English Edition
Dhivehi Edition

ކިތަންމެ ވިއްސާރަޔަސް ކިތަންމެ ވައިގަދަޔަސް އަދި އަވިބާރަސް އޭނާގެ ކަމަކީ އެކިތަންތަނަށް މީހުން އުފުލުމެވެ.

އީކުއޭޓަރވިލެޖަށް އަންނަ ޓޫރިސްޓުން ބަލައި އެއާޕޯޓަށް ދިޔުމާއި، އެމީހުން ފުރުވަން އެއާޕޯޓަށް ދިޔުމަކީ އޭނާގެ ވަޒީފާގެ އެއްބައެވެ. އީކުއޭޓަރވިލެޖުގައި ތިބޭ ގެސްޓުން ގޮވައިގެން އައްޑޫސިޓީ ދައްކައިލާން ކުރާދަތުރުތަކަކީވެސް ވަޒީފާގެ ބައެކެވެ. ބައެއް ފަހަރު އެތަނުގެ މުވައްޒަފުން ގޮވައިގެންވެސް ހޮސްޕިޓަލްފަދަ ތަންތަނަށް ދާންޖެހެއެވެ. މިއީ ކިހާ މުހިންމު މީހެއްހެއްޔެވެ؟ އޭނާގެ ޚިދުމަތް ނުލިބޭ ފަތުރުވެރިއެއް އީކުއޭޓަރ ވިލެޖަށް ނާންނާނެޔޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މިދައްކަނީ އައްޑޫސިޓީ އީކުއޭޓަރވިލެޖުގެ ހަމައެކަނި ޑްރައިވަރުގެ ވާހަކައެވެ. ސ. ފޭދޫ ބަށިމާގޭ، އަލީ ދީދީގެ ވާހަކައެވެ. އޭނާއަކީ އީކުއޭޓަރވިލެޖުން ދެމުންގެންދާ ޚިދުމަތްތަކުގެ ޗޭނުގެ އެއްބޮޅެވެ. އެބޮޅު ކަނޑައިގެންގޮސްފި ކަމަށްވާނަމަ އެތަނުގެ އެއްގަމު ޓްރާންސްޕޮޓޭޝަން ހުއްޓުނީ ކަމަށް ބެލެވިދާނެއެވެ.

އޭނާ އީކުއޭޓަރވިލެޖުގައި ވަޒީފާ އަދާކުރަންފެށީ 1997 ވަނަ އަހަރުއެވެ. އެހިސާބުން ފެށިގެން ހީވާގި ކަމާއެކު މަސައްކަތް ކުރަމުން ގެންދަނީ ތަނަށްޖެހިފައިވާ ލޯތްބާއި ވަޒީފާއަށް ދެމުންގެންދާ އަހައްމިއްޔަތު ކަމުގެ ބޮޑުކަމުންނެވެ. ކިތަންމެ ވިއްސާރަޔަސް ވައިގަދަވިޔަސް އަވިދިނަސް އޭނާގެ ޑިއުޓީ އަދާ ކުރުމަށް އެއްވެސް ފަސްޖެހުމެއްނެތެވެ. ނޫނެކޭ ބުނުމެއްނެތެވެ. އޭނާގެ ވަޒީފާގެ މުހިންމުކަން ވިސްނޭތީއެވެ. އޭނާގެ ޚިދުމަތުގެ ބޮޑުކަން އަމިއްލައަށް އެނގޭތީއެވެ.

އަލިދީދީ ބުނީ އޭނާ ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ އީކުއޭޓަރވިލެޖަށް އަންނަ ގެސްޓުން ބަލައި އެއާޕޯޓަށް ދިޔުމާއި، ފުރަންދާ ގެސްޓުން އެއާޕޯޓަށް ގެންދިޔުމެވެ. އޭގެ އިތުރަށް ގެސްޓުން ގޮވައިގެން އައްޑޫސިޓީ ދައްކާލަން ދަތުރުކުރުމަކީވެސް އޭނާގެވަޒީފާގެ މުހިންމު އެއްބައެވެ. އޭގެ އިތުރަށް މެނޭޖުމެންޓުން އެންގުމުން ތަނުގެ މުވައްޒަފުން ގޮވައިގެންވެސް ބައެއް ދަތުރު ކުރަންޖެހެއެވެ.

އޭނާގެ ރަސްމީ ޑިއުޓީ ގަޑިއަކީ ކޮންމެ ދުވަހެއްގެ ހެނދުނު 7:30 އިން ހަވީރު 4:30 އެވެ. އެހެންނަނަވެސް ބައެއް ދުވަސްދުވަހު ފަތިހު 3:30 އިން ފަށާގޮތަށް އަނެއްރޭ 10:30 އަށްވެސް އޭނާ މަސައްކަތް ކުރަންޖެހެއެވެ. އެއްވެސް ޝަކުވާއެއްނެތިއެވެ. އޭނާ މަސައްކަތްކުރަނީ ކުރާހިތުންނެވެ. ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި އީކުއޭޓަރވިލެޖުގެ ޑްރައިވަރެއްގެ ބުރަ ވަޒީފާ އަދާކުރުމަކީ އޭނާއަށްލިބޭ ފަޚުރެކެވެ. އުފަލެކެވެ. އޭނާގެ ފަރާތުން ބަޔަކަށް ޚިދުމަތެއް ފޯރުކޮށްދެވޭތީ ލިބޭ ހިތްހަމަޖެހުމެކެވެ.

