English Edition
Dhivehi Edition
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ރައީސް އޮފީސް

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމާއި ހަވާލުވެވަޑައިގެން މަސައްކަތް ފަށްޓަވާއިރު އަމާޒަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަކީ އިތުބާރުކުރެވޭ، ހަރުދަނާ އަދި އިންސާފުވެރި މުއައްސަސާއަކަށް ހެދުން ކަމުގައި އެމަޤާމާއި އަލަށް ހަވާލުވެވަޑައިގެންނެވި އަލްއުސްތާޛު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝަމީމް ވަނީ އޭނާ ޕީޖީގެ މަޤާމަށް ޢައްޔަންކުރެއްވުމާއި ގުޅިގެން ހެޔޮ އެދުންތައް ފޮނުއްވެވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އޭނާއަށް ކުރެއްވި އިތުބާރަށްވެސް ޝަމީމް ވަނީ ޝުކުރު ދަންނަވައިފަ އެވެ.

“74/74 އަކީ ސީރިއަސް ނަންބަރެއް. އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް އަރުވަން”، އެ ޓްވީޓްގައި ޝަމީމް ވިދާޅުވެފައި ވެއެވެ.

ޝަމީމް، ޕީޖީގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ އިއްޔެ އެވެ. އަދި އޭނާ ޕީޖީގެ މަޤާމަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާގަ އެވެ. އެ ޖަލްސާގައި ޝަމީމް ޕީޖީ ކަމަށް ޢައްޔަންކުރުމަށް ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެންބަރުންގެ އިއްތިފާގުންނެވެ.

ޝަމީމް ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވަރސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވާފައެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވި ޝަމީމް އަށް، މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ.