސް މިތަނަށް މިހާރު ދިމާވެފައިވާ އެއްމެ ބޮޑު ގޮންޖެހުމަކީ، މުޅި އޮޕަރޭޝަނަށް (ހޮސްޕިޓަލަށް ) ބޭނުންވާ ވަަރަށް މުވައްޒަފުން ނެތުމެވެ. މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް ދާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެއެވެ. މިހާރު ތިބި މުވައްޒަފުންނާއި އެކު ގާތްގަޑަކަށް ހަތަރުސަތޭކަ އާއި ގާތްކުރާ ޢަދަދަކަށް އާ ހޮސްޕިޓަލަށް މުވައްޒަފުން ބޭނުން ވެއެވެ. އޭގެ ތެރޭގައި ޓެކްނިކަލް މުވައްޒަފުންނާއި އެހެނިހެން ޑިޕާރޓްމަންޓް ތަކަށް ބޭނުންވާ މުވައްޒަފުން ހިމެނެއެވެ.
2011 ވަނަ އަހަރު ސާކު ސަމިޓު ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އޯޕިޑް ފަންޑުގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ހޮސްޕިޓަލަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ވަނީ ގާއިމު ކުރެވިފައެވެ.