އައްޑޫސިޓީ ގައި ޢިމާރާތް ކޮށްފައިވާ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ދެކުން ކުރުން އަންނަ ހޮނިހިރުދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. އައްޑޫސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިން އިންތިޒާމް ކޮށްގެން ބާއްވާ ދެކުން ކުރުމުގެ މި ޙަރަކާތުގައި އައްޑޫސިޓީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. ދެކުން ކުރުން ފެށޭނީ ހޮނިހިރު ދުވަހު 4 ޖަހާއިރުއެވެ. ދެކުން ކުރުމުގައި ބައިވެރިވާ ކުދި ބޮޑު އެންމެން ދިވެހި ސަޤާފީ ހެދުމުގައި ބައިވެރިވުމަކީ ޙަރަކާތް އިންތިޒާމް ކުރާ ފަރާތުން އެދޭ ކަމެކެވެ.
ރަށަށް ކުރިއެރުން ލިއްބައިދޭފަދަ އެއްޗެއް ނުވަތަ ތަނެއް ޢިމާރާތް ކޮށް ނިމުމުން އެކަމުގައި ޢަމަލީ ގޮތުން މަސައްކަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެބަޔަކަށް ލިބުނު އެއްޗެއް ހަދިޔާ ކުރުމަކީ އައްޑޫގެ އާދަކާދައިގެ ތެރޭ ހިމެނޭ ކަމެކެވެ. އިހުޒަމާނުގައި ރަށުގައި ޤާއިމް ކުރެވޭ މިފަދަ ތަންތަން ހަދާ ނިމުމުން އެކަމުގެ އަގު ވަޒަން ކުރުމަށްޓަކައި ދެކުން ކުރާއިރު މިއީ ވަރަށް ފޯރިއާއެކު ރަށުގެ ހުރިހާ އެންމެން ބައިވެރިވާ އުފާވެރި ޙަރަކާތެކެވެ. ދެކުން ކުރުމުގެ މިއާދަ މިހާރުވެސް އުވިނުގޮސް ކުރިއަށް ދާ މަންޒަރު ދޭތެރެ ދޭތެރެއިން ފެންނަމުން ދެއެވެ. ހޮނިހިރު ދުވަސްވެސް ވެގެންދާނީ މިފަދަ ހިތްގައިމު ދުވަހަކަށް ކަމާއިމެދު ޝައްކެތް ނުކުރަމެވެ. އައްޑުއަކީ ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ތެރޭ ރާއްޖޭގައި ނެތް ފެންވަރުގެ މޮޅު ހޮސްޕިޓަލެއް ހުރި ތަނަކަށްވެފައި އެހޮސްޕިޓަލް އުވިދިޔަ ދުވަހުންފެށިގެން އައްޑޫގެ ރައްޔިތުން ކުރަމުން އައި އުއްމީދު ޙަގީގަތަކަށް ވުމަށް މިއޮތީ މަދު ދުވަސް ކޮޅެކެވެ. ހިތަދޫ ގައި ޤާއިމްވެފައިވާ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ރީތި ނަލަ ޢިމާރާތް ހަމަލޮލުން ފުރަތަމަ ފަހަރަށް ބަލާލަން މިއީ ލިބޭނެ ރަނުގެ ފުރުސަތެކެވެ.
ދެކުން ކުރުމަށް އިހު ޢަމަލު ކުރަމުން އައި ގޮތަށް ބަލާއިރު މަޝްހޫރު ދިވެހި ކާނާގެ ތެރޭ ހިމެނޭ “ބޮނޑިބަތް ފަރަވެޅި” އަކީ ހުރުން ކޮންމެހެން ލާޒިމް ބާވަތެކެވެ. އެއީ ހުރިހާ ރަހައަކާއެކު އެތައް ބާވަތެއް ހިމަނައިގެން ތައްޔާރު ކުރެވޭ ކާނާގެ ބޮޑު ސުފުރާއެކެވެ.މިއާއެކު ދެން އެންމެ ޢާއްމުކޮށް ގެންދަނީ އައްޑޫ ކުބުސް ކިޔާ މީރު ފޮނި ކާއެއްޗެކެވެ. އޭގެއިތުރުން އެބަޔަކަށް ގެންދެވުނު ކޮންމެ އެއްޗެއް ރުމާލަކުން ބަނދެ ޕެކްކޮށްގެން ގެންދެއެވެ. މިއަދު މިކަމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް މިއޮތީ އައިސްފައެވެ. ހޮނިހިރު ދުވަހު އޮންނަ ދެކުންކުރުމަށް ވަމުންދާ ތައްޔާރީގެ ތެރެއިން އީކުއެޓޯރިއަލް ހޮސްޕިޓަލަށް މިވަގުތަށް އެންމެ ބޭނުން ވެފައިވާ ކަން ހޯދާބަލާފައިވެއެވެ. ސިޓީ ކައުންސިލުން ހާމަ ކުރެއްވި ގޮތުގައި ހޮސްޕިޓަލަށް އެންމެ ބޭނުންވެފައިވަނީ އެ ހިތްގައިމު ރީތި ޢިމާރާތާއި ގޯތިތެރެ ފެހިކޮށްދިނުމެވެ. އެހެން ކަމުން ދެކުމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެވެސް ވައްތަރެއްގެ ރީތި ގަހެއް ހަދިޔާކޮށްލުމަކީ އެތަން ފެހި ކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގެންދާނެ ކުރިއެރުމަކަށް ވާނެއެވެ.