English Edition
Dhivehi Edition
ގަން އެއާޕޯޓުގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޯނޮޓިކްސް - ފޮޓޯ: އޭއޭއޭ

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓް ޓްރެއިނިންގ އެކެޑެމީ (އޭޓީއޯ) އެއް ނުވަތަ ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އަލުން އިއުލާންކޮށްފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގަމުގައި ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން މީގެ ކުރިން ކުރި އިއުލާން ބާތިލްކޮށް، އަލުން އެކަމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުން 09 ޖެނުއަރީ 2020ގެ މެންދުރުފަހު 14:00ގެ ކުރިން ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށް ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ.

އެކަމަށް އެދި ހުށަހަޅާ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި)ގައި އެކަމަށް އެދޭ ސިޓީއަކާއި، އެކަމަށް އެދޭ ފަރާތެއްގެ ނުވަތަ ކުންފުންޏެއްގެ ޕްރޮފައިލްގެ އިތުރުން މާލީ ޤާބިލްކަމާއި ވިޔަފާރީގެ ތަޖުރިބާގެ ހެކިތައްވެސް ހިމަނަން ޖެހޭނެ އެވެ.

އެ މަސައްކަތް ކުރާނެ ފަރާތެއް ހޮވުމުގައި އެކެޑެމީއެއް ހިންގުމުގައި ލިބިފައިވާ ތަޖުރިބާ އަށާއި މާލީ ޤާބިލްކަމަށް ބެލެވޭނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް އިން ބުނެއެވެ. އަދި އެ މަޝްރޫޢުގެ އިތުރު ތަފްސީލްތައް ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރުއެފްޕީ) މަރުޙަލާގައި ދެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެއެވެ.

އީއޯއީ ހުށަހަޅަންޖެހޭނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށެވެ.

އެ ކުންފުނިން ބުނީ ރިކުއެސްޓް ފޯރ ޕްރޮޕޯސަލްސް (އާރުއެފްޕީ) ދޫކުރެވޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށާއި، އެ ކުންފުނިން އެކުލަވާލާފައިވާ މިންގަނޑުތަކަށް ފެތޭ އީއޯއައި ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ.

ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފައިވާއިރު، 2010 ވަނަ އަހަރުން ފެށިގެން ގަމުގައި ފްލައިން ސްކޫލެއް ހިންގަމުން އަންނަ އޭޝިއަން އެކެޑެމީ އޮފް އެރޯނޮޓިކްސް (އޭއޭއޭ) އިން ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ސްކޫލް ބަންދުކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އެ ކުންފުނިން މިހާރު ނިންމާފައި ވަނީ ނ. މާފަރުގައި ފްލައިން ސްކޫލް ބަދަލު ކުރުމަށެވެ.