އޭނާ އީކުއޭޓަރވިލެޖުގައި ވަޒީފާ އަދާކުރަން ފެށުމުގެ ކުރިން މާލޭގައި ތަފާތު މަސައްކަތްތައް ކުރިއެވެ. އެފަހުން ދެތިން އަހަރުވަންދެން ބޭރުދަތުރުކުރަން އުޅުނެވެ. އެހެންނަމަވެސް ހިތްހަމަޖެހިގެން އަނބިދަރިންގާތު ހުރެގެން މަސައްކަތްކުރާނެ ފުރުސަތު އޭނާއަށް ލިބުނީ އީކުއޭޓަވިލެޖުގައި މަސައްކަތްކުރަން ފެށި ހިސާބުންނެވެ. އޭނާގެ 6 ދަރިންވެސް ބޮޑުކޮށްފައިވަނީ އީކުއޭޓަރވިލެޖުގައި ވަޒީފާއަދާ ކޮށްގެން ކަމަށް އޭނާ ބުންޏެވެ.

“ވަޒީފާ އަދާކުރުމުގައި އަހަރެން އިސްކަންދެނީ ވެރިން ބުނާގޮތަށް ހެދުމަށް. ވެރިންބުނާ ގޮތަށް ހެދުމުން އެއްތަނެއްގައި ގިނަދުވަހު ހުރެވޭނީ. އޮފްޑިއުޓީގައި ގުޅައިލިޔަސް ކިތަންމެ ވިއްސާރަޔަސް ހުންނާނީ ވަޒީފާއަށްނުކުމެފައި. އެކަންކުރަނީ ވަޒީފާއަށް ތެދުވެރިވުމުގެ ގޮތުން،” އަލިދީދީ ބުންޏެވެ.

ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި އޭނާ ޗުއްޓީނަގައިފައިވަނީވެސް ދެތިން ފަހަރުއެވެ. އެއް ވަޒީފާގައި ކިތަންމެ ގިނަދުވަސްވިޔަސް ފާހަގަކުރެވޭ ވަރުގެ ޚާއްސަކަމެއް އޭނާއަށް ދިމާވެފައެއް ނުވެއެވެ. ކޮންމެ ދުވަހަކީ އޭނާއަށް އާދައިގެ ދުވަހެކެވެ. އޭނާއަށް ޚާއްސަވަނީ ވަޒީފާއެވެ. އޭނާގެ ވާޖިބެވެ. މީހާތަނަށް އޭނާއާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ކޮށްފައިވާކަމަށް އޭނާއަށް އެނގިފައެއް ނުވެއެވެ. އެއީ އަލީދީދިއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ޚިދުމަތްތައް އީކުއޭޓަރވިލެޖާއި އެތަނަށް އަންނަ ފަތުރުވެރިންނާއި މުވައްޒަފުންވެސް ގަބޫލު ކުރެއެވެ.

“ގަބޫލުނުކުރާ ކަމަށްވާނަމަ ޝަކުވާކުރާނެތާ. މައްސަލަ ޖައްސާނެތާ. އެކަމަކު އެފަދަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާނެތް،” އޭނާ ބުންޏެވެ.

އޭނާއަކީ އެތަނުގައިހުރި ހަމައެކަނި ޑްރައިވަރެވެ. އެންމެންނަށް ޚިދުމަތްކޮށްދޭންހުރި ޑްރައިވަރެވެ. އޭނާ އެމަސައްކަތްކުރަނީ އެހެންމީހުންގެ އެހީއާވެސް އެކުގައެވެ. މާބުރަކޮށް މަސައްކަތް ކުރަންވެއްޖެ ކަމަށްވާނަމަ އެތަނުގެ އެހެން ދެ މުވައްޒަފަކު އެހީވާކަމަށް އޭނާ ބުންޏެވެ.

އީކުއޭޓަރވިލެޖުގައި ވިއްސަކަށް އަހަރު އޭނާއަށް މަސައްކަތްކުރެވިފައިވިޔަސް އޭނާގެ ދާއިރާއިން ބޭރުގެ އެއްވެސްކަމަކަށް ގޮތްކިޔައި ހަދާކަށް އޭނާ ބޭނުމެއްނުވެއެވެ. އެތަނުގެ ކުރިއެރުމާއި އިތުރަށް ކުރިއަރުވަން ކުރަންވީ ކަންކަމާބެހޭ ގޮތުން ވާހަކަ ދައްކަން އޭނާބޭނުމެއްނޫނެވެ. “ތިޔަވާހަކަތައް ދައްކަން އެނގޭނީ ވެރިންނަށް” އޭނާ ވަރަށްކުރު ޖަވާބެއްދިނެވެ. އެކަމަކު އޭނާވެސް ކުރާ އުންމީދެއް އެބައޮވެއެވެ. ދުވަހަކަށްވުރެ ދުވަހެއް އީކުއޭޓަރވިލެޖު ރަނގަޅުވެގެން ދިޔުމުގެ އުންމީދެވެ.

އަލީދީދީ ބުނީ އީކުއޭޓަރވިލެޖުގައި ގިނަދުވަހު މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ. އޭނާގެ އަޒުމަކީ އެތަނުން ކަނޑާނުލާހާ ހިނދަކު އެތަނުގައި ދެމިހުރުމެވެ.

އަލީދީދީ ހިތްވަރުގަދަ ކެރޭ މީހުންނަށް މިހާރުގެ ޒުވާނުން ވާންވެއްޖެއެވެ. ވަޒީފާއަށާއި ވަގުތަށް ފަރުވާ ބަހައްޓައިގެނ އުޅެފި ކަމަށްވާނަމަ މި ރާއްޖެއިން ފެންނާނީ ހައްތާވެސް އަލިދީދީ ފަދަ މީހުންނެވެ.