English Edition
Dhivehi Edition

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ބައިނަލްއަޤްވާމީ އެވޯޑެއް ލިބިއްޖެ އެވެ.

އެމްޑީޕީ އަށް ލިބިފައި ވަނީ އިންޓަނޭޝަނަލް ޑިމޮކްރެޓް ޔޫނިއަން (އައިޑީޔޫ) އިން އަލަށް ތަޢާރަފްކުރި ބުޝް-ތެޗަރ ފްރީޑަމް އެވޯޑެކެވެ. މި އެވޯޑަކީ އެމެރިކާގެ މިނިވަންކަމާއި ޑިމޮކްރެސީ އަދި ޤާނޫނު ދިފާޢުކުރުމުގައި މަސައްކަތް ކުރެއްވި އައިޑީޔޫގެ ފައުންޑަރުން ކަމުގައިވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް.ޑަބްލިއު ބުޝް އަދި ބޮޑުވަޒީރު މާގަރެޓް ތެޗަރގެ ޝަރަފުގައި ދޭ އެވޯޑެކެވެ.

މި އެވޯޑް އެމްޑީޕީ އަށް ދީފައި ވަނީ އިއްޔެ ބޭއްވި އައިޑީޔޫ ފޯރަމް 2019 ގައެވެ. އެ ފޯރަމްގައި އެވޯޑް ލިބޭ ފަރާތް އިއުލާންކޮށްދެއްވީ އެ ޖަމިއްޔާގެ ޗެއާމަން އަދި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު، ސްޓީފަން ހާޕަރ އެވެ.

އެމްޑީޕީ އަށް މި އެވޯޑް ލިބިފައި ވަނީ ރާއްޖޭގައި ޑިމޮކްރަސީ އަލުން އިއާދަކޮށް، ވަރުގަދަ ދިމޮކްރާތީ މުސްތަޤްބަލުކަމެއް ޤާއިމްކުރުމަށް އެ ޕާޓީ އިން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މި އެވޯޑާ އެމްޑީޕީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

މި އެވޯޑް ލިބުމާއި ގުޅިގެން އެމްޑީޕީ އިން ވަނީ އައިޑީޔޫ އަށް ޝުކުރު އަދާކޮށްފަ އެވެ.

އެމްޑީޕީ އަށް ބުޝް-ތެޗަރ އެވޯޑް ލިބުމާއި ގުޅިގެން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ޕާޓީ އަށް މަރުޙަބާ ދަންނަވައިފަ އެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ މި އެވޯޑަކީ އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި ހަމަހަމަކަން ދިފާޢުކުރުމަށްޓަކައި ތެދުވި ދިވެހިންގެ މަސައްކަތާއި ޤުރުބާނީގެ ރަމްޒެއް ކަމަށެވެ.

ޓެގު