English Edition
Dhivehi Edition
އޯޓިޒަމް ވޯކްޝޮޕް 2019:ފޮޓޯ ރައުފާ އޭއޯ ނިއުސް

ނަފްސާނީ ދުޅަހެޔޮ ކަމަށާއި އޯޓިޒަމް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިސްކަން ދެއްވައިގެން މިހާރަށްވުރެ ގިނަ ޙަރަކާތްތައް ރާވާ ހިންގެވުމަށް އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިޤު ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގެންގުޅުމުގައި ޢަމަލު ކުރާނެ ގޮތްތަކާއި ބެހޭ ގޮތުން މިއާންޒް އިންޓަނޭޝަނަލް ސްކޫލްގައި އިއްޔެ ބޭއްވި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ އައްޑޫސިޓީގައި މިއަހަރުތެރޭ އެކި ފަރާތްތަކުން ހިންގެވި ކޭންޕްތަކާއި ވޯކްޝޮޕްތަކުގެ ތެރެއިން އައްޑޫގެ ރައްޔިތުން މިކަމަށް އެދި އެދި ތިބި މިންވަރު ވަޒަން ކުރެއްވުނު ކަމަށާއި މިއީ އަވަސް ފިޔަވަޅެއް އަޅަން ޖެހިފައިވާ ކަމެއް ކަމަށެވެ. މިރޮނގުން މޭޔަރ ގެ ވާހަކަ ކުރިއަށް ގެންދަވަމުން އައްޑޫގެ ސްކޫލް ތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސާތަކުން ނަފްސާނީ ދުޅަހެޔޮ ވެއްޓެއް ޤާއިމް ކުރުމަށް މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ގޮވާލެއްވިއެވެ. ނުކުޅެދުންތެރި ކަމެއް ހުރުމަކީ މުޖުތަމަޢުން ބާކީ ވާންޖެހޭ ކަމެއް ނޫން ކަމަށާއި އެފަދަ ކުދިން އެހެން ކުދިންނާއި އެއް ހަމައެއްގައި ގެނގުޅުމުގައި ތަފާތު ކުރުމެއްނެތި ފުރުސަތުތައް ފަހި ކޮށް ދެވިއްޖެ ނަމަ އެކުދީންވާނީ މުޖުތަމަޢަށް ބޭނުންތެރި ކުދި ބަޔަކަށް ކަމަށް ވިދާޅުވިއެވެ. މިއީ ގިނަ ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށާއި މިފަދަ ކުދިންތަކެއް ބަލާ ގެންގުޅެ އަދި އެކުދީންގެ ޚިދުމަތުގައި ދެމިތިބި ބެލެނިވެރިންނާއި މުދައްރިސުންނަށް މިފަދަ ތަމްރީންތަކެއް ފޯރުކޮށްދެއްވުމުގައި އެޑިއުކެއަރގެ އައްޑޫ ޒޯން ކޯޑިނޭޓަރ އައިމިނަތު ގުލްފިޝާމް ކުރައްވާ ބުރަ މަސައްކަތް ފާހަގަ ކުރައްވާ އެކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. ވޯކްޝޮޕްގެ ބައިވެރީންނާއި މުޚާތަބް ކުރައްވާ މޭޔަރ ވިދާޅުވީ ދަސްވެ އެނގިގެންދިޔަ ކަންތައްތަކުގެ ބޭނުން ކްލާސްރޫމުން ބޭރުގައިވެސް ހިފުމަށާއި ،ދިރިއުޅޭ މާޙައުލާއި ޕާކުތެރޭގައިވެސް އެހުނަރުގެ ބޭނުން ހިފުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައެވެ.

މިރަސްމިއްޔާތުގައި ވޯކްޝޮޕްގެ ބައިވެރިންނަށް ހަނދާނީ ލިއުން ދިނުންވެސް އޮތެވެ. ބައިވެރިންނާއި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ މޭޔަރ ޢަބްދުﷲޞާދިޤެވެ.

މިވޯކްޝޮޕްގެ ބައިވެރިއެއް ކަމަށްވާ ޝަރަފުއްދީން ސްކޫލްގެ ޓީޗަރ އުލްފާ ރަޝީދު ވިދާޅުވީ ސްކޫލް ކަރިކިއުލަމް ގައި ހިމެނޭ ބައިތަކާއި ޗެކް ލިސްޓް ފަދަ ތަކެތި ބޭނުން ކުރާނެ ގޮތް ކަމުގެ ތަޖްރިބާ ކާރެއްގެ އެހީގައި ދަސްވެގެން ދިއުމުން މިއީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމުގައެވެ. “މިސާލަކަށް ޕޮލިސީތައް ހުރޭ އެކަށައެޅިފަ.އެހެންނަމަވެސް އެތަކެތި އެކަށީގެންވާ ގޮތަށް ބޭނުންކުރާނެ ގޮތުގެ ޕްރޮސީޖަރ ދަސްވެގެން މިދިޔައީއަދި ކިރިޔާ. އުލްފާ ވިދާޅުވިއެވެ.

 

އޯޓިޒަމް އެންޑް ލާނިންގ ޑިޒެބިލިޓީ ޓްރޭނިންގ ވޯކްޝޮޕަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންބަލަހައްޓާ ބެލެނިވެރިންނާއި މުދައްރިސުންނާއި ފަންނީ ބޭފުޅުންނަށް ދަރިވަރުންގެ މިޒާޖު ދަނެގަންނާނެ ގޮތާއި އުޅުމާއި ގުޅުން ބައްޓަން ކުރާނެ ގޮތާއި ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމުގައި ޢަމަލު ކުރަންވީ ގޮތްތައް ދަސްކޮށް ދިނުމުގެ ގޮތުން 15 ގަޑި އިރަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ. ވޯކްޝޮޕްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ އެންއައިއީގެ ލެކްޗަރާ އަދި އިންކްލޫސިވް އެޑިއުކޭޝަން ގެ ތަޖުރިބާކާރު ލީޑިންޓީޗަރ ފާތިމަތު ލީނާއެވެ.