English Edition
Dhivehi Edition

ރޭ ހުޅުމަލޭގައި ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވަނީ އދ. މާމިގިއްޔަށް އުފަން ގާސިމް ޙަސަން ކަމަށާއި އޭނާއަކީ ލޯޔަލް ޓެކްސީ ސާވިސްގެ ޓެކްސީ ޑްރައިވަރެއްކަމަށް އެ ސެންޓަރުން ބުނެފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ ސެންޓްރަލް ޕާކް އުތުރުން އޮންނަ ހިތިގަސް މަގުގައި، ޒަހަމްތަކަކާ އެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 9:07 ގައި ކަމަށާއި ރިޕޯޓް ލިބުމާ އެކު ފުލުހުން އެތަނަށް ގޮސް އެމްބިއުލާންސްގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަކަމަށެވެ.

މި ހާދިސާ އަށް ފަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އަނިޔާވެރި އަމަލު ހިންގި މީހުން ހޯދުމަށް ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުން މަސައްކަތް ފަށާފައިވާ ކަމަށާއި ހުޅުމާލެ އަށް ދަތުރުކުރާ ވެހިކަލްތައް ފާސްކުރަމުން ދާނެ ކަމަށެވެ. އަދި މި އަމަލު ހިންގި ބަޔަކާއިގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ ފުލުހުންނާ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކުރައްވައިފައިވެ އެވެ.

ގާސިމް ދުއްވި ޓެކްސީ ނަމްބަރަކީ 8765އެވެ.ލޯޔަލްސެންޓަރުގެ މުވައްޒަފަކު ބުނީ ރޭ އިރާކޮޅުގެ ވަގުރެއްގައި ޓެކްސީއަށް އަރަން ގާސިމް ނިކުތް ކަމަށާއި އޭގެ ފަހުން ޚަބަރެއް ނުވާ ކަމަށެވެ. ބޮޑެތި ޒަޚަމް ތަކަކާއެކު ގާސިމް ފެނުނީ ރޭ ހުޅުމާލޭ ހިތިގަސްމަގުންނެވެ. ފުލުހުން ގާސިމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރެއް ނުވަނީސް އޭނާ މަރުވެފައިވާކަން ޑޮކްޓަރުންވަނީ ކަށަވަރުކޮށްދީފައެވެ.ގާސިމްގެ ހަށިގަނޑު މިހާރުވަނީ އާސަހަރާއަށް ގެނެވިފައެވެ. ޢާއިލާއިން މަޢުލޫމާތުދޭ ގޮތުގައި ގާސިމްގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރުނަމަދަށްފަހު އާސަހަރާ މިސްކިތުގައެވެ.