އައްޑޫ ސިޓީ ފޭދޫގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ މިއަދު ހެނދުނު 10:00ން ފެށިގެން ޑިސެންބަރު 17 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް އެ އިދާރާއިންނާއި، ހުޅުދޫ އަވަށު އޮފީހުން ކަމަށެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަން ބައްލަވައިގަންނަވާ ފަރާތްތަކަށް ޑިސެންބަރު 18 ވާ ބުދަ ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް އޮންނާނެ ކަމަށާއި، ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ ޑިސެންބަރު 22 ވާ އާދިއްތަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ޑިސެންބަރު 11ވާ ބުދަ ދުވަހުން ފެށިގެން ޑިސެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު [email protected] އަށް މެއިލްކުރުމަށް ކައުންސިލުން ވަނީ އެދިފަ އެވެ. އަދި އެ މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ޑިސެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށާއި، މެއިލްމެދުވެރިކޮށް ކަނޑައެޅިފައިވާ ވަގުތަށް މައުލޫމާތު ނުލިބޭނަމަ ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަނަށް ވަޑައިގަތުމުން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.