އައްޑޫސިޓީގައި ހިނގާ އެކްސިޑެންޓް ތަކާއި މަސްތުވާތަކެތީގެ މައްސަލަތައް މަދު ކުރުމަށް މިއަހަރު ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ސަދަން ޕޮލިސް ޑިވިޝަން ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފު ވިދާޅުވީ މަސްތުވާ ތަކެތީގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އައްޑޫގައިވެސް އެކަން މަދު ކުރުމަށް މިއަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަން މަދު ކުރުމަށް ހިންގަވާނެ އޮޕަރޭޝަންތަކާ ބެހޭ އެއްވެސް މައުލޫމާތެއް އަލީ ޝަރީފު ނުދެއްވައެވެ.
އޭނާ ވިދާޅުވީ އައްޑޫގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށްވެސް މިއަހަރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. “އައްޑޫގެ މަގުތަކުގައި ޚާއްސަކޮށް ތާރު އަޅާފައިވާ މަގުތަކުގައި ހިނގާ އެކްސިޑެންޓުތައް އިތުރު ކަމަށްވޭ. އަޅުގަނޑު މިކޮޅަށް އައިފަހުންވެސް މީހަކު މަރުވެއްޖެ. އެހެންވީމާ އެކްސިޑެންޓްތައް މަދުކުރުމަށް ވަރަށް އިސްކަމެއް ދޭނަން،” އަލީ ޝަރީފް ވިދާޅުވިއެވެ.