English Edition
Dhivehi Edition

ޤައުމީ ފެންވަރުގައި ޤައުމީ މާމަ، ކާފަ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމައިފި އެވެ. މިއީ މި ފަދަ ދުވަހެއް ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޤައުމީ ފެންވަރުގައި މާމަ، ކާފަ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންނަށް ލިބިފައިވާ ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމަކީ މުހިންމު ކަމެއްކަން ހާމަކޮށްދިނުމާއި، މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެ ގިންތިއަކާއި، ފަންތިއެއްގެ ބަޔަކު ވެސް ހަވާސާކުރުމެއްނެތި އެންމެންގެ ބައިވެރިވުން އެކުލެވޭ ވެއްޓެއްގެ ގޮތުގައި މުޖުތަމަޢު ހެދުން ކަމަށެވެ.

އެ ގޮތުން ސްކޫލް، ކޮލެޖް، ޔުނިވަރސިޓީތަކުގައި ޤައުމީ އަދި ބައިނަލްއަޤުވާމީ އެހެނިހެން ދުވަސްތައް ފާހަގަކުރާ ގޮތަށް ޤައުމީ މާމަ، ކާފަ ދުވަސް ފާހަގަކޮށް، ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި މާމައިންނަށާއި ކާފައިންނަށް ލޯތްބާއި އަޅާލުމާއި، އިޙްތިރާމް އެންމެ މަތީދަރަޖައަކަށް އަށަގަނެވި ތިން ޖީލު ގުޅިގެން އެކުވެރި، އަޅައިލާ އަދި އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް ޖެންޑަރ މިނިސްޓްރީ އިން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީ އިން ބުނީ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އެ ރަށެއްގައި އުފެދިފައިވާ މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ޤައުމީ މާމަ، ކާފައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަސްކަމުގައި އިޢުލާނުކޮށް، އަންނަ އަހަރުން ފެށިގެން އެދުވަސް ފާހަގަކުރަމުން ގެންދާނެކަން ޖެންޑަރ މިނިސްޓްރީ އިން އިޢުލާނު ކުރީ މިދިޔަ ނޮވެމްބަރު މަހު ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.