ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެ ފިޔަވައި އައްޑޫ ސިޓީ އަކީ އެންމެ އާބާދީ ބޮޑު އަދި ތަރައްޤީ އާއި ތަހުޒީބަށް ލޯބިކުރާ ރައްޔިތުން ދިރިއުޅެމުން ދާ ސިޓީއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސިޓީއެކެވެ. ތަރައްޤީ އާއި އެކު މި ސިޓީގެ މިސްރާބު ފަތުރުވެރިކަމާއި ދިމާއަށް އެބުރިފައިވާއިރު ތިރީގައި މިވާ ފޮޓޯތަކުން ފެންނަ މަންޒަރަކީ ތަހުޒީބު މުޖްތަމައެއްގައި ފެނިގެންދާނެ މަންޒަރުތަކެއް ނޫންކަން ޔަގީނެވެ. އަދި ފަތުރުވެރިކަމަށް އިގްތިސޯދް ބިނާކުރުމުގެ ފިކުރު ގެންގުޅޭ އެއްވެސް ބައެއްގެ ތެރޭގައި މިފަދަ މަންޒަރުތައް ފެނިގެން ދިއުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.

މި ފޮޓޯ އިން ފެންނީ އައްޑޫ ސިޓީ ހިތަދޫ ފްލެޓް ސަރަހައްދަށް އަޅާފައިވާ ކުންޏެވެ. އައްޑޫ ސިޓީގެ އެހެން ރަށްތަކާއި އަޅާބަލާއިރު ހިތަދޫ އަކީ ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ރަށެކެވެ. ކޮންމެ މީހަކުވެސް އެމީހަކަށް އެންމެ ފަސޭހައިން އެއްލާލެވޭ ސަރަހައްދަކަށް ކުނި އުކަމުންދާއިރު މީގެ ސަބަބުން ސިދާ ގޮތުންނާއި ނުސިދާ ގޮތުން ކުރާ އަސަރާއި މެދު ވިސްނާލަނީ މަދު ބަޔެކެވެ. އެއްވެސް ބެލުމެއް ނެތި އަތުޖެހުނު ކޮންމެ ތަނަކަށް ކުނި އެޅުމުގެ ސަބަބުން މި ރީތި ސިޓީގެ ފެހިކަމާއި ރީތިކަން ދަނީ ގެއްލެމުންނެވެ. “ހިތަދޫ އެކި ސަރަހައްދުތައް އެކި ފަހަރު މަތިން ސާފުކުރެވިއްޖެ. އެކަމަކު ފަހު ދުވަހު ހަމަ އެ ވަރަށް ކުނި އަޅާފަ ހުންނަނީ. މި ކަމަކީ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާ ހައްލު ކުރެވޭނެ ކަމެއް ނޫން.”ހިތަދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކުނި މެނޭޖްކުރުމުގެ ގަވާއިދުގެ 10 ވަނަ މާއްދާގައި ވާ ގޮތުން ކޮންމެ ރަށެއްގައިވެސް އުފެދޭ ކުނި އަޅަން ވާނީ އެކަމަށް ހާއްސަކޮށްފައި އޮންނަ އަދި ތަންފީޒީ އިދާރާ އިން ހުއްދަދީފައިވާ ތަންތަނަށެވެ. އަދި ކުނި އެޅުން މަނާތަންތަނުގެ ގޮތުގައި ބައެއް ތަންތަން ކަނޑައަޅައި އެތަންތަނަކަށް ކުނިއެޅުމަކީ ކުށެއްކަމުގައި ކަނޑައަޅާފައިވާއިރު އެފަދަ ތަންތަނަށް ކުނިއަޅާ މީހުންނާއި މެދު ފިޔަވަޅު އެޅުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.

މި ގޮތުން ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 500 ރުފިޔާއާއި 1000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ،ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000 ރުފިޔާ އާއި 3000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން، ހަތަރުވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 3000 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

ތިމާ ދިރިއުޅޭ މާހައުލަކީ ތިމާއާއި އެހެން މީހުންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މިފަދަ ނާތަހްޒީބު އަމަލުތައް ހުއްޓާލަން ޖެހެއެވެ. ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގަން އެބަޖެހެއެވެ. ތަންފީޒީ އިދާރާތަކުން ބަލަންވާ މިންވަރަށް ކަންކަން ބަލާ ފިޔަވަޅު އަޅަން އެބަޖެހެއެވެ.