English Edition
Dhivehi Edition

“އޭއޯ ނިއުސް” ގެ ފަރާތުން އައްޑޫގެ ހުރިހާ ސްކޫލެއްގައި ގާއިމު ކުރާ ސްކޫލް މީޑިއާ ޕްރޮގްރާމުގެ ދަށުން ފޭދޫ ސްކޫލުގެ ސްކޫލް މީޑިއާ އިފްތިތާޙްކޮށްފިއެވެ.

ފޭދޫ ސްކޫލުގެ ސްކޫލް މީޑިއާގައި އިސްކޮށް ހަރަކާތްތެރިވާ 3 ދަރިވަރުންނަކީ އޭއޯގެ ފަރާތުން އައްޑޫގައި ހިންގި ބޭސިކް ޖާނަލިޒަމް ކޯސް ފުރިހަމަކޮށްފައިވާ 3 ދަރިވަރުންނެވެ. އެ ސްކޫލުގެ ސްކޫލް މީޑިއާގެ އެޑިޓަރަކީ އަޙްމަދު ހިޒާމް ޚަލީލްއެވެ. އެސިސްޓެންޓް އެޑިޓަރުންނަކީ ފާތިމަތު ޝުހާ ރަޝީދު އާއި އާމިނަތު އީމަން އެވެ. މީގެ އިތުރުން ފޮޓޯ ޖާނަލިސްޓުންގެ ގޮތުގައި ވެސް 2 ދަރިވަރަކު ވަނީ މީޑިއާ އާއި ގުޅިފައެވެ.

ސްކޫލް މީޑިއާ އިފްތިތާޙް ކުރުމަށް މިއަދު އެސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްޠަފާ ވިދާޅުވީ ފޭދޫ ސްކޫލުގެ ދަރިވަރުންނަކީ މިހާރުވެސް މީޑިއާގައި ހަރަކާތްތެރިވަމުންދާ ދަރިވަރުން ކަމަށް ވުމާއެކު އޭއޯއިން ދިން މި ފުރުސަތުގައި ދަރިވަރުންގެ ހުނަރު އިތުރަށް ކުރިއެރުމަށް މަގުފަހިވެގެން ދާނެކަމަށެވެ. އަދި ފޭދޫ ސްކޫލްގެ ސްކޫލް މީޑިއާއަކީ އެންމެ އެކްޓިވް އެއް މީޑިއާ ގެ ގޮތުގައި މަސައްކަތް ކުރުމަށް ޕްރިންސިޕަލް ވަނީ ދަރިވަރުންނަށް ގޮވާލައްވާފައެވެ.

ފޭދޫ ސްކޫލުގައި ރަސްމީކޮށް ސްކޫލްމީޑިއާ ގާއިމުކުރުމުގެ ކުރިންވެސް މިދިޔައަހަރުން ފެށިގެން އެސްކޫލުގެ ދަރިވަރުންގެ ލިޔުންތައް އޭއޯގައި ވަނީ ޝާއިއުކޮށްފައެވެ.

ސްކޫލް މީޑިއާ ޕްރޮގްރާމަކީ ސްކޫލުތަކުގައި ހިނގާ ހަރަކާތްތައް އެސްކޫލެއްގެ ދަރިވަރުން އަމިއްލަ އަށް ކަވަރޭޖް ހަދައި މީޑިއާއަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ގޮތް ދަސްކޮށްދީ ނޫސްވެރިކަމުގެ ދާއިރާއަށް ސްކޫލުތަކުގެ ދަރިވަރުން އަހުލުވެރިކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ. އޭއޯ ނިއުސް ގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގައި ސްކޫލް މީޑިއާގެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އޭއޯނިއުސް އިން ދޭނެއެވެ. އޭއޯގެ ފަރާތުން ކުރިއަށްގެންދާ ސްކޫލް މީޑިއާ ޕްރޮގްރާމެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ސްކޫލެއް ހޮވައި އެސްކޫލަކަށް “ސްކޫލް މީޑިއާ އެވޯޑް” ގެ ނަމުގައި އެވޯޑެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.